ދެ ހަފްތާވީ އިރުވެސް އަބްދުﷲ އިބްރާހިމް ނުފެނޭ

ހޯދަމުންދާތާ ދެ ހަފްތާވީ އިރުވެސް އަބްދުﷲ އިބްރާހީމް ފެނިފައިނުވާތީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ކުޅުދުއްފުށީ ސިޓީ، ލަންދޫގެ އުމުރުން 39 އަހަރުގެ ޢަބްދުﷲ އިބްރާހީމެވެ.
އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި އާއިލާއަށް ހަބަރެއް ވެފައި ނުވާތީއެވެ. އެނގިފައިވާ ގޮތުގައި އެ ދުވަހުގެ ހެނދުނުން ފެށިގެން އޭނާގެ ހަބަރެއް ވެފައެއް ނުވެއެވެ. އޭނާ އެދުވަހު ގެއިން ބޭރަށް ނުކުމެފައިވަނީ ވެސް ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ، އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާކަމަށާއި، އާއިލާއަށް އޭނާގެ ޚަބަރު އެންމެފަހުން ވެފައިވަނީ މި މަހުގެ ދެވަނަ ދުވަހު ނަމަވެސް، މި މަހުގެ ތިންވަނަ ދުވަހުގެ ފަހުން އެއްދުވަހު އޭނާ މާލެ، ވިލިމާލެ ފެރީޓާމިނަލް ކައިރިން އާންމުންގެ މީހަކަށް ފެނުނުކަމަށް އާއިލާ މީހެއްގާތު ބުނެފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
އެހެންކަމުން އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަހުން މީހުން ވީނުވީތަނެއް ނޭނގިގެން ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރާ މިންވަރު ގިނަކަންވަނީ ފާހަގަކުރެވިފައެވެ.
ގިނަ ފަހަރަށް މިގޮތަށް ގެއްލިގެން ހޯދަން ރިޕޯޓުކުރާ ގިނަ މީހުން، ޚަބަރު ފެތުރެން ފެށުމުން އަމިއްލައަށް އެނބުރި ގެއަށް ދެއެވެ. ނުވަތަ ފުލުހަށް ގޮސް ހަވާލުވެއެވެ.
މިފަދަ ކޭސްތައް އަވަހަށް ރިޕޯޓުކުރުމަކީ އާއިލާއާއި ގާތްމީހުން އަދާކޮށްދޭންޖެހޭ ޒިންމާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ