ބޭންކްތައް މެދުވެރިކޮށް އަގުހެޔޮކޮށް ގެދޮރު ގަންނަން ލިބޭ ސްކީމެއް އެމްއެމްއޭއިން ތައާރަފްކުރަނީ

ރާއްޖޭގެ ވިޔަފާރި ބޭންކްތައް މެދުވެރިކޮށް، ހެޔޮއަގުގައި ގޯތި ގެދޮރު ގަންނަން ލިބޭ ސްކީމެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.
އެމްއެމްއޭއިން ބުނީ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިންގ ހަމަޖެއްސުމުގެ މަގްސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް" ނަމުގައި ހިންގުމަށް ނިންމާފައިވާ މި ސްކީމުގެ އުސޫލްތައް މިހާރު ހަދައި އާއްމުކޮށްފައިވާކަމަށެވެ.
އެމްއެމްއޭއިން ބުނީ ހުރިހާ ބޭންކްތަކުން
ލޯން ޕޯޓްފޯލިއޯގެ ތެރެއިން މަދުވެގެން %10 އާއި %15 ދެމެދުގެ އަދަދެއް މި ސްކީމަށް އަށް ކަނޑައަޅަންވާނެ ކަމަށެވެ. މި ސްކީމް 5 އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދާއިރު ސްކީމުގެ
ދަށުން  ދޫކުރާ ފައިނޭންސިންގ ފެސިލިޓީ
އަދާކޮށް ޚަލާޞްކުރަން ޖެހޭ މުއްދަތަކަށް ކަނޑައަޅާފައިވަނީ 25 އަހަރުދުވަހެވެ. ނަމަވެސް
ފެސިލިޓީނަގާ ފަރާތުން އެދިގެން އެއަށްވުރެ ކުރު މުއްދަތެއް ހަމަޖައްސައި
ދެވިދާނެކަމަށް އޮވެއެވެ. އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީގެ އަމާޒަކީ 5 އަހަރު
ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3500 ހައުސިންގ ޔުނިޓަށް މި ސްކީމްގެ ދަށުން
ފައިނޭންސިންގ ހަމަޖެހިގެން ދިއުން ކަމަށެވެ.
ސްކީމްގެ
ދަށުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީތައް ދޫކުރުމަށް މައިގަނޑު ދެ ގޮތެއް
އިޚްތިޔާރުކުރުމަށް ވަނީ ދީފައެވެ. އެއީ، ޓައިޕް އޭ - ލީސް އެންޑިންގ ވިތް އޯނަރޝިޕް އަދި ޓައިޕް ބީ - އެންޑް ޔޫސަރ ފައިނޭންސިންގ
އޮޕްޝަނެވެ.
- އިމާރާތްކުރާ ފަރާތްތައް މެދުވެރިކޮށް ގެދޮރު އިމާރާތްކޮށް، ގެދޮރު ގަތުމަށް
ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސިންގ
ފެސިލިޓީ ދޫކުރެވިގެންދާނެ
- އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ 5 އިންސައްތަ
- ފައިނޭންސިންގ ފެސިލިޓީ
ފޯރުކޮށްދިނުމަށް ހެދިފައިވާ އެއްބަސްވުމާ އެއްގޮތްވާ  ގޮތުގެ މަތިން ކުލި ދައްކާ ނިމުމުން، އެ
ފެސިލިޓީގެ ދަށުން ނަގާފައިވާ ތަނުގެ މިލްކުވެރިކަން، ފެސިލިޓީ ނެގި ފަރާތުގެ ނަން
މައްޗަށް ބަދަލުކުރެވޭނެ
- ފައިނޭންސިންގ ފެސިޓީއާއި
ގުޅިގެން އެއްވެސް ރަހުނެއް އަދި އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ. ނަމަވެސް ކުލީގެ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓްއެއް ބަހައްޓަން ޖެހިދާނެ
- ކަނޑައެޅިފައިވާ
ގެދޮރު އިމާރާތްކުރާ ފަރާތްތަކުން ގެދޮރު ގަތުމަށް އެކަމަށް ޝަރުތު ހަމަވާ
ފަރާތްތަކަށް ސްކީމް ހިންގާ އިދާރާއިން ފައިނޭންސް ދޫކުރެވިގެންދާނެ
- މި މޮޑެލްގެ ދަށުން
ފައިނޭންސިންގ ފޯރުކޮށްދިނުމުގެ އާންމު އުސޫލުތަކާއި، އަގާއި އަދި މުއްދަތު
ކަނޑައަޅާނީ އޮތޯރިޓީއިން އަންގާ ގޮތެއްގެ މަތިން
- ގެދޮރު
ގަންނަ ފަރާތްތަށް އިކުއިޓީގެ ގޮތުގައި %5 (ފަސް
އިންސައްތަ) ބަހައްޓަން ޖެހޭނެ
- ފައިނޭންސިންގ
ފެސިލިޓީން ގަންނަ ތަނުގެ އިތުރުން އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް
ބަހައްޓަން ނުޖެހޭނެ
އެމްއެމްއޭއިން ބުނީ މި ސްކީމްގެ ދަށުން
ގެދޮރު ގަނެވޭނީ އެ އޮތޯރިޓީން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް
އެކަނި ކަމަށާއި  މި ސްކީމްގެ ދަށުން ފައިނޭންސިންގ ފެސިލިޓީ ދޫކުރެވޭނީ
އަލަށް ގެދޮރުވެރިކަމުގެ މިލްކިއްޔާތު ލިބޭ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެފަރާތަކީ
މިސްކީމްގެ ދަށުން ދޫކުރެވޭ ފައިނޭންސިންގ ފެސިލިޓީއަށް މަހުންމަހަށް ދައްކަން
ޖެހޭ އަދަދު ދެއްކުމުގެ ޤާބިލުކަންހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭއިން ބުނީ މާލީ ދާއިރާ
ތަރައްޤީކޮށް ކުރިއެރުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން
އިތުރުކުރުމަށް ހެޔޮ އަގުގައި ފައިނޭންސިންގ ހޯދައިދިނުމަކީ އެމްއެމްއޭއިން
އިސްކަންދޭ ފައިނޭންޝަލް އިންކުލޫޝަން ނުވަތަ މާލީ ބައިވެރިވުމުގެ ބައެއް ކަމަށެވެ.
މިގޮތުން، މާލީ ނިޒާމްގެ ތެރެއިން އާންމުންނަށް ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް
އެކަށީގެންވާ ހެޔޮ އަގެއްގައި ފައިނޭންސް ހަމަޖެހިގެން ދިއުމަކީ މާލީ ނިޒާމުގެ
އިތުރުން ގައުމުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށްވެސް އޭގެ ހެޔޮ އަސަރު
ކުރާނެ ކަމެއްކަމަށް އެމްއެމްއޭއިން ދެކެއެވެ.
އެމްއެމްއޭއިން ވަނީ މީގެ ކުރިން، 2017 ގައި ބޭންކުތައް މެދުވެރިކޮށް މިފަދަ
ހައުސިންގ މަޝްރޫޢުތައް ހިންގާފައިވެއެވެ. އެގޮތުން، އަރަބިއްޔާ އަދި ގާކޮށި
ފްލެޓްތައް ގިން ބަޔަކު އަތްފޯރާފަށުގައި ގަނެފައިވަނީ އެމްއެމްއޭއިން ހިންގި
މިފަދަ ހައުސިންގ މަޝްރޫޢުތަކުންކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ