ފީފާ އެރީނާއާއި ފީފާ ފުޓްބޯލް ފޯ ސްކޫލްސް ޕްރޮޖެކްޓު ރާއްޖޭގައި ހިންގަނީ
ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިން މުހިންމު ޕްރޮޖެކްޓުތަކެއް ހިންގާނެ ކަމަށާއި، އޭގެ ތެރޭގައި ފީފާ އެރީނާ ޕްރޮޖެކްޓާއި ފީފާ ފުޓްބޯލް ފޯ ސްކޫލްސް ޕްރޮޖެކްޓު ހިމެނޭކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ. އިންފަންޓީނޯ މިހެން ވިދާޅުވީ ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ދަތުރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. މީގެކުރިންވެސް ފީފާގެ އެހީގައި ވަނީ މިނީ ދަނޑުތަކެއް އަޅާފައެވެ. އެއީ މިހާރު އެފްއޭއެމްގެ އައު އިމާރާތް އަޅާ ބިމުގައެވެ. ނަމަވެސް މިހާރު އެތަން ބޭނުންކުރަނީ ޓޯ ޔާޑެއްގެ ގޮތުގައެވެ. ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވަނީ އެތަކެއް ފަހަރަކު މި ޕްރޮޖެކްޓު ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަމަލީ މަސައްކަތް ކުރިއަށްގެންދެވުނީ މާލޭގައި އެޅި ދެ ދަނޑަށް އެކަންޏެވެ. އޭގެފަހުން އެ ޕްރޮޖެކްޓުގެ އެއްވެސް ޚަބަރެއް ނުވެއެވެ. ފީފާއިން ދޭ ފައިސާއަށް "ވާނުވާ" ނޭނގޭތީ އޭރު މަޑުޖައްސާލި ޕްރޮޖެކްޓުތަކުގެ ތެރޭގައި މި ޕްރޮޖެކްޓުތައް ހިމެނެއެވެ. https://sun.mv/213082 އިންފަންޓީނޯ ވަނީ ފުޓްބޯޅަ އސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ގެ ލީޑަޝިޕުގެ ދަށުން ދިވެހި ފުޓުބޯޅަ ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވައިފައެވެ. އެގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ތައްޔާރުވާ ފުޓުބޯޅަ މުބާރާތް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އިންފަންޓީނޯ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލާމެދު އެފްއޭއެމްގެ ރައީސް ޠާރިގާ މަޝްވަރާ ކުރެއްވި ކަމަށެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ވިދާޅުވިއެވެ. https://sun.mv/213078 މީގެއިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު ކުޅުނު ފުޓްބޯޅަ މެޗަކީވެސް ވަރަށް ޚާއްސަ ވަގުތުކޮޅެއްކަމަށާއި، މިއީ އުފާވެރި ދަތުރެއްކަމަށް އިންފަންޓީނޯ ފާހަގަކުރެއްވިއެވެ. ރައީސާއި އިންފަންޓީނޯ ބައިވެރިވެވަޑައިގެން ގަލޮޅު ދަނޑުގައި ކުޅުއްވި މެޗު، 6-4 ގެ ނަތީޖާއަކުން ކާމިޔާބުކުރެއްވީ އިންފަންޓީނޯގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ފީފާގެ ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ