ވޯޓުލާން އަންނައިރު ޑިޖިޓަލް އައިޑީގެ ބަދަލުގައި ސީދާ ކާކުކަން އަންގައިދޭ ކާޑު ގެނައުމަށް އިލެކްޝަން ކޮމިޝަން (އީސީ)ން މިއަދު އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އީސީން މިގޮތަށް އިލްތިމާސްކުރީ، އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ ގުޅޭ ގޮތުން މިހާރު ނަގަމުންދާ ވޯޓުގައި ބައެއް މީހުން ވޯޓުލާން އަންނައިރު ޑިޖިޓަލް އައިޑީ ގެންދާތީ އެވެ.
މިއަދު ހެނދުނު 8 ޖަހާއިރު ފެށި މި ވޯޓުލުން ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.
ބުނީ ކީކޭ؟ - އީސީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ އުނައިސް ވިދާޅުވި ގޮތުގައި، ވޯޓުލުން ފެށިގެން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން އަންނަމުންދާކަން ފާހަގަކުރެވިފައިވެ އެވެ. އެކަމަކު ވޯޓުލާން އަންނައިރު ބައެއް މީހުން ގެންނަ ލިޔެކިއުންތަކުގެ މައްސަލަ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، ބައެއް މީހުން ވޯޓުލާން އަންނަނީ އީފާސް ޑިޖިޓަލް އައިޑީ ފޯނުން ދައްކާ ގޮތަށް ކަމަށް އުނައިސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުއްދަ ދީފައި އޮންނާނީ އައިޑީ ކާޑު، ލައިސެންސް އަދި ޕާސްޕޯޓު ކާޑަށް. މިއިން އެއްވެސް އެއްޗެއްގެ ޑިިޖިޓަލް ފޯމެޓެއް ނޫން އަޅުގަނޑުމެން ބަލައިގަންނަނީ. ހަމަ ސީދާ ކާޑު ގެންނަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
"ބައެއް މީހުން ފޯނުން ދައްކާލުމާއި ނޫނީ އީފާސް ޑިޖަޓަލް އައިޑީކާޑު ގެނައުންފަދަ ކަންކަން އެބަދިމާވޭ. އެހެންވީމާ މިޔަށް ސަމާލުކަން ދީގެން ވޯޓުލާން ވަޑައިގަންނަވަން އިލްތިމާސްކުރަން."
އެނގުން މުހިންމު - މި ވޯޓުގައި މިއަދު 11 ޖެހުމާ ހަމަަޔަށް 1189 މީހަކު ވަނީ ވޯޓުލާފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިިބިފައިވާ މީހުންގެ %12.42 އެވެ. މިހާތަނަށް 8387 މީހަކު އަދި ވޯޓެއް ނުލަ އެވެ. އެއީ %87.58 މީހުންނެވެ.
މިހާތަނަށް ވޯޓުލީ:
އަންހެން: 534
ފިރިހެން: 655
އައްޑޫގެ ތިން ރަށެއްގައި އޮންނަ މި ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. މި ވޯޓު އޮންނަނީ ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.
ވޯޓުލާން ޑިޖިޓަލް އައިޑީ ބޭނުމެއް ނުކުރެވޭނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ