ނާސިހު ސީއެސްސީގެ ނައިބުކަމަށް، މިހާރުގެ ނައިބު މުޖުތާޒު ރައީސްކަމަށް އައްޔަންކުރަން ފޮނުވައިފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަމުގައި އެންމެފަހުން ހުންނެވި، މުހައްމަދު ނާސިހު، ކޮމިޝަންގެ ނައިބު ރައީސްކަމަށް، އަދި މިހާރު އެ ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވަމުން އަންނަ މުހައްމަދު މުޖުތާޒު ރައީސްކަމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ދެ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވައިފިއެވެ. ދެ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވީ އިއްޔެއެވެ. ދެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވައިފައެވެ. ސީއެސްސީގެ މެންބަރުކަމަށް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުޖުތާޒު، މިދިޔަ އޭޕްރިލް މަހުގެ 20ވަނަ ދުވަހު އައްޔަންކުރެއްވުމަށް ފަހު އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އައްޔަންކުރެއްވީ ހަމަ އެ މަހުގެ 30ވަނަ ދުވަހެވެ. ހަމަ އެއާއެކު ސީއެސްސީގެ ރައީސްކަން ކުރެއްވި ނާސިހު އެ ކޮމިޝަނަށް އަލުން އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިދިޔަ މަހުގެ ފަހުކޮޅެވެ. ނާސިހުގެ އިތުރުން އެ ކޮމިޝަނަށް ދެން އައްޔަންކުރީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ އާއި ސުޕްރިމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒެވެ. ފާހަގަކުރެވޭ ގޮތުގައި، އަމިއްލަ މަގްސަދެއް ހާސިލްކުރަން އުޅުނުކަމަށް ތުހުމަތުކޮށް، ޝަކުވާ ލިބިފައިވާ ކަމަށް ބުނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނާސިހު ވަކިކުރަން މިދިޔަ ނޮވެމްބަރު މަހު ހުށަހެޅިއެވެ. ނަމަވެސް ހަމަ އެ މަހު މަޖިލީހުން ވަނީ އޭނާ ވަކިނުކުރަން ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ