ތޯރިގު ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް އައްޔަންކޮށްފި

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު، ފީފާގެ ސްޓޭންޑިން ކޮމިޓީއަކަށް އައްޔަންކޮށްފި އެވެ.
ފުޓްބޯޅައިގެ ތަރައްގީއާ ބެހޭ ކަންކަމުގައި ފީފާއަށް ލަފާދޭ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް ތޯރިގު އައްޔަންކުރަން ނިންމީ، އެފްއޭއެެމުން ބުނި ގޮތުގައި، މި މަހު 2 ވަނަ ދުވަހު އޮތް ފީފާ ކައުންސިލް ބައްދަލުވުމުގަ އެވެ. މިއީ ފީފާގެ ސްޓޭންޑިން ކޮމިޓީއަކަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރު ކަމަށް ވެސް، ފުޓްބޯޅައިގެ ގައުމީ އިދާރާއިން ބުންޏެވެ.
ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ތޯރިގު އެފްއޭއެމްގެ ރައީސްގެ މަގާމަށް އިންތިހާބުކުރީ 26 ޖުލައިގައި އޮތް ކޮންގްރެސްގަ އެވެ. ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދެ ދައުރުގެ މުއްދަތު ހަމަވެ، އާ އިންތިހާބު ބާއްވަން އޭރުގެ މެނޭޖްމަންޓުން ގަވާއިދާ ހިލާފަށް ކުރި ކަންކަން ފީފާ އާއި އޭއެފްސީން ހުއްޓުވައި، އާ އިންތިހާބަކަށް ދެވުނީ ދޮޅު އަހަރެއްހާ ދުވަހުގެ ހުސްކަަމަކަށް ފަހު އެވެ.
ކުރީގެ މެނޭޖްމަންޓުން ދެ ފަހަރަށް އިންތިހާބު ބާއްވަން އުޅެގެން ވެސް އެކަން ނުވީ އެއިން ކޮންމެ ފަހަރަކު ތޯރިގު ކުރިމަތިލެއްވުމުން، އޭނާގެ ކެންޑިޑެސީ ގަވާއިދާ ހިލާފަށް ބާތިލްކުރަން އުޅުމުންނެވެ. އެންމެ ފަހުން އިންތިހާބު ބޭއްވުނީ ފީފާގެ ބެލުމުގެެ ދަށަށް އެފްއޭއެމް ގެންގޮސް، ފިފާއިން ކަނޑައެޅި ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތުންނެވެ.
އޭގެ ފަހުން އެފްއޭއެމް އަލުން ހިނގައިގަނެ ފުޓްބޯޅައިގެ ހަރަކާތްތައް މިހާރު ދަނީ ކުރިއަށެވެ. އޭގެ ތެރޭގައި ދެ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދިވެހި ލީގު ބޭއްވުން ހިމެނެ އެވެ.
މި ދަނޑިވަޅު ފީފާގެ ކޮމިޓީއަކުން ތޯރިގަށް ފުރުސަތު ލިބިވަޑައިގަތުމަކީ، އެފްއޭއެމުން ބުނި ގޮތުގައި، ދުނިޔޭގެ ފުޓްބޯޅައިގެ މަތީ ހަރުފަތުގައި ރާއްޖެ ތަމްސީލްކުރަން ވެސް އޮތް ފުރުސަތެކެވެ.
"ތޯރިގުގެ މި ބައިވެރިވުމަކީ ބައިނަލްއަގުވާމީ ސްޓޭޖްގައި ރާއްޖެ ތަމްެސީލްކުރަން ލިބުނު ފުރުސަތެއްގެ އިތުރުން ދުނިޔޭގައި ފުޓްބޯޅަ ކުރިއަރުވަން ވެސް އެހީތެރިވުމެވެ،" އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ތޯރިގުގެ އިތުރުން ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީގައި 34 މެމްބަރުން ތިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ