ރާއްޖޭގައި އެންމެ އާދައިގެ ބަލިތަކަށް ބޭނުންވާ ބޭހުން ފެށިގެން ހާއްސަ ހާލަތްތަކަށް ބޭނުންވާ ބޭސް ނުލިބޭ މައްސަލަ ބޮޑުވެފައިވާއިރު، އެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - މިރޭ ބޭއްވި ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ޔާމީން ވިދާޅުވީ ބަލި މީހުންނަށް ބޭނުންވާ ބޭސްތައް ނުލިބިގެން އުޅޭއިރު މި ސަރުކާރުން އަވަދިނެތި އުޅެނީ ހޮސްޕިޓަލްތަކުގެ ބިންގާ އެޅުމުގައި ކަމަށެވެ.
"މިހާރު ވެސް މި ސަރުކާރުން މި އުޅެނީ ބޭސްގުޅަ ނުގެނެވިގެން. އާސަންދަ އެންހޭންސް ކޮށްލަން މަހެއްގެ މައްޗަށް 30 މިލިއަން ރުފިޔާ އާސަންދައަށް ނުދެވިގެން މި އުޅެނީ،" ޔާމީން ވިދާޅުވި އެވެ.
"އެވަރު ނުކުރެވިގެން އުޅޭއިރު އިހަވަންދޫއަށް ދިޔަޔަސް ހޮސްޕިޓަލެއްގެ ބިންގާ އަޅަނީ. އެހެން ތަނަކަށް ދިޔަޔަސް ހޮސްޕިޓަލެއްގެ ބިންގާ އަޅަނީ. މިއުޅެނީ މި ތަންތަނުގެ ބިންގާ ނޭޅިގެނެއް ނޫން. މި އުޅެނީ މީހުންނަށް ފަރުވާ ދެވޭއިރު ޑޮކްޓަރު ލިޔާ ބޭސްގުޅަ ގަންނަން ނުލިބިގެން."
ތަފްސީލު - އެ މައްސަލައާ ގުޅުވައި، ޔާމީން ސުވާލު އުފެއްދެވީ ސަރުކާރުން ހިލޭ އައިނު ހައްދައިދެނީ ކާކު އަޅަން ކަމާ މެދު އެވެ.
"އެއްޗެއް ނުފެންނަންޏާ، ރާއްޖޭގެ ބޭސް ނެތްކަން ވަޒީރާއި [ރައީސް] މުއިއްޒުއާ އެ ބޭފުޅުންނަށް ނުފެންނަންޏާ އެ ބޭފުޅުން ނޫންތޯ މި އައިނު އަޅަންވީ؟" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ބޭހަކީ އައިނަށް ވުރެ މާ އާދައިގެ އެއްޗެއް ކަމަށާއި ކުރިން ވެސް ރާއްޖޭގައި މީހުން އައިނު ހައްދާ ކަމަށެވެ.
ޔާމީން ވިދާޅުވީ އެއާ ހިލާފަށް ބައެއް ކަހަލަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެ ބޭނުންވާ ބޭހެއް ނުގެނެސްދޭނަމަ ފަރުވާ ނުލިބޭ ކަމަށެވެ.
"ކޮންމެ ފަހަރަކު ސިލޯނަށް މީހަކު ފޮނުވައިގެން، އިންޑިއާ މީހަކު ފޮނުވައިގެން މިކަމެއް ނުވާނެ،" ޔާމީން ވިދާޅުވި އެވެ.
އެންމެ އާދައިގެ ބޭސްތައް ނުގެނެސްދީ، ހިލޭ އައިނު ހެއްދުމާއި ބޮޑު އަގުގައި ޓާޝަރީ ފެންވަރުގެ އެނދު ގެނައުން ފަދަ ކަންކަން ސަރުކާރުން ކުރާތީ ޔާމީން ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި ސަރުކާރަށް ގޮވާލެއްވީ 'ބޭސިކްސް' އަށް ދިއުމަށެވެ.
"މިކަމަށް އެއްވެސް ކަހަލަ ސަމާލުކަމެއް ހެލްތު މިނިސްޓަރު ވެސް ނުދެއްވަނީ. ނޫނީ ހެލްތު މިނިސްޓަރު ދެއްވާކަމަށް ވާނަމަ ފިނޭންސް މިނިސްޓަރު ނުދެނީ،" ޔާމީން ވިދާޅުވި އެވެ.
"ދެންމެ މަލީހު ވެސް ވިދާޅުވި ފިނޭންސް މިނިސްޓަރު އަބަދު ވެސް ބަލަނީ ކޮންމެވެސް ބޮޑު ޕްރޮޖެކްޓަކުން ލާރިގަނޑެއް ނެގޭތޯ."
ބޭސް ނެތް ތަން ސަރުކާރަކަށް ނުފެނޭ؛ އައިނު އަޅަންވީ މި ބޭފުޅުން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ