އަމީރަށް ވެސް ޗިޓު ލިބިއްޖެ، ވިދާޅުވީ އޭސީސީން އުޅެނީ ވަޒީފާގެ ދަހިވެތިކަމުގައި މީހުން ފްރޭމްކުރަން ކަމަށް އަމީރަށް ވެސް ޗިޓު ލިބިއްޖެ، ވިދާޅުވީ އޭސީސީން އުޅެނީ ވަޒީފާގެ ދަހިވެތިކަމުގައި މީހުން ފްރޭމްކުރަން ކަމަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާއި މެންބަރުން އުޅެނީ ވަޒީފާގެ ދަހިވެތިކަމުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކަމަށް ވިދާޅުވެ، އެ މަސައްކަތް ހުއްޓާލަން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ގޮވާލައްވައިފި އެވެ.
އަމީރުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި މިހެން ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ބަދަލު ދިން މައްސަލަތަކުގައި އޭސީސީން ފަށައިގެން އުޅޭ ތަހުގީގަށް ހާޒިރުކުރާތީ އެވެ.
އޭސީސީން ކުރާ ތުހުމަތަށް ރައްދު ދެމުން އަމީރު ވިދާޅުވީ، އޭނާ ވަޒީރުކަށް ހުންނަވައިގެން ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ހުރިހާ ކަމެއްގައި ވެސް ލަފާ ދިނީ ދައުލަތަށް ފައިދާވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަޒީރުކަމުގައި ކޮންމެކަމެއްވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް. އެ ޔަގީންކަން ނަފްސާއި މެދު އެބައޮތް،" އަމީރު ވިދާޅުވި އެވެ.
މި މައްސަލައިގައި އަމީރުގެ ނުރުހުން އަމާޒު ކުރެއްވީ އޭސީސީއަށާއި ރައީސް މުހައްމަދު މުއިއްޒަށެވެ. އޭނާ ވިދާޅުވީ އެއްވެސް އަސާސެއް ނެތް ކަންކަމުގައި އޭސީސީ އާއި ފުލުހަން ގެންގޮސް ބިރުދައްކަން އުޅުނަސް ބިރެއް ނުގަންނަ ކަމަށެވެ.
"އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އަދި ޕޮލިހަށް ގެންގޮސް، ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަނޭ. އަޅުގަނޑުމެން ބޯ ގުދުކުރާނީ ހަމައެކަނީ އާލަމްތަކުގެ ވެރި މާތްﷲ އަށް. މުއިއްޒު ކަހަލަ ހުދުމުހުތާރު ވެރިޔަކަށް ބޯނުލަބާނަން. ކުރާނެ ކަމެއް ކުރަން ވީ،"
އަމީރުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަދި އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު ވެސް މި އޭސީސީއަށް ހާޒިރުކުރެ އެވެ. މައުލޫމާތު ލިބެނީ އެ ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ހާޒިރުކުރާ ކަމަށެވެ.
އޭސީސީގެ ތަހުގީގަށް އަމީރު ހާޒިރުވާން ޖެހެނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ، މެންދުރު 2:30 އަށެވެ. ފައްޔާޒު ހާޒިރުވާން ޖެހެނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:30 ގަ އެވެ.
ގޯސްކޮށް ބަދަލު ދިން ކަމަށް ސަރުކާރުން ތުހުމަތުކުރާއިރު، ފައްޔާޒު ހާޒިރުކުރާ މައްސަލައިގައި، ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ ވަނީ އެއީ ދައުލަތަށް އެންމެ ފައިދާ ބޮޑު ނިންމުން ކަމަށް ވިދާޅުވެފަ އެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ސަރުކާރުގައި ނުހައްގުން ހުއްޓުވާލި ޕްރޮޖެކްޓުތަކުގެ ބަދަލުގައި، އޭނާއަށް ޕްރޮޖެކްޓުތަކެއް ނުދިން ނަމަ ކޯޓަށް ގޮސްގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި މާ ބޮޑު އަދަދެއް ދޭން ޖެހުނީހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ