ފިލްމު 'ދިވާނިއްޔަތު' ބޮކްސް އޮފީހުގެ ބޮޑެތި ފިލްމުތަކާ އެއް ހަރުފަތަކަށް ދަތުރުކުރަނީ

މި ނިމުނު އޮކްޓޯބަރު މަހުގެ 21ގައި ރިލީޒްކުރި ބޮލީވުޑް ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ބޮކްސް އޮފީހުގެ ރިޕޯޓަކާ ހަވާލާދީ މީޑިއާތަކުން ބުނީ މި ފިލްމަށް ލިބެމުން އަންނަ ތަރުހީބަށް ބަލާފައި ބޮކްސް އޮފީހުގައި ރެކޯޑު އަދަދަކަށް ހިނގާފައިވާ ފިލްމުތައް ކަމަށްވާ "ޗާވާ"، "އިސްތިރީ 2"، "ސައްޔާރާ" އަދި "ސިންގްހަމް އަގެއިން"އާ އެއް ހަރުފަތަކަށް ފިލްމު ދަތުރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ފިލްމު "ދިވާނިއްޔަތު"އަކީ މަތީގައި ފާހަގަކުރެވުނު ފިލްމުތަކާ އަޅާ ބަލާއިރު ބަޖެޓުގެ ގޮތުންވެސް ވަރަށް އާދައިގެ ފިލްމެކެވެ. ނަމަވެސް މިހާތަނަށް ބޮކްސް އޮފީހުގައި ފިލްމަށް ލިބެމުން އަންނަ ކާމިޔާބީއަށް ބަލާފައި ކުރިއަށް އޮތީ ފިލްމަށް އުފާވެރި ދުވަސްތަކެއް ކަމަށް ފަސްޓްޕޯސްޓުގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ. ހަރްޝް އަދި ސޯނަމް ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ ފިލްމީ ތަރިން ކަމަށްވާ ހަރްޝްވަރުދަން ރާނޭ އަދި ސޯނަމް ބާޖްވާ ލީޑް ރޯލް ކުޅެފައިވާ "ދީވާނިއްޔަތު"އަކީ އެންމެ 25 ކްރޯޑު ރުޕީސް (ތިން މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ނަމަވެސް ބޮކްސް އޮފީހުގައި މިހާތަނަށް ފިލްމަށް ވަނީ 10 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މި ފިލްމަށް ލިބެމުންދާ ތަރުހީބަށް ބެލުމަށްފަހު މިހާރުގެ އޯޑިއަންސްއިން އާދައިގެ ލޯބީގެ ފިލްމުތަކަށް ބޭނުންވެފައިވާ މިންވަރު ރަނގަޅަށް ދައްކުވައިދޭ ކަމަށް ބައެއް ފިލްމު ކްރިޓިކުން ވަނީ ބުނެފައެވެ. ފިލްމު ޓްރޭޑް އެނަލިސްޓު އަދި މަޝްހޫރު ފިލްމު ކްރިޓިކު ތަރަން އާދަޝް "ދިވާނިއްޔަތު" ފިލްމު ބެލުމަށްފަހު ބުނީ މި ފިލްމު ބިނާކޮށްފައި ވަނީ ވަރަށް ވަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ކަމަށެވެ. ފިލްމުގައި ގެނެސްދިން ވާހަކައާ އެއްވަރަށް ފިލްމުގެ މިއުޒިކް ވެސް އެހާ މޮޅު ކަމަށާއި ޑައިރެކްޓަރު މިލަޕް ޒަވޭރީ ވަނީ ލޯބީގެ ހުރިހާ ޖަޒުބާތަކާއި އިހުސާސްތަކެއް ފިލްމުގައި ހިމަނާފައި ކަމަށް ތަރަން ވަނީ ބުނެފައެވެ. ހަމައެއާއެކު މިފަދަ ލޯބީގެ ފިލްމަކަށް އެހާ ރަނގަޅަށް އިންސާފުކޮށްދެވޭނީ އެކްޓަރު ހަރްޝްވަރުދަންއަށް ކަމަށް ބުނެ ބަތަލާ ސޯނަމް ބާޖްވާގެ ކެރެކްޓާއަށް ވެސް ތަރަން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ހަރްޝް ވަނީ މުމްބާއީގައި ފިލްމު ރިލީޒްކުރި ބައެއް ސިނަމާތަކަށް ވެސް ގޮސްފައެވެ. އޯޑިއަންސްގެ ފަރާތުން ފިލްމަށް ލިބެމުންދިޔަ ތަރުހީބު ފެނި ބެލުންތެރިންނަށް ހަރްޝް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ