އެމްޕީއެލްގެ މުވައްޒަފުން ހިމެނޭ ގޮތަށް އެކްސްކަވޭޓަރު ބާލަން އުޅުނު އެއްވެސް މީހަކު ލައިފްޖެކެޓެއް ނާޅާ އެމްޕީއެލްގެ މުވައްޒަފުން ހިމެނޭ ގޮތަށް އެކްސްކަވޭޓަރު ބާލަން އުޅުނު އެއްވެސް މީހަކު ލައިފްޖެކެޓެއް ނާޅާ

މުދާ އުފުލާ ބޯޓަކުން ކޮޅުވެއްޓިއަކަށް ދެ އެކްސްކެވޭޓަރު ބާލަން އުޅުމުގެ ތެރޭގައި ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މީހަކު ނިޔާވި ހާދިސާގައި ހަރަކާތްތެރިވި އެއްވެސް މީހަކު ލައިފްޖެކެޓު ނާޅާކަން އެނގިއްޖެ އެވެ.
އެ ހާދިސާ ހިނގި އިރު ކޮޅުވެއްޓީގައި 14 މީހަކު ތިއްބެވެ. ހާދިސާގައި ނިޔާވީ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ، 25، އާއި ބަންގްލަދޭޝަށް ނިސްބަތްވާ މަސްއޫދު ހުސެއިން، 32، އެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު މަދުވެގެން އެމްޕީއެލްގެ އަށް މުވައްޒަފުން ތިއްބެވެ.
ބޯޓު ބަނދަރާ ކައިރިނުކޮށް ކަނޑުމަތީގައި ކުރިއަށްގެންދާ "ލިފްޓިން އޮޕަރޭޝަން" ތަކަކީ އޭގެ ޒާތުގައި ވެސް ނުރައްކާތެރި މަސައްކަތެކެވެ. އެފަދަ މަސައްކަތެއް ކުރިއަށްގެންދިޔުމުގެ ކުރިން ސޭފްޓީ ޗެކެއް ހަދަންޖެހެ އެވެ. އަދި މަސައްކަތުގައި ހަރަކާތްތެރިވާ މީހުން އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅަންޖެހެ އެވެ.
ނަމަވެސް އަދަދު އަށް އެނގިފައިވާ ގޮތުގައި އިއްޔެ ލިފްޓިން އޮޕަރޭޝަން ކުރިއަށްގެންދިޔައިރު ސޭފްޓީ ޗެކެއް ނުހަދަ އެވެ. އަދި އެމްޕީއެލްގެ މުވައްޒަފުން ހިމެނޭ ގޮތަށް މަސައްކަތުގައި އުޅުނު މީހުން ތިބީ ސަލާމަތީ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅަ އެވެ. އެގޮތުން، މަސައްކަތުގައި ހަރަކާތްތެރިވި މީހުން އެންމެ ކުޑަމިނުން ލައިފްޖެކެޓެއް ވެސް ނާޅަ އެވެ.
އޭގެ އިތުރުން، އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ގިނަ މީހުންނަކީ ސޭފްޓީ ތަމްރީނު ހަދާފައިނުވާ މީހުންކަން ވެސް އެނގިފައިވެ އެވެ. އަދި ނިޔާވި އެމްޕީއެލްގެ މުވައްޒަފަކީ ވަރަށް ފަހުން އެތަނުގެ ވަޒީފާއަށް ވަން މީހެއް ކަމަށް ވެސް އެނގިފައިވެ އެވެ.
އެކްސްކެވޭޓަރު ނުވަތަ ހައިމާކު ބާލަން އުޅުނީ ބަނދަރާ ކައިރި ކޮށްފައި އޮތް ބޯޓަކުން، ކޮޅުވެއްޓިއަކަށް އަރުވައިގެންނެވެ. ޔަގީންވެފައިވާ ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލަން ދިމާވި މައިގަނޑު ސަބަބަކީ އޭގެ ތެރޭގައި އެކްސްކެވޭޓަރު ދުއްވުމެވެ.
އައި އެންޑް ސީ ހަލީމާ ނަމަކަށް ކިޔާ އެ ކޮޅުވެއްޓިއަށް ދެ އެކްސްކެވޭޓަރު އެރުވި އެވެ. ދެ އެކްސްކެވޭޓަރު އެރުވުމުން މުޅި ކޮޅުވެއްޓި އޮތީ ފުރިފަ އެވެ. ކޮޅުވެއްޓި ބަންދުން ޖަހާލީ އެމްޕީއެލް އިން އަންގައިގެން އެ ތަނުގެ މުވައްޒަފަކު އެކްސްކެވޭޓަރެއް ކޮޅުވެއްޓި ތެރޭގައި ދުއްވުމުން، ކޮޅުވެއްޓި އަރިއަޅާލައިގެންނެވެ.
އޭގެ އިތުރުން، އެމްޕީއެލްގެ ސޭފްޓީ ކަންކަމާ ހަވާލުވެ މިވަގުތު ހުރި އެންމެ އިސް ފަރާތަކީ އެކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް، ކުރިން ހިއުމަން ރިސޯސާސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި ޖޫނިއާ މުވައްޒަފެއް ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.
މަސައްކަތުގެ މާހައުލުގެ ސަލާމަތާ ގުޅޭ ގާނޫނުގައިވާ ގޮތުން، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ. މަސައްކަތް ކުރާ ތަނުގައި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ނޫން ބަޔަކު ތިބި ނަމަ އެމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވެސް ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރުމަށް ބޭނުންވާނެ އެކަށީގެންވާ އިރުޝާދާއި މައުލޫމާތާއި ތަމްރީނު އަދި ސުޕަރވިޒަން ގަވާއިދުން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަކީ ވެސް ގާނޫނުގައިވާ ގޮތުން ވަޒީދާ ދޭ ފަރާތުގެ ޒިންމާއެކެވެ.
މި ހާދިސާގައި ތަހުގީގު ކުރިއަށްދާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވި އެވެ. ނަމަވެސް، އެ މައްސަލައިގައި އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އަދި ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ