އަނިޔާއިން ކުދިން ރައްކާތެރި ކުރާނީ ކިހިނެއް؟

ކުދިންނަށް އުފާވެރި ކުރިމަގެއް ހޯދައި ދިނުމަށްޓަކައި އަނިޔާއިން އެ ކުދިން ރައްކާތެރި ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ކުދިން އަނިޔާއިން ރައްކާތެރި ކުރެވޭނީ އެކަން ކުރާނެ ގޮތް ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް އެނގިގެންނެވެ. ކުދިންނަށް ކުރިމަތިވެދާނެ އަނިޔާގެ ބާވަތްތަކާއި، އަނިޔާ ކުރިމަތިވެދާނެ ގޮތްތަކާއި، ކުއްޖަކަށް އަނިޔާއެއް ލިބިފައިވާ ނަމަ އެކަން ދެނެގަންނާނެ ގޮތާއި، ކުއްޖަކަށް އަނިޔާއެއް ލިބުމުން ދެން ކަންކުރަންވީ ގޮތްވެސް އެނގިގެންނެވެ.
ކުދިން އެންމެ ގިނަ ވަގުތު ހޭދަކުރާ ތަނަކީ އެ ކުދިން ދިރިއުޅޭ ގެ ކަމަށް ވުމާއެކު އެންމެ ފުރަތަމަ ސަމާލުވާން ޖެހޭނީ ގޭތެރެ އަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމަށެވެ. މިކަން ހާސިލު ކުރުމަށްޓަކައި ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަކީ އަނިޔާއާ ދުރު ބަޔަކަށް ވާން ޖެހެ އެވެ. މަޑުމައިތިރިކަމާއި، އޯގާތެރިކަމާއެކު ކުދިންނާ މުއާމަލާތުކުރާ ބަޔަކަށް ވާން ޖެހެ އެވެ.
ކުދިންގެ ފަރާތުން ފެންނަން ނޭދޭ ކަންކަން އެ ކުދިންގެ ފަރާތުން ފެންނަ ދަނޑިވަޅުތަކުގައި ވެސް ރުޅިވެރިކަން އެއްފަރާތްކޮށް ކެތްތެރިކަމާއެކު އެކަންކަމަށް އިޖާބަ ދޭން އެނގޭ ބަޔަކަށް ވާން ޖެހެ އެވެ.
މައިންބަފައިންނާއި ކުދިންނާ ރަނގަޅު ގުޅުމެއް އޮތުމަކީ ގޭތެރެއިން ކުދިންނަށް ކުރިމަތިވެދާނެ އަނިޔާ އިން އެ ކުދިންނަށް ރައްކާތެރިކަން ލިބުމަށް މަގުފަހިވާ ކަމަކަށް ވާފަދައިން އެއީ ގެއިން ބޭރުން ކުދިންނަށް ލިބިދާނެ އަނިޔާއަކުން ރައްކާތެރިވުމަށް ވެސް ލިބޭ ބާރަކަށްވެ އެވެ.
ކުދިންނާ މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ނަމަ އަނިޔާއިން ރައްކާތެރިވާނެ ގޮތްތައް މައިންބަފައިންގެ ފަރާތުން ކުދިންނަށް އެނގެން މަގުފަހިވެ އެވެ. އަދި މީގެ އިތުރުން ކުއްޖަކަށް އަނިޔާގެ ހާލަތެއް ކުރިމަތިވާ ހިނދު އެކަން ކުދިންގެ ފަރާތުން އެކުދިންގެ މައިންބަފައިންނަށް އެނގުމުގެ ފުރުސަތު ވެސް ބޮޑުވާނެ އެވެ.
ކުޑަކުދިންނަށް އެންމެ ގިނައިން ކުރިމަތިވާ އެއް ބާވަތުގެ އަނިޔާގެ ގޮތުގައި ތަފާސް ހިސާބުތަކުން ދައްކައި ޖިންސީ އަނިޔާއާ ގުޅުވައިގެން މިސާލެއް ނަގާނަމެވެ. ޖިންސީ އަނިޔާގެ ޝިކާރައަކަށް ވަރަށް ތުއްތު ކުދިން ވެސް ވެއެވެ. ކޮންމެ ފަހަރަކު ޖިންސީ އަނިޔާގެ ޝިކާރައަކަށް ކުދިން ވަނީ ގެއިން ބޭރުގައި ވަނިކޮށެއް ވެސް ނޫނެވެ. ގޭތެރޭގައި އުޅޭ އަދި ކުއްޖާއާ ގާތް ގުޅުމެއް އޮންނަ މީހުންގެ ފަރާތުން ކުދިންނަށް ކިތަންމެ ފަހަރަކު ޖިންސީ އަނިޔާއާ ކުރިމަތިވެފައި އެބަހުއްޓެވެ.
އިންޓަނެޓް މެދުވެރިކޮށް މާ ދުރުގައި ހުންނަ މީހަކު ކުއްޖާ ޖިންސީ ޝިކާރައަކަށް އެބަ ހަދަ އެވެ. މިއީ ހައްތަހާ ވެސް ކުދިންގެ މައިންބަފައިންނަށް އެނގުން މުހިންމު ކަންކަމެވެ.
މި ފާހަގަކުރި ކަންކަމާ މެދު މައިންބަފައިން ހޭލުންތެރިވުމުގެ އިތުރުން މިފަދަ އަނިޔާއަކުން ކުދިން އަމިއްލަ އަށް ރައްކާތެރިވުމަށްޓަކައި ކުރެވޭނެ ކަންކަން ކުދިންނަށް ބުނެދޭން ޖެހެ އެވެ. ކުދިންގެ އުމުރާ ގުޅޭ ގޮތުން އެ ކުދިންނަށް ފަސޭހައިން ނަގައިގަނެވޭނެ ބަސްތައް ބޭނުންކޮށްގެންނެވެ. ކުދިންނަށް އެފަދަ އަނިޔާއެއް ކުރިމަތިވުމުން ލަސްނުކޮށް މައިންބަފައި ގާތު ބުނަން ހިތްވަރު ދޭން ވެސް ވާނެ އެވެ. އަދި އެފަދަ ކަމެއްގެ ވާހަކަ ކުއްޖަކު ބުނެފި ނަމަ މައިންބަފައިން އެކަމަށް އިޖާބަދީ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ލަސްނުކޮށް ފިޔަވަޅު އަޅަން ވާނެ އެވެ.
އިންޓަނެޓްގެ ޒަރިއްޔާއިން ކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކަކީ މައިންބަފައިން މިއަދު އެންމެ ބޮޑަށް ސަމާލުވާންވީ އެއް ދާއިރާ އެވެ. ކުދިން ގޭގައި ތިބުމުން އެކުދިންގެ ރައްކާތެރިކަން ކަށަވަރުވީ ކަމަށް ކުރިން ބެލެވުނަސް މިހާރު ކަން އޮތީ އެހެންނެއް ނޫންކަން މައިންބަފައިން މިއަދު ގަބޫލު ކުރަން ޖެހެ އެވެ.
އިންޓަނެޓާ ގުޅިފައި ހުންނަ ފޯނު ނުވަތަ ޓެބްލެޓް ބޭނުންކުރަން ކޮޓަރީގައި އިންނަ ކުއްޖާ އެ އިންނަނީ މުޅި ދުނިޔެއާ ގުޅިފައިކަން މައިންބަފައިން މިއަދު ދަންނަން ޖެހެ އެވެ. އެކުދިން ވާހަކަ ދައްކަނީ ކޮން ބަޔަކާތޯ ބަލަން ޖެހެ އެވެ. އެ ކުދިން އިންޓަނެޓް މެދުވެރިކޮށް ބަލަނީ ކޮން އެއްޗެއްތޯ ޔަގީން ކުރަން ޖެހެ އެވެ. މިކަން ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. ކޮން މެފަހަރަކު ކުއްޖާ ގެންގުޅޭ ޑިވައިސް އަތުނުލާ ވެސް ކުއްޖާ އެއިން ކުރާ މުއާމަލާތުތައް ދެނެގަންނަން ބޭނުން ކުރެވޭނެ ކިތަންމެ ވަސީލަތެއް ވެސް އެބަހުއްޓެވެ. ކުރަންވީ ކަމަކީ މިކަންކަން ދެނެގަނެ އެކަންކަމާ މެދު ހޭލުންތެރިވުމެވެ.
މަސްދަރު: ފެމިލީ މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ