ހުއްޓާނުލާ އަބުރުކަތިލަމުން ރައްކާތެރިކުރަން އުޅެނީ ކޮންއަބުރެއް!

ރައީސް މުއިއްޒާއި ވަޒީރުންނާއި ސަރުކާރުގެ ސިޔާސީ ވެރިން ހުއްޓާނުލާ ކުރަމުން އައިކަމަކީ ވާދަވެރިންގެ އަބުރު ކަތިލުމެވެ. ދޮގު ތުހުމަތުކޮށް ފިތުނަ އުފެއްދުމެވެ. ސަރުކާރުގެ ވާދަވެރިންނާއި ދެކޮޅަށް ނަފުރަތު އުފައްދާ ކުރީގެ ވެރިންނަށް ވަގަށް ގޮވުމަކީ މުއިއްޒުގެ ސިޔާސީ ވެރިންނާއި މުއިއްޒުގެ ކުލީ ނޫސްވެރިންނާއި ކުލީ ނޫސް އެޖެންސީތަކުގެ މަސްއޫލިއްޔަތެއް ކަހަލައެވެ. 
ޒާތްޒާތުގެ ކޮންޓެންޓް ހަދައިގެން މުޖުތަމައު ފަސާދަކުރުން ނޫންކަމެއް މުއިއްޒުގެ އައުވާނުން މީޑިއާގައި ނުކުރެއެވެ. ސަރުކާރު ހިންގުމުގެ އާރާ ބާރުގައި ތިބެގެން ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުރެވެން ހުރި ކަންކަން ނުކޮށް މާސްމީޑިއާ އާއި ސޯޝަލް މީޑިއާގައި މީހުނަށް ވަގަށް ގޮވުމާއި ސާބިތު ނުހިފޭ ވާހަކަ ދައްކާ މުޖުތަމައު ފަސާދަ ކުރުމަކީ މުއިއްޒު ސަރުކާރުގެ ޒިންމާއެއް ކަހަލައެވެ. ވަޒީރުންނާއި ސިޔާސީވެރިންނާއި ބާނދީންނަށް އެހެން ކަމެއް ނެތްކަން ޔަގީންވާ ވަރަށް އެކްސް އިން އެކަނިވެސް ސާބިތުވާނެއެވެ. 
އަބުރު ރައްކާތެރިކުރާ ވާހަކަ ދައްކާ ސަރުކާރާއި މުއިއްޒުގެ އައުވާނުން ކުރީގެ ވެރިންގެ ބޮލުގައި ނާޅުވާ ތުހުމަތެއް ނެތެވެ. ތުހުމަތު ކުރެވޭ ވައްކަމެއް ހިޔާނާތެއް މައްސަލައެއް ނުބަލާ ތިބެ ހުއްޓާނުލާ ގޮވަނީ ވަގަށެވެ. ކުރީގެ ހުރިހާ ރައީސުންނާއި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި އެނޫންވެސް ބޮޑެތި ތުހުމަތުތައް ސަރުކާރުން ކުރާ އެންމެން މިނިވަން ކަމާއެކު އެތިބީ ރާއްޖޭގައެވެ. އަބުރުކަތިލަން ނޫޅެ ހިތްވަރު ހުރިއްޔާ ތުހުމަތުތައް ބަލާ އަޅަންޖެހޭ ފިޔަވަޅެއް އަޅާ ބަލާށެވެ. 
ލަންބާ ޗޯޅާ ވާހަކަ ނުދައްކާ ހިއްވަރެއް ހުރިއްޔާ ތުހުމަތުކުރާ މައްސަލަތައް އިންސާފުވެރިކަމާއެކު ބަލާ ކުށްވެރިވާ މީހަކަށް އަދަބު ދީބަލާށެވެ. ކުށުގެ ތުހުމަތުތައް ބަލާ ފިޔަވަޅުއަޅަން ސަރުކާރަށް އޮތީ ކޮން ހުރަހެއް ހެއްޔެވެ. ހުއްޓާނުލާ މީޑިއާގައި މީހުނަށް ވަގަށް ގޮވާ އަބުރުކަތިލާ ހެދުމުން އިންސާފު ލިބެނީ ހެއްޔެވެ. އިންސާފު ހޯދުމުގެ ބަދަލުގައި މީހުންގެ އަބުރަށް އަރައިގަތުމަށް މީޑިއާގެ ބޭނުން އެންމެ ބޮޑަށް ހިފަނީ މުއިއްޒު ސަރުކާރުންކަން އެކަކަށްވެސް އޮޅިފައެއް ނެތެވެ.
ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރަން މާތް ރަސްކަލާނގެ ގަންދީ ހުވާކޮށްގެން ތިބީ މުއިއްޒާއި މުއިއްޒުގެ އައުވާނުންނެވެ. ރައްޔިތުންގެ ހައްގުތަކަށް އަރައި ގަންނަމުން ދައުލަތް ލޫޓުވަމުން ހިންގާ ޖަރީމާތައް ފޮރުވަން އަބުރު ރައްކާތެރިކުރުމުގެ ނަމުގައި މީޑިއާ ކޮންޓްރޯލް ކުރަނީ ކާކުގެ ކޮން އަބުރެއް އޮވެގެން ހެއްޔެވެ. ލޫޓުވުންތައް ފޮރުވަން ނޫސްވެރިކަން ކޮންޓްރޯލް ކުރަން ހަދާ ގާނޫނަކުން އަދަބުދެވޭ އަބުރުކިޔުގައި ވެސް ތިބޭނީ މުއިއްޒުގެ ސިޔާސީ ވެރިންނާއި މުއިއްޒުގެ މުސާރަވެރި އަޅުކުދިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ