ނުރަސްމީ ގަޑީ ރަސްމީ މަސައްކަތް ކުރެވޭހެން "ފްލެކްސިބިލިޓީ އުސޫލް" ތައާރަފްކޮށްފި

ބައެއް އޮފީސްތަކުގައި މަސައްކަތް ރޭވިފައި ހުންނަ ގޮތުގެ ސަބަބުން، ސަރުކާރުގެ ރަސްމީ ގަޑީ، މަސައްކަތް ކުރަން ދަތިވާ މުވައްޒަފުންނަށް ނުރަސްމީ ގަޑީ، ރަސްމީ މަސައްކަތް ކުރެވޭހެން އުސޫލެއް ތައާރަފްކޮށްފިއެވެ. "ސަން"އާ ވާހަކަދައްކަވަމުން ނޭޝަނަލް ޕޭ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ، އޮފިޝަލް ވިދާޅުވީ ބައެއް ފަންނީ މަސައްކަތްތައްކަމަށްވާ، އައިޓީ އޮފިސަރުންނާއި، މެެއިންޓެނެންސް އޮފިސަރުން ފަދަ މަގާމުތަކުގެ މަސައްކަތަކީ ސަރުކާރުގެ ރަސްމީ ގަޑި ކަމަށް ކަނޑައަޅައިފައި އޮންނަ ވަގުތުގައި ބައެއް ހާލަތްތަކުގައި ނުކުރެވޭ މަސައްކަަތް ކަމަށެވެ. އެގޮތުން އޮފީހެއްގެ ސޮފްޓްވެއާތައް އަޕްޑޭޓުކުރުމާއި، އެހެނިހެން މަސައްކަތަކީ މުވައްޒަފުން ރަސްމީ ގަޑީ މަސައްކަތް ކުރާ ވަގުތު ކުރަން ދަތިވާ ފަދަ ކަންކަން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެެހެންކަމުން ފްލެކްސިބިލިޓީ އުސޫލުގެ ދަށުން ފަހިވަނީ އެފަދަ މަގާމުތަކުގައި މަސައްކަތްކުރާ މީހުންނަށް ރަސްމީ ގަޑީގެ ބޭރުން މަސައްކަތްކުރަން ކަމަށާއި، އަދި އެ މަސައްކަތް ކުރާ ގަޑިއެއް އެއީ ރަސްމީ ގަޑީގައި ކުރި މަސައްކަތުގެ ގޮތުގައި ބެލުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. "އެހެންވީމާ، މިސާލަކަށް އައިޓީ އޮފިސަރަކު ހަވީރު ހަތަރެއް ޖަހާއިރު މަސައްކަތް ކުރަން ނިކުންނަ ނަމަ، އެ މީހެއްގެ ރަސްމީ ގަޑި ކަަމަށް ބަލާނީ އެ ނިކުންނަ ގަޑި. އަދި އެ މަސައްކަތް ބަލާނީ ރަސްމީ ގަޑީ ކުރާ މަސައްކަތުގެ ގޮތުގައި،" މީގެ ކުރިން މި ފަދަ އުސޫލެއް ނެތުމުން، އޮފީސް މަރާމާތު ކުރާ މެއިންޓެނެންސް މުވައްޒަފުންނާއި، ސަރުކާރު ހިންގާ ރަސްމީ ގަޑީ މަސައްކަތްކުރަން ދަތިވާ އެފަދަ މުވައްޒަފުންނަށް ވެސް ޖެހެނީ ހެނދުނު 08:00 ޖަހާއިރު އޮފީހަށް އައިސް، 14:00 ޖެހުމާ ހަމައަށް މަޑުކުރާށެވެ. އަދި އެއަށްފަހު އިތުރު ގަޑީ ފައިސާ ނުވަތަ އޯޓީގައި މަސައްކަތް ކުރާށެވެ. ނަމަވެސް ފްލެކްސިބިލިޓީ އުސޫލާއެކު އެ ކަަމަށް ނިމުން އަންނާނެއެވެ. މި ބަދަލު މި ގެނައީ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން 20،000 މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވަނިކޮށެވެ. އެހެންނަމަވެސް، ޕޭ ހާމަނައިޒޭޭޝަންގެ ސަބަބުން އައި ބަދަލާ ގުޅިގެން ބައެއް ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވާކަމުގެ ކަންބޮޑުވުން މުވައްޒަފުން ދަނީ ފާޅުކުރަމުންނެވެ. އެއީ އޯވަޓައިމް ފައިސާ ވަކި މިންވަރަކަށް ކެޕްކުރުމުންނެވެ. ރައީސް ވަނީ، މުސާރަތައް ބޮޑުކުރުމާ ގުޅުވައި ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ ވާހަކަދައްކައި، ކަންބޮޑުވުމެއް އޮތް ނަމަ އެކަމެއް ހައްލު ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އެ ބަދަލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނީ، އިތުރު ވަގުތުގެ ފައިސާ މުސާރައިގެ 10 ޕަސެންޓަށް ވުރެ އިތުރަށް ނުދޭ ގޮތަށް ނިންމީ ސިވިލް ސާވަންޓުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ޓަކައި 'ވޯކް ލައިފް ބެލެންސް'އެއް ގެންގުޅުމަށް ބާރު އެޅުމަށް ކަމަށެވެ. މީގެ އިތުރުން ވަޒީފާގެ ރަސްމީ ވަގުތު ފެންވަރު ރަނގަޅު ޚިދުމަތްދިނުމަށް ބާރު އެޅުމާއި ބައެއް މަސައްކަތްތަކުގެ ބާވަތުން މުވައްޒަފުންނަށް ލުއިފަސޭހަ ގަޑިތައް ހަމަޖައްސައިދީ ބޭކާރުވާނެ ވަގުތު ސަލާމަތްކުރުމަކީ ވެސް އެ ބަދަލު ގެނައި ސަބަބެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ