ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަންގައި އަތުލައިގަތީ 29 ކިލޯގެ މަސްތުވާތަކެތި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިިންގާ ބޮޑު އޮޕަރޭޝަން، އޮޕަރޭޝަން އަލިމަގުގައި 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 1 އިން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް ޑްރަގް އެންފޯސްމެންޓު، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ މި މަހުގެ 1 އިން 13އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި:
500 ފުލުހުން ބައިވެރިވި
ރާއްޖޭގެ 5 ސަރަހައްދެއްގައި 39 ރަށެއްގައި އޮޕަރޭޝަން ކުރިއަށް ގެންދިޔަ
105 ތަނެއް ބަލައި ފާސްކުރި
110 މީހުން ހައްޔަރު ކުރި
ތަފްސީލް - ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް ވިދާޅުވީ އޮޕަރޭޝަނުގެ ތެރެއިން 110 މީހުން ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށެވެ.
އޭނާ ވިދާޅުވީ:
ހައްޔަރުކުރި މީހުންގެ ތެރެއިން 38 މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ބަންދު ޖަހާފައިވޭ
ބަންދުގައި ތިބީ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ބަންދުގައި ތިބި މީހުންގެ އިތުރުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާއޮތް މީހުންނާއި ހެއްކަށް ނުފޫޒުފޯރުވައިފާނެ މީހުން
ފުލުހުން ބުނީ މި އޮޕަރޭޝަނުގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު ގއ. އަދި ގދ. އަތޮޅު ހައްޔަރުކޮށްފައިވާ ކަމަށެވެ. މާލެއިން ވެސް އެފަދަ 2 މީހަކު ހައްޔަރުކުރި ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުުވުމުގައި ހާމަކުރި އެވެ.
އަލިމަގު އޮޕަރޭޝަން އަދިވެސް ކުރިއަށް އެބަދާ ކަމަށް ހެޑް އޮފް ޑްރަގް އެންފޯސްމެންޓު މުސްލިމް ވިދާޅުވި އެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށާއި މަސްތުވާތަކެއްޗާ ގުޅުންހުރި އެއްވެސް މުއާމަލާތެއް ކުރާ ނަމަ އެކަމަކަށް މި އޮޕަރޭޝަނުގައި އެޓެންޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ