ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އާދީއްތަ ދުވަހު އަހްމަދު ޝަމާހު ރަޝީދު އައްޔަނުކުރީ ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމްއާ އޭނާ ބައްދަލުކުރި ފަހުންކަން އެނގިއްޖެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުރި ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް ޝަމާހު އައްޔަނުކުރި އިރު އޭނާއަކީ މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ އަހަރު އެ މަގާމުން ވަކިކޮށްފައިވާ ބޭފުޅެކެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޝަމާހު ރައީސް ޔާމީންއާ ބައްދަލުކުރީ މިދިޔަ ޖުލައި 27، ގެ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއަށް ފަހު އެވެ.
އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނީ ޕީއެންއެފް ޖަލްސާ ނިންމާފައި ކޮންމެ ރެއަކު ވެސް ޕީއެންއެފްގެ މެންބަރުންނަށް ޔާމީން ކްލާސްތަކެއް ހިންގާ ކަމަށެވެ. ޕީއެންއެފްގެ އޮފީހަށް ޝަމާހު ދިޔައީ އެ ރޭގެ ކްލާސް ކުރިއަށްދިޔަ ވަގުތު ކަމަށާއި ކްލާސް ނިމުމުން ޔާމީނުއާ އޭނާ ސަލާމް ކުރި ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
"އެތަނުގައި އޭނާ އިނީ ހަމަ އެހެން އާންމުންނެކޭ އެއްގޮތަށް، އިނދެފައި އޭނާ ރައީސް [ޔާމީން] އާ ސަލާމް ކޮށްފައި ދިޔައީ،" މި ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ޕީއެންއެފްގެ އޮފީހުގައި އާންމުންނަށް ހާއްސަކޮށްފައި ހުންނަ ގޮނޑިތަކުން ގޮނޑިއެއްގައި ޝަމާހު އިށީނދެގެން އިންނަތަން ފެންނަ ފޮޓޯއެއް ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ. އެ ފޮޓޯ ނަގާފައި ވަނީ އެ ރޭ 12:00 ޖެހި ފަހުންނެވެ. އެހެންކަމުން ފޮޓޯ ނެގި ތާރީހަކަށް ފެންނަން އޮތީ ޖުލައި 28، ގެ 00:14 އެވެ.
ޕީއެންއެފް އޮފީހުގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި ޝަމާހު އިށީނދެގެން އިންނަތަން ފެންނަ ފޮޓޯ -- ފޮޓޯ: ކިޔުންތެރިއެއް
މިފްކޯގެ ސީއީއޯގެ މަގާމުން ޝަމާހު ވަކިކުރީ މެއި 21، 2024، ގަ އެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ވެސް ކުރި އެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ އެޕްރީލް 24، ގަ އެވެ.
ޕީސީބީއިން އެންމެ ފުރަތަމަ ސަމާހު ސަސްޕެންޑުކުރީ މާޗު 18، ގަ އެވެ. އޭރު ދިން މުއްދަތު މާޗު 31، ގައި ހަމަވާތީ އެޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރުކުރި އެވެ. މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ގައި އިންކުއަރީއެއް ހެދުމުގެ ގޮތުންނެވެ.
ޝަމާހުއަށް ތުހުމަތުކުރެވުނު މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް ގާތް ތިމާގެ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަމަކު މި މައްސަލައިގައި އެސްއޯއީ ކޮމިޓީން ޕީސީބީ ވެސް ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝަމާހު މި ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމުން ވަކިކުރުމަށްފަހު ޝަމާހު ދެން ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.
ޝަމާހުއަށް ސްޓެލްކޯ އެމްޑީގެ މަގާމު ދިނީ ކުރީގެ ރައީސް ޔާމީންއާ އޭނާ ބައްދަލުކުރި ފަހުން ޝަމާހުއަށް ސްޓެލްކޯ އެމްޑީގެ މަގާމު ދިނީ ކުރީގެ ރައީސް ޔާމީންއާ އޭނާ ބައްދަލުކުރި ފަހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ