ބާރުގެ ބޭނުން ކޮށްގެން ނޫސްވެރިން ކޮމެޓީ އިން ނެރުން ސީޕީޖޭ އިން ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީގައި މިހާރު އޮތް މީޑިއާ ރެގިޔުލޭޓު ކުރާ ބިލު ދިރާސާ ކުރާ ބައްދަލުވުމަށް މިއަދު ދިޔަ ނޫސްވެރިން ބާރުގެ ބޭނުންކޮށްގެން ކޮމެޓީ ރޫމުން ނެރުން ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު 10 ޖަހާއިރު އޮތް ކޮމެޓީ ބައްދަލުވުން ވެސް ސިއްރުކޮށްފައިވާއިރު، ކޮމެޓީ އަޑުއަހަން ދިޔަ ނޫސްވެރިން ވަނީ ކޮމެޓީ ސިއްރު ކުރީ މަޖިލީހުގެ ގަވައިދުގެ ކޮން މާއްދާއެއްގެ ދަށުންތޯ ސުވާލު ކޮށްފަ އެވެ.
 އޭގެ ފަހުން މަޖިލީހުގެ ސެކުއިރިޓީ މުވައްޒަފުން ފޮނުވައިގެން، ގަދަކަމުން އެ ތަނުގައި ތިބި ނޫސްވެރިން ނެރުނެވެ.
ތަފްސީލް - ބާރުގެ ބޭނުންކޮށްގެން މަޖިލީހުގެ ކޮމެޓީ އިން ނޫސްވެރިން ނެރެލުން ކުށްވެރިކޮށް ސީޕީޖޭ އިން ވަނީ ޑިމޮކްރަސީ އާ ހިލާފު ކަންތައްތައް ހިމެނޭ ބިލު އަނބުރާ ގެންދަން ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައިފަ އެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ދަމަހައްޓާ، ބިިލު އަނބުރާ ގެންދަން ގޮވާލަން،" އެ ޖަމްއިއްޔާ އިން ބުންޏެވެ.
އެނގުން މުހިއްމު - ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ ކޮމިޓީން ސިއްރުކޮށްގެން ދިރާސާ މި ކުރަނީ، ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން އަދި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ބިލެކެވެ.
އިއްޔެއާއި މިއަދުގެ ކޮމިޓީ ސިއްރުކޮށްގެން މި ގެންދަނީ ކޮމިޓީއަށް ބިލާ ގުޅޭ ގޮތުން އާންމުން ފޮނުވާފައިވާ ހިޔާލުތަކުގައި މީހުންގެ ޒާތީ މައުލޫމާތު ހުރެގެން ކަމަށް ބުނެ އެވެ.
ފާހަގަކޮށްލެވޭ - 'މީޑިއާ ކޮންޓްރޯލް ބިލު'އާ ގުޅޭ ގޮތުން ކޮމިޓީން މިހާތަނަށް ހިޔާލު ހޯދި ކޮންމެ މަސްލަހަތުވެރިއެއްގެ ފަރާތުން ވެސް ފާހަގަކޮށްފައިވަނީ ކަންބޮޑުވުންތަކެވެ. އަދި މަޝްވަރާކުރުމެއް ނެތި ތައްޔާރުކޮށްފައިވާ ބިލެއް މަޖިލީހަށް ބަލައިގަތުމުން އެ ކަމުގެ ނުރުހުން ވެސް ވަރަށް ބޮޑަށް ފާޅުކުރި އެވެ. އެ ގޮތުން:
މިދިޔަ އާދީއްތަ ދުވަހު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުންނާ ކޮމިޓީން ބައްދަލުކުރި އިރު ވެސް މަޝްވަރާކުރުމެއް ނެތި ހަދާފައިވާ ބިލުގައި ހުރި ބޮޑެތި މައްސަލަތައް ކޮމިޓީގައި ފާހަގަކުރި
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު 22 މީޑިއާއެއްގެ ފަރާތުން ނޫސްވެރިން ކޮމިޓީއަށް ގޮސް ހިޔާލު ފާޅުކުރި އިރު އެންމެ މީޑިއާއެއް ފިޔަވައި ދެން ހުރި މީޑިއާތަކުގެ ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލުމަށް ގޮވާލާފައި
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އަމިއްލަ ގޮތުން މަޖިލީހުގައި އިންނެވި ނަމަވެސް ސަރުކާރަށް ތާއީދުކޮށްގެން އިންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރެވެ. މިއީ ހަންނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ދެވަނަ ފަހަރެވެ. ކުރީ ފަހަރު ބިލު ގެންދިޔައީ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށެވެ.
ދެވަނަ ފަހަރު ހަންނާން އެ ބިލު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ވެސް އެހީތެރިކަމާ އެކު ބިލަށް މަދު ބަދަލުތަކެއް ގެނައުމަށް ފަހުގަ އެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ޑިމާންޑުކޮށް މުލިއާގެއާއި ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖުކޮށްފަ އެވެ. ނޫސްވެރިންގެ ޕްރެޝަރުތަކާ އެކު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސީނިއާ ނޫސްވެރިންނާ ރައީސް ބައްދަލުކުރެއްވި އެވެ.
ނަމަވެސް ނޫސްވެރިން އެދުނު ގޮތަށް ބިލު ބޭރުނުކޮށް އިސްލާހުކުރުމުގެ މަސައްކަތް ގެންދަން ސަރުކާރުން ނިންމިކަން، އެ ބައްދަލުވުމަށް ފަހު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ބޭއްވި ޕްރެސް ކޮންފެރެންސެއްގައި އެ ދުވަހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ