ލަންޑަން (ސެޕްޓެމްބަރު 10) - ޓޮޓެންހަމް ހޮޓްސްޕާސް އަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިންތާ ދެ ހަފްތާ ތެރޭ، އެ ޓީމުން ވަކިކުރި އޮސްޓްރޭލިއާގެ ކޯޗު، އަންޖް ޕޮސްޓެކޮގްލޫ އަށް ނޮޓިންހަމް ފޮރެސްޓްގެ ކޯޗުކަން ދިނީ ތަށި ހޯދާ ޓީމަކަށް އެ ކްލަބް ހެދުމުގެ އަމާޒުގައި ކަމަށް އެ ޓީމުން ބުނެފި އެވެ.
ފޮރެސްޓްގެ ކޯޗުކަމުގެ މަގާމުން ސްޓީވް ކޫޕާ ވަކިކޮށް، ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ، އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ، 2023 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. މިދިޔަ ޖޫން މަހު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ފޮރެސްޓާ އެކު، ނޫނޯ ސޮއި ކުރި ނަމަވެސް، އެ އަށް ފަސް މަސް ނުވަނިސް ވަނީ މަގާމުން ވަކިކޮށްފަ އެެވެ.
މިދިޔަ ސީޒަނުގެ ގަދަ ފަސް ޓީމު ތެރޭގައި، ހިމެނި ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން، މެޗަކަށް ފަހު، ފޮރެސްޓްގެ ވެރިޔާ، އެވަންޖެލޯސް މަރިނާކިސް އާއި ނޫނޯއާ ދަނޑުމަތީގައި ދެބަސްވުމެއް ހިނގި އެވެ. އޭގެ ފަހުން، މިދިޔަ މަހު ނޫނޯ ވަނީ އޭނާ އާއި މަރިނާކިސްގެ ގުޅުން ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. އަދި، އޭގެ ދެ ހަފްތާ ފަހުން ނޫނޯ އަށް މި ވަނީ އެ ޓީމުގެ ކޯޗުކަން ގެއްލިފަ އެވެ. ފޮރެސްޓްގެ ކޯޗަކަށް ހަމަޖެއްސި އާއި މަރިނާކިސް އަކީ ގާތް ދެ މީހުންނެވެ.
ފޮރެސްޓުން ޕޮސްޓެކޮގްލޫ އެ ޓީމުގެ ކޯޗަކަށް ގެނައީ، 2027 ގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. ޕޮސްޓެކޮގްލޫ ވަނީ، ޓޮޓެންހަމާ ހަވާލުވެ، އޭނާ އަކީ އެ ހުންނަ ކްލަބެއްގައި ދެ ވަނަ ސީޒަނު ތަށި ހޯދާ ކޯޗެއް ކަމަށް ބުނެ، މިދިޔަ ސީޒަނުގައި، ޓޮޓެންހަމް އަށް 17 އަހަރަށް ފަހު ލިބުނު ފުރަތަމަ ތަށި ހޯދައިދީފަ އެވެ.
އިނގިރޭސި މީޑިއާ އަކަށް ފޮރެސްޓްގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޕޮސްޓެކޮގްލޫ ގެނައީ ތަށި ހޯދުމުގެ އަމާޒުގައި ކަމަށެވެ.
ޕޮސްޓެކޮގްލޫ ވަނީ މީގެ ކުރިން، އޮސްޓްރޭލިއާ ގައުމީ ޓީމާއި އެ ގައުމުގެ ގިނަ ކްލަބްތަކެއްގެ އިތުރުން، ސެލްޓިކަށް ވެސް ކޯޗުކޮށްދީފަ އެވެ.
ފޮރެސްޓުން ޕޮސްޓެކޮގްލޫ ގެނައީ ތަށި ހޯދަން ފޮރެސްޓުން ޕޮސްޓެކޮގްލޫ ގެނައީ ތަށި ހޯދަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ