ޕީއެންއެފް ކެންޑިޑޭޓު ޝަރަފުއްދީނަށް އެމްޑީޕީގެ ތާއީދު، އެމްޑީޕީގެ ކެންޑިޑޭޓު ނަޒޫ އަށް ޕީއެންއެފްގެ ތާއީދު!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުހައްމަދު ޝަރަފުއްދީން، އަނޯނާގެ / ޏ. ފުވައްމުލަކަށް އެމްޑީޕީ އިން ތާއީދު ކުރަން ނިންމާފައިވާކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
ޝަރަފުއްދީނަކީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)ގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ބޭފުޅެކެވެ. ޝަރަފުއްދީން އަކީ ޕީޕީއެމްގެ ދަޑިމަގު ސްޓިއަރިން ކޮމިޓީގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި ފަރާތެވެ.
އެމްޑީޕީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އިން ވާދަނުކުރާ ދާއިރާއެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ ޝަރަފުއްދީން، ކެންޑިޑޭޓް ނަންބަރު 2 އަށް އެ ޕާޓީގެ އެންމެހާ ރައްޔިތުން ވޯޓު ދިނުމަށް އެދޭ ކަމަށެވެ.
ޕީއެންއެފްގެ ކެންޑިޑޭޓު ޝަރަފުއްދީނަށް އެމްޑީޕީން ތާއީދު ކުރަން ނިންމާފައިވާއިރު، ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު ނަޒްރާ ނަސީމް (ނަޒޫ) އަށް ތާއީދު ކުރަން ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންއެފް ސެކްރެޓަރީ މުހައްމަދު މަލީހު ޖަމާލް ވަނީ ނިންމަވާފައެވެ. މިކަމާ ގުޅިގެން ނަޒޫ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާއަށް އޭނާއަށް ތާއީދުކޮށްދެއްވާތީ މަލީހަށް ޝުކުރު އަދާކުރާކަމަށެވެ.
ފުވައްމުލަކު އުތުރު ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓެއް ނުނެރޭއިރު، ވ. ފުލިދޫ ދާއިރާ އާއި ތ. ގުރައިދޫ ދާއިރާގެ އިތުރުން ފ. ނިލަންދޫ ދާއިރާ އަށް ވެސް އެމްޑީޕީގެ ކެންޑިޑޭޓަކު ނުނެރެއެވެ.
މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރާއިރު ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ