ރާއްޖެޓީވީ އަށް އިންޒާރު ދިން މައްސަލަ ޕޮލިހަށް

ރާއްޖެޓީވީގެ ދުވަސް ދުއްވާލާނެ ކަމަށާއި، ހުޅުޖަހާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލަ އެ ސްޓޭޝަނުގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު އަށް ފޮނުވި ބުނެފައި ވަނީ ރާއްޖެޓީވީގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު އިންސްޓަގްރާމްގައި ކުރި ޕޯސްޓަކަށް ކޮށްފައިވާ ކޮމެންޓެއްގައި ރާއްޖެޓީވީގެ ދުވަސް ދުއްވާލާނެ ކަމަށާއި، ހުޅުޖަހާނެ ކަމަށް ބުނެ މީހަކު އިންޒާރު ދީފައިވާ ކަމަށެވެ.
އެފަރާތުން ދީފައިވާ އިންޒާރުތަކަށް ބަލާއިރު، މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭތީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދިފައިވެ އެވެ. އަދި ރާއްޖެޓީވީއަށާއި، ރާއްޖެޓީވީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.
މީގެ އިތުރުން 2013 ވަނަ އަހަރު އޮކްޓޫބަރު މަހު 7 ވަނަ ދުވަހު ވެސް ރާއްޖެޓީވީ ހިންގަމުން އައި ހ.ކްއީން އޮފް ދަ ނައިޓް (ބީކޭޓީ ބިލްޑިން) އިމާރާތަށް ހަތިޔާރާއެކު ބަޔަކު ވަދެ ރާއްޖެޓީވީގެ މައި ސްޓޫޑިއޯގެ ތެރެއަށް ޕެޓްރޯލް އަޅާ ރޯކޮށްލުމުގެ ސަބަބުން ރާއްޖެޓީވީއަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން މިފަދަ ފަރާތްތަކުން ދެމުންދާ އިންޒާރު ސީރިއަސް ކަމާއެކު ބަލައި، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ