ޗިކުންގުންޔާ އެކަންޏެއް ނޫން، ޑެންގޫ ފެތުރޭ މިންވަރުވެސް ދަނީ އިތުރުވަމުން: ޑރ. ފައިސަލް

މިވަގުތު ހަލުވި ކަމާއެކު ފެތުރެމުން ދަނީ ޗިކުންގުންޔާ އެކަނި ނޫންކަމަށާއި ޑެންގޫ ފެތުރޭ މިންވަރުވެސް އިތުރުވެފައިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް ވިދާޅުވީ 1 އަހަރުނުވާ 2 ކުޑަކުދިން ޑެންގޫ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުނު ކަމަށެވެ. އަދި ޑެންގޫ ހުމުގައި ފުރާނައަށް ނުރައްކާތެރި ވަނީ ހުން މަޑުވަމުން ދާއިރު ނުވަތަ ހުން ފިލުމަށް ފަހު އަންނަ ފުރަމަ 24-48 ގަޑިއިރުތެރޭ ކަމަށާއި އެހެންކަމުން މަދިރި އާލާވުމާއި ހެފިޔަނުދިމުށް ސަމާލުވާން ޖެހޭ ކަމަށްވެސް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ.
ޑެންގޫ ހުމަކީ އީޑީސް މަދިރީގެ ސަބަބުން ޖެހޭ ފުރާނައަށް ނުރައްކާ ކުރުވާ ބައްޔެކެވެ. ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނި ރަނގަޅުވެސްވެއެވެ. ޑެންގޫ ފެތުރެނީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރިއެއް އިންސާނުންގެ ގައިގައި ހެފުމުންނެވެ.
ޑެންގޫ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރޭގައި އަރާމުކުރުމާއި ގިނަގިނައިން ދިޔާއެއްޗެހި ބޭނުން ކުރުން ހިމެނެއެވެ. ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ލޮނު ޕެކެޓު، ސޫޕް ފަދަ ތަކެތި ހިމެނެއެވެ. އަދި ގޭގައި ދެވޭނެ އިތުރު ފަރުވާގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފާހަގަކޮށްފައިވަނީ ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރުން ހިމެނެއެވެ.
އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ ނުވަތަ ދިޔާ އެއްޗެހި ބޭނުން ނުކުރެވޭނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ