ފުލުހުންގެ އެހީތެރިކަމާއެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކަރަންޓު ދީފި

ބައެއް ދޯނިފަހަރުތަކުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ އިހުތިޖާޖުގައި އެތަނުގެ ކަރަންޓު ދޭން ފުރުސަތު ނުދޭތީ ފުލުހުންގެ ހިމާޔަތާއެކު އެތަނަށް ކަރަންޓު ދޭން ފަށައިފިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ބުނިގޮތުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހުރިހާތަނަކަށް އާދީއްތަ ދުވަހުގެ ހަވީރު 5:30ގައި ވަނީ ކަރަންޓު ދީފައެވެ. އަދި ފުލުހުން އެ ފެސިލިޓީގައި ހަރަކާތްތެރިވަމުންދާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ބުނެފައިވާ ގޮތުގައި މިހާރު ކުރިއަށްދާ އިހުތިޖާޖުގެ ތެރެއިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުރި މިފްކޯގެ މުދަލަށް ވަނީ ގެއްލުން ދީފައެވެ. އެގޮތުން، މަސް ރައްކާކުރާ ކޯލްޑް ސްޓޯރެޖާއި ޕަވަރ ހައުސް އިމާރާތާއި މުވައްޒަފުން ދިރިއުޅޭ ސަރަހައްދުތައްފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް އިހުތިޖާޖުގެ ބައިވެރިން ވަދެ، އޮޕަރޭޝަން ހުއްޓުވާގޮތަށް އަމަލުތައް ބަހައްޓާފައިވާކަމަށް ބުންޏެވެ.
އެ ފެސިލިޓީގެ ކެންޓީނަށް ގެއްލުންދީ މުވައްޒަފުން ދިރިއުޅޭ ސަރަހައްދަށް ކަރަންޓު ދޭން ފުރުސަތު ނުދިނުމުގެ ސަބަބުން މުވައްޒަފުންގެ ކުއުމާއި ނިދުމާއި ފާޚާނާކުރުންފަދަ ޒަރޫރީ ކަންކަމަށް ހުރަސް އެޅިފައިވާކަމށްވެސް މިފްކޯއިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާ ކުރަމުންދަނީ މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުލިބިގެންކަމަށް ބުނެއެވެ. މިދިޔަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދައްކާ އޮތް 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް އެ މިފްކޯއިން ބުނެއެވެ. އަދި މަސްވެރިންނަށް މިހާރު ނުދެވި ހުރީ އެއް މަހާއި 14 ދުވަހަށްވާ 52.6 މިލިއަން ރުފިޔާކަމަށްވެސް މިފްކޯއިން ބުނެއެވެ.
މި އިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓި ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ދަނީ މަސައްކަތްކުރަމުންކަމަށް މިފްކޯއިން ބުނެއެވެ. އަދި ތަން އޮޕަރޭޝަނަށް ގެނެސް ޢާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރާނެ ކަމަށްވެސް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ