ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީއެންސީ، ޕީޕީއެމް ކޯިޝަންގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވިކަން ހާމަކުރައްވާފައިވަނީ ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައމަދު ޖަމީލް އަހްމަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް ޔާމީނުގެ ވެދުން ދިވެހި ރައްޔިތުންނަށް ދަންނަވައި އެ ޓްވީޓުގައި ވިދާޅުވީ ޑރ. މުއިއްޒު އަށް އިތުރު ތާއީދު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮފުރުސަތެއް ކަމަށް ވެސް ޖަމީލުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވިއިރު، މުއިއްޒު ވަނީ 101635 ވޯޓު ހޯއްދަވާފައެވެ. މިއީ ވޯޓުލީ މީހުންގެ ނިސްބަރުން 46.06 ޕަސެންޓެވެ.
މި އިންތިހާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހެވެ. އެމަނިކުފާނަށް ވަނީ 86161 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ ވޯޓުލީ މީހުންގެ 39.05 ޕަސެންޓެވެ.
މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މަތިން ވޯޓުލިބިފައި ނުވާތީ، އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މުއިއްޒު އަށް ކާމިޔާބުކޮށްދެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ