ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި 3 ކެންޑިޑޭޓުން ޖޫރިމަނާކޮށްފިއެވެ.
އެ ދާއިރާގެ ބައި އިލެކްޝަން ގައި ވާދަކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން އެ ދާއިރާގެ ކުރީގެމެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާދަމް އާއި އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒް އަދި އެމްއެންޕީން އަލީ އަރީފް އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއިން ކެންޑިޑޭޓުން ޖޫރިމަނާ ކޮށްފައިވަނީ 6000 ރުފިޔާ އިންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ގައި ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި ތިން ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ، މާލީ ބަޔާންތަކަކީ، ގާނޫނު ނަންބަރު 11/2008 އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު ގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާ ކަމަށެވެ.
އެހެންކަމުން އެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ގައި ވާދަކުރެއްވި 3 ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުން ކުރެ، ކޮންމެ ފަރާތެއް 6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އީސީ އިން ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ފައިސާ މި ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ވަނީ ކެންޑިޑޭޓުންނަށް އަންގާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަބީބު އިތުރަށް ވިދާޅުވީ މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިިހަމަ ނުވާނަމަ، ކުރިޔަށް ހުރި އިންތިހާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް މިފަދައިން ޢަމަލު ކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.
ވާދަވެރި އިންތިހާބަށްފަހު، އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ޝާޒް އެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުން ޖޫރިމަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ