ރެމިޓަންސް އާމްދަނީގެ ގޮތުގައި ޕާކިސްތާނަށް 38.3 ބިލިއަން ޑޮލަރު

އެހެންޤައުމުތަކުގައި މަސައްކަތްކުރާ ޕާކިސްތާނަށް
ނިސްބަތްވާ މީހުން ނިމުނު މާލީ އަހަރު އެޤައުމަށް ފޮނުވި ފައިސާގެ އަދަދު 38.3 ބިލިއަން
ޑޮލަރަށް އަރާކަމަށް ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން ހާމަކޮށްފިއެވެ.
ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން ނެރެފައިވާ
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރެމިޓަންސް ފައިސާގެ ގޮތުގައި
38.3 ބިލިއަން ޑޮލަރު ލިބުނުއިރު، މިއީ އޭގެކުރީ އަހަރާ އަޅާބަލާއިރު، 26.6
އިންސައްތައިގެ އިތުރުވުމެކެވެ. އެއަހަރު ރެމިޓަންސް ފައިސާގެ ގޮތުގައި
ޕާކިސްތާނަށް 30.3 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
ޕާކިސްތާނުގައި މާލީ އަހަރު ގުނަނީ ޖުލައިމަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށެވެ.
ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން އާއްމުކުރި
ތަފާސްހިސާބުތަކަށް ބަލާއިރު، ރެމިޓަންސްގެ ގޮތުގައި އެންމެބޮޑު އާމްދަނީއެއް
ލިބުނީ، ސައުދީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިންނެވެ. މީގެ އިތުރުން މިދިޔަ
އަހަރުގެ ތެރޭގައި ރެމިޓަންސްގެ ގޮތުގައި އިނގިރޭސިވިލާތް އަދި އެމެރިކާއިން
ލިބުނު އާމްދަނީވެސް ވަނީ އިތުރުފައެވެ.
ޕާކިސްތާނަށް ރެމިޓަންސް އާމްދަނީ އެންމެގިނައިން ލިބުނު
ޤައުމުތައް:
- ސައުދީ އަރަބިއާ: 823.2 މިލިއަން
ޑޮލަރު
- ޔުނައިޓެޑް އަރަބި އެމިރޭޓްސް: 717.2
މިލިއަން ޑޮލަރު
- އިނގިރޭސިވިލާތް: 537.6 މިލިއަން
ޑޮލަރު
- އެމެރިކާ: 281.2 މިލިއަން ރުފިޔާ
ޕާކިސްތާނުގެ ސެންޓްރަލް ބޭންކުން އާއްމުކުރި މި
ތަފާސްހިސާބާ ގުޅޭގޮތުން ޕާކިސްތާނުގެ 
ބޮޑުވަޒީރު، ޝެހެބާޒް ޝަރީފް ވަނީ ރެމިޓަންސް އާމްދަނީގެ ގޮތުގައި ލިބުނު
އަދަދާމެދު ހިތްހަމަ ޖެހުން ފާޅުކޮށް، މިއީ އެޤައުމުގެ އިޤްތިސާދަށް ލިބިގެންދާނޭ
ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ޝެހެބާޒް ވަނީ ޕާކިސްތާނުގެ
މަސައްކަތްތެރިންނަށް ތައުރީފް ކުރައްވައި މިއީ ބޭރުޤައުމުތަކުގައި ދިރިއުޅެމުންދާ
ޕާކިސްތާނުގެ ރައްޔިތުން އެޤައުމުގެ އިޤްތިސާދަށް ކުރާ އިތުބާރުގެ
ހެތްކެއްކަމަށްވެސް ވިދާޅުވެފައެވެ.
އެގޮތުން ބޮޑުވަޒީރު ޝެހެބާޒް ވަނީ ޕާކިސްތާނުގެ
އިޤްތިސާދު ރަނގަޅުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން
ފާހަގަކުރައްވައި، އިގްތިސާދީ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެންމެބޮޑު
އިސްކަމެއްދެނީ ދެމެހެއްޓެނިވި އިޣްތިސާދެއް ބިނާކުރުމަށް ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ