މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރި ޑޮލަރުގެ އަދަދު 203 މިލިއަން ޑޮލަރަށް ތިރިވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ ސްޓޭޓްމަންޓް އޮޕް ފައިނޭންޝަލް ޕޮޒިޝަން ރިޕޯޓުގައިވާ ގޮތުގައި މިދިޔަ މަހު ޖުމްލަ ރިޒާވުގައި ހުރީ 832 މިލިއަން ޑޮލަރެވެ. މިއީ މެއި މަހަށް ވުރެ 17 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ޖުމްލަ ރިޒާވު މައްޗަށް ދިޔަ ނަމަވެސް ބޭނުންކުރެވޭ ރިޒާވު ދަށްވީ ކުރު މުއްދަތުގެ ދަރަނި 774 މިލިއަން ޑޮލަރަށް އިތުރުވުމުންނެވެ. މިއީ އޭގެ ކުރީ މަހަށް ވުރެ 32 މިލިއަން ޑޮލަރު ބޮޑު އަދަދެކެވެ.
ބޭނުންކުރެވޭ ރިޒާވު މިހާރު ހިސާބުކުރަނީ ޖުމުލަ ރިޒާވުން ކަނޑަން ޖެހޭ އަދަދު ކެނޑުމަށް ފަހު، އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި އަދަދު އެއްކޮށްގެންނެވެ.
އެމްއެމްއޭއިން ބޭންކުތަކުގައި އިންވެސްޓުކުރީ، މިދިޔަ އަހަރު ރިޒާވް ބޭންކް އޮފް އިންޑިއާއިން ނެގި 800 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީން ބަޔެކެވެ. މިިދިޔަ މަހުގެ ނިޔަލަށް އެ އިންވެސްޓުމަންޓުގެ އަދަދު ހުރީ 145 މިލިއަން ޑޮލަރުގަ އެވެ.
މިދިޔަ މެއި މަހު ބޭނުންކުރެވޭ ރިޒާވު ވަރަށް ބޮޑަށް އުފުލުމަށް ފަހު، އަނެއްކާ ދަށްވެފައި މިވަނީ، ޑޮލަރު ވަރަށް ބޮޑަށް ތާށި ދުވަސްކޮޅެއްގަ އެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ ރޭޓު ހުރީ 20ރ. ގަ އެވެ. މިއީ ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.
ކޮންމެ އަހަރެއްގެ މި ދުވަސްކޮޅަކީ، ޓޫރިޒަމްގެ ލޯ ސީޒަނަށް ވުމުން ޑޮލަރު ތާށި ދުވަސްކޮޅެކެވެ. އެކަމަކު މި އަހަރު އާދަޔާހިލާފަށް ޑޮލަރު ތާށިވެގެން މި އުޅެނީ ސަރުކާރުގެ ބޭރު ފައިސާ މާރުކުރުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭއަށް ގިނަ ޑޮލަރުތައް ނަގާތީ ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.
އެމްއެމްއޭއަށް ޑޮލަރުތައް މާރުކުރަން މަޖުބޫރުކުރުމުގެ ނަތީޖާއެއްގެ ސަބަބުން ގިނަ ރިސޯޓުތަކުން ވަނީ ޑޮލަރުން މުސާރަ ދިނުމާއި ސާވިސް ޗާޖު ދިނުން ހުއްޓާލާފަ އެވެ. މިއާ އެކީގައި ކަޅު ބާޒާރުން މާރުކުރާ ޑޮލަރުގެ އަދަދު ދަށްވެ، ޑޮލަރު ސަޕްލައި ވަނީ ތާށިވެފަ އެވެ.
ބޭނުންކުރެވޭ ރިޒާވު 203 މިލިއަން ޑޮލަރަށް ވެއްޓިއްޖެ ބޭނުންކުރެވޭ ރިޒާވު 203 މިލިއަން ޑޮލަރަށް ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ