އާ ޓާމިނަލަށް ވަންނަ އިރު ފޮށިތައް ސްކޭންކުރާކަށް ނުޖެހޭނެ، ސީދާ ޗެކިން ކައުންޓަރަށް

ކުރިއަށް އޮތް މިނިވަން ދުވަހު ރަސްމީކޮށް ހުޅުވާ ވީއައިއޭގެ އާ ޓާމިނަލްއަށް ދަތުރުވެރިން ވަންނަ އިރު، މިހާރު ގޮތަށް ފޮށިތައް ސެކިއުރިޓީ ސްކޭންކުރުމުގެ މަރުހަލާގެ ބުރަޔާ ދިމާނުވާނެ ކަމަށް، މައުލޫމާތު ހުރި މީހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އާ ޓާމިނަލްގެ ހިދުމަތްތަކާ ބެހޭ ގޮތުން އެމްއޭސީއެލްއިން ގެންދަނީ އެއާޕޯޓްގެ ކަންކަމާ ގުޅުން ހުރި އެކިއެކި ފަރާތްތަކަށް މައުލޫމާތު ދޭން ހާއްސަ ޒިޔާރަތްކުރުންތައް އިންތިޒާމްކުރަމުންނެވެ. އެގޮތުން އެ ޒިޔާރަތްކުރުންތަކުގައި ބައިވެރިވި ބައެއް މީހުން ވަނީ 'ދައުރު'އަށް ބައެއް މައުލޫމާތު ހިއްސާކޮށްފަ އެވެ. (ކިއުންތެރިންގެ މައުލޫމާތަށް: އާ ޓާމިނަލްއާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދޭން އެމްއޭސީއެލްއިން މިހާތަނަށް ބޭއްވި ރަސްމީ އެއްވެސް އިވެންޓަކަށް 'ދައުރު'އަށް ދައުވަތު ދީފައެއް ނުވެ އެވެ.)
ތަފްސީލް - އާ ޓާމިނަލްގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހުރި ބައެއް މީހުން، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުނީ ފޮށިތައް ސްކޭންކުރަން މިހާރު ހޭދަކުރަން ޖެހޭ ވަގުތު އާ ޓާމިނަލްގައި ސަލާމަތްވާނެ ކަމަށެވެ.
"ވަންނަ ގޮތަށް ސީދާ ދާންވީ ޗެކިން ކައުންޓަރަށް. ކައުންޓަރުން އޭގައި ޓެގް އަޅުވާފައި ފޮނުވާލީމާ ދަތުރުކުރާ އެއާލައިންގެ ހާއްސަ ބެލްޓަން އެ ދާނެ،" މި ފަހުން އެމްއޭސީއެލްގެ އޮފިޝަލުންނާ އެކު އާ ޓާމިނަލްއަށް ޒިޔާރަތްކުރި މީހަކު ބުންޏެވެ.
"އެހެންވީމާ މިހާރު މި ހަދާހެން ފުރަތަމަ ޓާމިނަލަށް ވަންނަ އިރު ސްކޭން މެޝިންތަކަށް ފޮށިލައި އެ އުފުލާ ބުރައެއް ނޯންނާނެ އާ ޓާމިނަލްގައެއް. އޭރުން ހިއެއްނުވޭ މީހުން ތޮއްޖެހިގެން އުޅެން ޖެހޭނެހެނެއް ވެސް."
ޗެކިންކުރާ ފޮށިތަކުގައި ޝައްކުކުރެވޭ އެއްޗެއް އޮތް ކަމަށް އެއާޕޯޓްގެ މުވައްޒަފުންނަށް ފާހަގަވެއްޖެ ނަމަ އެ ދަތުރުވެރިޔާގެ ނަން ގޮވައި، ވަކި ތަނަކަށް ގެންގޮސް ފޮށި ހުޅުވާނެ އެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން އެއާޕޯޓްތަކުގައި ވެސް އެކަން އޮންނަ ގޮތެވެ.
"އަސްލު މިހާރުގެ ޓާމިނަލްގައި ވެސް ކިއު ބޮޑުވަނީ ސެކިއުރިޓީ ޗެކިން ހަދަން ފޮށިތައް ލާން ޖެހޭތީ. އެއީ ވަރަށް ބޮޑު އުނދަގުލެއް އަސްލު،" އޭނާ ބުންޏެވެ.
އޭނާ ބުނީ އާ ޓާމިނަލްގައި އަމިއްލައަށް ޗެކިން ހެދޭނެ ހައެއްކަ މެޝިން ވެސް ބަހައްޓާފައި ހުރި ކަމަށެވެ. އެހެންކަމުން އާންމު ކައުންޓަރުތަކަށް ދިއުމުގެ ބަދަލުގައި ދަތުރުވެރިންނަށް އަމިއްލައަށް ވެސް އެކަން ކޮށްލުމުގެ ފަސޭހަ ހަމަޖައްސާފައި ހުރި ކަމަށް، އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ