ރާއްޖޭގައި މާލީ އަދި އެހެނިހެން ބޮޑެތި މައްސަލަތަކެއް ހުރި ކަމުގައިވީ ނަމަވެސް އެ މައްސަލަތަކާ މެދު ސަރުކާރުން އެއްވެސް ބަހެއް ބުނަމުން ނުދާތީ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
"މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ގެ ނަމުގައި މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށާފަ އެވެ. މި ބިލު ގާނުނަކަށް ވުމާއެކު މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި އެކަމަށް ހާއްސަ އޮފީހެއް ގާއިމުކުރާނެ އެވެ.
އަލަށް ވުޖޫދުކުރާ ގާނޫނުގެ ދަށުން އުފެދޭ އެ އޮފީސް ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ މަގާމަށް މީހަކު އައްޔަނުކުރާނީ އިގުތިސޯދީ މިނިސްޓަރެވެ. އެ ކަމުގެ ކަންބޮޑުވުން ޝަމްހީދު ވެސް ފާޅުކުރެއްވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާ ޒިންމާދާރު، އަދި މުހިންމު މަގާމެެއް ހަމައެކަނި މިނިސްޓަރަށް އައްޔަނުކޮށް ވަކިކުރެވިގެން ނުވާނެ. މި ނޫން ގޮތަކަށް ކޮމިޓީ ލެވެލްގައި މިކަން ބަދަލުވެގެން އަންނާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
މިފަދަ ގާނޫނެއް ވުޖޫދުވި ނަމަވެސް ގައުމުގައި ހުރި މުހިންމު މައްސަލަތަކާ މެދު ސަރުކާރުން އެއްވެސް ބަހެއް ނުބުނާ ކަމަށް ވިދާޅުވެ ޝަމްހީދު އެ ބިލުގެ އިބްތިދާއީ ބަހުސްގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"މި ގައުމުގައި ދިމާވެގެން މިއަދު މި އުޅޭ އެއްވެސް ކަމެއްގައި ސަރުކާރުން ބަހެއް ބުނާ ތަނެއް ނުފެނޭ. އަޅުގަނޑަށް ދިމާވެގެން މި އުޅެނީ ޑޮލަރުގެ މައްސަލަ، ވިޔަފާރިތަކަށް ސަރުކާރުން ފައިސާ ނުދޭ މައްސަލަ. އަޅުގަނޑުމެން މި އުޅެނީ ތަރައްގީގެ މަޝްރޫއުތަކެއް ހުރިހާ ރަށެއްގައިހެން ހުއްޓިގެން،" ޝަމްހީދު ވިދާޅުވި އެވެ.
މާލީ ގޮތުން މިފަދަ ދަތި ދުވަސްވަރެއްގައި ވެސް ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް 200 މިލިއަން ރުފިޔާ ހަރަދު ކުރަމުންދާ ކަމަށް ޝަމްހީދު ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑުމެން މި އުޅެނީ ގައުމިއްޔަތޭ، ދިވެހީންގެރާއްޖެއޭ ކިޔާފައި އައިސް ދިވެހި ރުއް ބަދަލުގައި ކަދުރު ރުއް ތައާރަފު ކުރާން ގެންގުޅޭ ސިޔާސަތުތަކުގެ ބަހުސްގައި. މީގެ އެއްވެސް ކަމަކާ ސަރުކާރުން ވާހަކަ ދައްކާކަށް ބޭނުމެއް. ހާއްސަކޮށް ޑޮލަރުގެ މައްސަލާގައި،" ޝަމްހީދު ވިދާޅުވި އެވެ.
ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ދިމާވެފައިވާ މުހިންމު ކަންކަމުގައި ރައްޔިތުންނަށް މައުލޫމާތު ދީ، ރައްޔިތުންގެ މައްސަލަތަކަށް ކޮށްދެވޭނެ ކަންކަން ހާމަކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމުގައި ހުރި މައްސަލަތަކާ މެދު ސަރުކާރުން ވާހަކަ ނުދައްކާތީ ޝަމްހީދުގެ ކަންބޮޑުވުން ގައުމުގައި ހުރި މައްސަލަތަކާ މެދު ސަރުކާރުން ވާހަކަ ނުދައްކާތީ ޝަމްހީދުގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ