ޕާކިސްތާނުގެ ޕަންޖާބުގައި ފެންބޮޑުވެ 1.5 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފައި

ޕާކިސްތާނުގެ ޕަންޖާބުގައި ފެންބޮޑުވެ 1.5 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި އެޤައުމުގެ ގިނަ ޕްރޮވިންސްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެންމެބޮޑަށް ގެއްލުން ލިބުނު އެއް ޕްރޮވިންސަކީ ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ޕަންޖާބެވެ. ޕާކިސްތާނުގެ މީޑިއާތަކާ ވާހަކަދައްކަވަމުން ޕަންޖާބުގެ ކޮމިޝަނަރު ނަބީލް ޖާވެދް ވިދާޅުވީ ޕަންޖާބުގެ 2,308 އަށްވުރެ ގިނަ އަވަށުގައި ފެންބޮޑުވެ، 1.516 މިލިއަން މީހުންނަށް އަސަރުކޮށްފައިވާކަމަށެވެ.
މީގެ ތެރެއިން 481,000 މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރެވިފައިވާއިރު, ޕްރޮވިންޝަލް އެޑްމިނިސްޓްރޭޝަނުން ކާބޯތަކެއްޗާއި ހިޔާވަހިކަން ފޯރުކޮށްދޭ 511 ރިލީފް ކޭމްޕާއި، 351 މެޑިކަލް ކޭމްޕާއި 321 ވެޓެރިނަރީ ކޭމްޕް ޤާއިމްކޮށް 405,000 އަށްވުރެ ގިނަ ޖަނަވާރު ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
‎ޕަންޖާބުގައި ފެންބޮޑުވުމުގެ ސަބަބުން ހިނގާދިޔަ ހާދިސާތަކުގައި 50 ހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ވިދައި ހޮނުއަޅައި ހިނގި ހާދިސާތަކުގައި މަރުވި 2 މީހުން ހިމެނެއެވެ. ބޯކޮށް ވެހޭ ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ޕަންޖާބުގެ އެކި އަވައްތަކުގެ ޙާލަތު އިތުރަށް ވަނީ ގޯސްވެފައެވެ. 
ޕާކިސްތާނުގެ މޫސުމާބެހޭ އިދާރާއިން ވަނީ މިހާރު ކުރިއަށްދާ މޫސުމީ ވާރޭ ސެޕްޓެމްބަރު 2 އާ ހަމައަށް ދެމިގެންދާނެ ކަމަށް އިންޒާރުދީފައިވެއެވެ.
‎ސީނިއަރ ޕްރޮވިންޝަލް މިނިސްޓަރު މަރިޔަމް އައުރަންގްޒެބް ވިދާޅުވެފައިވަނީ، ވިއްސާރާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގެ އޮޕަރޭޝަންތައް ކުރިއަށްދާއިރު، ވޭތުވެދިޔަ 36 ގަޑިއިރުގެ ތެރޭގައި 68,000 އަށްވުރެ ގިނަ މީހުން ސަލާމަތްކުރެވިފައިވާކަމަށެވެ.
‎ޕާކިސްތާނަކީ އެޤައުމަށް ކުރާ މޫސުމީ ވިއްސާރާގައި ވަރަށްބޮޑަށް ގެއްލުންލިބޭ ޤައުމެކެވެ އެންމެފަހުން 2022 ވަނަ އަހަރު އެޤައުމަށް ކުރި ވިއްސާރާގައި 33 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކި ގޮތްގޮތުން ގެއްލުންލިބި 9 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ