އާބާދީގެ ނިސްބަތުން، މި ސަރަހައްދުގައި ހިމަބިހި އެންމެ ގިނަ ގައުމަކަށް ރާއްޖެ

ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން، އާބާދީގެ ނިސްބަތުން ހިމަބިހި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކަށް ރާއްޖެވެއްޖެއެވެ. ކުރިން ރާއްޖޭން ނައްތާލާފައިވާ ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށީ، މިދިޔަ މެއި މަހުގެ މެދު ތެރޭގައެވެ. އޭރުއްސުރެ، މި ބަލި އަންނަނީ ރާއްޖޭގައި ފެތުރެމުންނެވެ. ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ތަފާސްހިސާބުތަކާ ހަވާލާދެއްވައި ވިދާޅުވީ، އާބާދީގެ ނިސްބަތުން، މި ސަރަހައްދުގައި ހިމަބިހި އެންމެ ގިނައީ މިހާރު ރާއްޖޭގައި ކަމަށެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން ރާއްޖެއަށް ފަހު ހިމަބިހި އެންމެ ގިނައީ ބަންގްލަދޭޝްގައެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ވެސް، އާބާދީގެ ނިސްބަތުން ކޭސްތައް ފެނިފައިވާ މިންވަރުގައި ބޮޑު ފަރަގެއް އޮތްކަން ދައްކުވައިދެއެވެ. ބަންގްލަދޭޝްއަށް ފަހު ކޭސްތައް އެންމެ ގިނައީ އިންޑިއާއާއި ނޭޕާލްގައި ކަމަށް އެ މައުލޫމާތުގައިވެއެވެ. https://x.com/Faisalnaifaru/status/2077067886645100600 ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއްޔެ ހާމަކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ވަނީ ފެނިފައެވެ. އެއާއެކު، މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 144އަށް އަރައިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެޗްޕީއޭއިން އެ ތަފާސްހިސާބު ހާމަކުރިއިރު، ހިމަބިއްސަށް ޕޮޒިޓިވްވެ، ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފައެވެ. ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހި ފެތުރުމުގެ ބިރު ބޮޑުވެފައިވާއިރު، މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ، ހިމަބިއްސަކީ ރާއްޖޭގައި އާދަޔާ ޚިލާފަށް ފެތުރެމުންދާ ނޫނީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ބައްޔަކީ ކުރު މުއްދަތެއްގެ ތެރޭގައި ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، ބަލި ފަސޭހަވާން ނަގާ މުއްދަތު ވެސް ކުރުވާނެ ކަމަށެވެ. https://x.com/HPA_MV/status/2074825736045953411 އެޗްޕީއޭއިން އަންނަނީ، ހިމަބިހިން ރައްކާތެރިވުމަށް ޖަހާ އެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން ވެކްސިން ޖެހުމަށް އިލްތިމާސްކުރަމުންނެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވިކަން އެނގޭ މީހުން، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ގޮސް، ކޮންޓެކްޓުންނަށް ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ޖެހުމަށް އެ އޭޖެންސީން ވަނީ އެދިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރެއްކަމުން، މިއީ ގިނަ ބަޔަކު ދަތުރުފަތުރުކޮށް، އެކި ބޭނުންތަކުގައި އެއްތަންވުން ގިނަ ދުވަސްކޮޅެކެވެ. ޑރ. ޢަބްދުލް ޢަޒީޒު ޙަމީދުގެ 'ސިއްހަތު ބްލޮގް'ގައިވާ ގޮތުން، ހިމަބިހި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމުންނާއި، އެ ޖަރާސީމުން ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލެވުމަށްފަހު، އަތްނުދޮވެ، ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުމުންނެވެ. އަދި ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުމަކީ ވެސް، މަދުން ނަމަވެސް ހިމަބިހި ޖެހޭ ގޮތެއް ކަމަށް ލިޔުއްވާފައިވެއެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި: ގަދަޔަށް ހުން އައުން ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން ކިނބިހިއެޅުން ކަރުތެރެ ހަލާކުވެ ފާރުވުން ކެއްސުން ވަރުބަލިވުން ނުތަނަވަސްވުން ގައިގައި ނުވަތަ މަސްތަކުގައި ރިހުން ކާހިތްނުވުން ޞިއްޙީ މާހިރުން ވަނީ، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ