ބަރަހަނާ ފޮޓޯ ހުރި ކަމަށް ބުނެ ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުވާ މީހާ ސުޕްރީމް ކޯޓުން ސަލާމަތެއް ނުވި

އޮރިޔާން ކާޑު ހުރި ކަމަށް ބުނެ, ބިރުދައްކައިގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި ކަމަށް ތުހުމަތުވާ މައްސަލައިގައި މިދިޔަ އަހަރު ހައްޔަރު ކުރި މީހާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ފުލުހުން މިދިޔަ އަހަރު އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، ބްލެކްމެއިލް ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީއެވެ. ރެކޯޑްތައް ދައްކާ ގޮތުން، އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޑިސެމްބަރު 19، 2024 ގައެވެ. މި މައްސަލައިގައި ދައުލަތުން ފަވާޒުގެ މައްޗަށް ބްލެކްމެއިލްކުރުމުގެ ދައުވާ އުފުލިއެވެ. އެކަމަކު މިދިޔަ އޭޕްރީލް މަހު، އެ މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި، މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށެވެ. އެކަމަކު، އުއްތަމަ ފަނޑިޔާރު ރިޔާސަތު ބެލެހެއްޓެވި މި މައްސަލައިގައި ސުޕްރީމް ކޯޓުން ފަވާޒަށް ސަލާމަތެއް ނުވެވުނެވެ. ސުޕްރީމް ކޯޓުން މިއަދުވަނީ ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، އެ މައްސަލަ އަލުން ކުރިއަށް ގެންދަން އަމުރުކޮށްފައެވެ. އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު، އަލީ ރަޝީދު އަދި އަބްދުﷲ ހަމީދު މިއަދު ކުރެއްވި ހުކުމުގައިވަނީ ހަތް ދުވަހުގެ ތެރޭގައި ދައުލަތުން މި މައްސަލަ އަލުން ހުށަހަޅައިފިނަމަ، މައްސަލަ އޮތް ހިސާބުން ކުރިއަށް ގެންދަން އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ