ސުޕްރީމް ކޯޓު ރިސެސްއަށް ހިނގައްޖެ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ރިސެސްއަށް ހިނގައްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ.
އެކަމަކު ކޮންމެހެން ނިންމަންޖެހޭ އަވަސް މައްސަލަތައް މިދިޔަ ހަފުތާގައިވެސް ސުޕްރީމް ކޯޓުން ކުރިއަށް ގެންދިޔައެވެ. ރިސެސްގެ މުއްދަތުގައި އަޑުއެހުންތައް ނުބޭއްވިޔަސް، މައްސަލަ ބަލައިގަތުމާއި އިދާރީ އެހެން މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.
މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސްޕްރީމް ކޯޓުގެ އިތުރުން، ހައިކޯޓާއި ކްރިމިނަލް ކޯޓު ވެސް ވަނީ ރިސެސްއަށް ގޮސްފައެވެ.
ހައިކޯޓު ރިސެސަށް ދިޔަނަމަވެސް ބައެއް މައްސަލަތަށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި މައްސަލައިގެ ޙުކުމް ކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށްދާނެ ކަމަށް ހައިކޯޓުން ބުނެއެވެ.
މީގެއިތުރުން އަވަސް ޠަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން އެއްބަސް ވެވޭ މައްސަލަތަށް މި މުއްދަތުގެ ތެރޭގައިވެސް މެދު ނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ހައިކޯޓުން މަޢުލޫމާތުދެއެވެ.
ރިސެސްގެ މުއްދަތުގައި ކޯޓުތަކުގައި އާއްމުކޮށް ޝަރީޢަތްތަށް ނުބޭއްވި ނަމަވެސް މައްސަލަ ބަލައިގަތުމާއި ޢިދާރީ މަސައްކަތްތަށް ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓު ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިިގެން 31ވަނަ ދުވަހުގެ ނިއަލަށް ރިސެސްއަށް ދިއުމަށް ޣާޟީއިންގެ ޢާންމު މަޖިލީހުން ނިންމާފައިވީ ނަމަވެސް ޖިނާއީ ބޮޑެތި މައްސަލަތަކާއި، ބަންދައިމެދު ގޮތެއް ނިންމުމާއި، ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެކޯޓުން ވެސް ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް، ޢާންމު ގޮތެއްގައި ކޯޓުތަކުން ޑިސެމްބަރު މަހު ރިސެސްއަށް ދެއެވެ. ރިސެސްގައި އާންމު އުސޫލުން ޝަރީއަތްތަކެއް ނުހިނގި ނަމަވެސް އިދާރީ މަސައްކަތްތައް ހިނގާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ