އެފްއޭއެމް އިން ހިންގާ މުބަރާތްތަކުން ކ.ގުރައިދޫ ސްކޫލް ޓީމު އެއް އަހަރަށް ސަސްޕެންޑުކޮށްފި އެވެ.
ގުރައިދޫ ސްކޫލް ޓީމަށް މި އަދަބު ދީފައިމިވަނީ މިދިޔަ ހޯމަ ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެފްއޭއެމް 17 އަަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
އެގޮތުން 2-1 އިން ކަލާފާނު ސްކޫލް އަތުން ގުރައިދޫ ސްކޫލް ބަލިވި އެ މެޗަށް ފަހު އެ ޓީމުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ވަނީ މެޗުގެ ރެފްރީ އަށް ހަމަލާދީފަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނީ މެޗުގެ ކުޅުން ނިމިފައިވަނިކޮށް ގުރައިދޫ ސްކޫލް ޓީމުގެ ކުޅުންތެރިންނާއި ޓީމަށް ސަޕޯޓު ކުރުމަށް ގަލޮޅު ދަނޑަށް ވަދެ ތިބި ސަޕޯޓަރުން މެޗުގެ ރެފްރީއާ މެދު ނުރުހުން ފާޅުކޮށް ހަމަލާދީފައިވާކަން އެނގެން އޮތް ކަމަށެވެ.
އެގޮތުން އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައިވަނީ މި ފަހަރު ގުރައިދޫ ސްކޫލުން އެފްއޭއެމްގެ 17 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި ރަޖިސްޓްރީ ކުރި އެއްވެސް އޮފިޝަލަކަށް އަދި ކުޅުންތެރިއަކަށް ކުރިއަށް އޮތް އެއް އަހަރަށް އެފްއޭއެމް އިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ.
މީގެ އިތުރުން އެފްއޭއެމުން ވަނީ ގުރައިދޫ ސްކޫލް ޓީމުގެ ތިން ކުޅުންތެރިއަކު އެ އިދާރާ އިން ރާވާ ހިންގާ އެންމެހާ މުބާރާތްތަކުން ދެ އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
ގުރައިދޫ ސްކޫލް ޓީމު އެއް އަހަރަށް ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ