އަނެއްކާވެސް ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބަލަނީ

އަނެއްކާވެސް ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް، ހދ .ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ޢަމަލުކޮށްފައިވާ ތުހުމަތުކުރާ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް 18 ޖަނަވަރީވީ އާދިއްތަ ދުވަހު ބޭއްވި ޖޭއެސްސީގެ 5ވަނަ ޖަލްސާގައި ނިންމާ ތަހްގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
މީގެ ކުރިން، ވެސް އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބެލިއެވެ. އެ ފަހަރު ބެލި މައްސަލައަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޖަމްއިއްޔާއެއް އުފައްދައި އެ ޖަމްއިއްޔާގައި ހަރަކާތްތެރިވެފައިވާ މައްސަލައެވެ.
ޖޭއެސްސީން ބުނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޖަމްއިއްޔާއެއް އުފައްދައި އެ ޖަމްއިއްޔާގައި އިސްމެޖިސްޓްރޭޓް ހަރަކާތްތެރިވެފައިވާކަން ސާބިތުވެފައިވާ ކަމަށެެވެ. އަދި ތަފްރީޤްކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަންވެސް ސާބިތުވެފައިވާ ކަމަށެވެ.
މީގެ އިތުރުން އިސްމެޖިސްޓްރޭޓް އަލީ އާދަމް އުފެއްދި ޖަމްއިއްޔާއިން އިސްނަގައިގެން ހދ.ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި ޢަލީ އާދަމް ޢަމަލީ ގޮތުން ބައިވެރިވެފައިވާތީއާއި، އެ ހަރަކާތަކީ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އޮތް ހަރަކާތަކަށްވާއިރު، ޢަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތްކޮށްފައިވާކަަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
އަދި ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުޢޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ އިޢުތިރާފުވެސްވެފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެހެންކަމުން، އެއީ ސިޔާސީ ގޮތުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ޝުއޫރުތަކެއްކަމަށް އާންމުން ދެކުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި އޮތް ކަމަކަށްވީއިރު، ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހަކު ކޮށްގެންނުވާނެފަދަ އަމަލެއް އިސްމެޖިސްޓްރޭޓް އަލީ އާދަމް ކުރިކަން ސާބިތުވާކަމަށް ޖޭއެސްސީން ވަނީ ކަނޑައަޅާފައެވެ.
މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ އަމުލުތަކަކަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ