ވެރިކަމަށް ގާސިމް ގެނެވޭނެ އެންމެ ކުރު މަގަކީ ކޮބާ؟

ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ގޮތުން އެންމެ ރަނގަޅުވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ވެރިކަން ހަވާލު ކުރުުން ކަމަށް، އިދިކޮޅު އެމްޑީޕީން ވަނީ ގަރާރުވެފަ އެވެ. އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ 37 މެންބަރެއްގެ ބޮޑު އަޣުލަބިއްޔަތަކުން އިއްޔެ ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމުގެ ޒިންމާތައް އެކަށީގެންވާ ގޮތުގައި ނުއުފުއްލެވޭ ކަމަށާއި އެކަމުގެ ސަބަބުން ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އެކަމަކު ގައުމުގެ ހާލަތަށް ބަލައިގެން ބޭނުންހާ މީހަކާ ވެރިކަން ހަވާލުކުރެވޭ ނަމަ އަހަރެމެން މި ވަކާލާތުކުރާ ޑިމޮކްރަސީ އާއި ގާނޫނުގެ ވެރިކަން އެއީ ހަމައެކަނި ސިޔާސީ ބޭނުންވާ ގެންގުޅޭ ހިޔާލީ ވާހަކައެއް ކަމަށް ނުވޭހެއްޔެވެ؟
މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަތީ އިންތިހާބު ދެ ވަނަ ބުރަކަށް ދިއުމުން ގާސިމް ޔާމީނަށް ތާއީދުކުރެއްވުުމުންނެވެ. މިއީ ޔަގީނާ ގާތަށް އެނގޭ ކަމެކެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނައިން ވޯޓު ލިބިވަޑައިނުގަތުމުން އެ ކުރިމަތިލުމުގެ ނަތީޖާ ނެރުން އޮތީ ގާސިމްގެ އަތްޕުުޅުގަ އެވެ. ގާސިމް އެރުއްވި ކޮޅަކަށް ވޯޓުތައް ގޮސް އެ ކޮޅަކަށް ކާމިޔާބުވާ ގޮތަށެެވެ. ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ގާސިމް ވެރިކަމާ ހަވާލުވެ ވަޑައިގަންނަވަން ޖެހެނީ މި ވެރިކަން ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ގާސިމް ކަމަށް ވެފައި ރައީސް ޔާމީނާއި ގާސިމަށް ދާދި އެއްވަރަކަށް ވޯޓު ލިބިވަޑައިގެންފައި ވުމެވެ. އެކަމަކު މިއީ ކޮން ހަމައެއް ހެއްޔެވެ؟ ގާސިމަށް ވުރެ އަދި ޔާމީނަށް ވުރެ ވެސް ގިނައިން ނަޝީދަށް ވޯޓު ލިބިވަޑައިގަތެވެ. އެހެންވީ އިރު ގާސިމަށް ވުރެ ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގަތުން މި ހަމައިން ބަލާއިރު މާ އައުލާކަން ބޮޑެއް ނޫންހެއްޔެވެ؟
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޔާމީނަށް 51.39 ޕަސެންޓް ލިބިވަޑައިގަތީ 111203 ވޯޓާ އެކުގަ އެވެ. ނަޝީދަށް 105181 ވޯޓު ލިބިޑައިގެން އިރު އެއީ 48.61 ޕަސެންޓެވެ. ގާސިމަށް ފުރަތަމަ ބުރުގައި ލިބިވަޑައިގެންފައި ވަނީ 49131 ވޯޓެވެ. ޑިމޮކްރަސީއެއްގައި އެންމެ މުހިންމީ ތާއީދު އޮތް މިންވަރު ކަމަށް ވާއިރު އެ ތާއީދު ހާމަކޮށްދެނީ ވޯޓުންނެވެ. އެހެންވެ ޔާމީން ފިޔަވައި އެހެން ބޭފުޅަކާ ވެރިކަން ހަވާލުކުރާ ނަމަ އެ ބޭފުޅަކަށް ވާންޖެހޭނީ ނަޝީދެވެ. ގާސިމެއް ނޫނެވެ.
ގައުމު ހަމަޔަކަށް އަޅުވަން އަޅުގަނޑާ ހަވާލުކުރައްވާށޭ ނަޝީދު ވިދާޅުނުވީ އެ މަނިކުފާނުގެ ގާބިލްކަން ނެތީމާ ހެއްޔެވެ؟ ނުވަތަ ގާސިމާއި ރައީސް ޔާމީންގެ ޕީޕީއެމްއާ ދެމެދު ސިޔާސީ ގޭމެއް ކުޅުވަން ހެއްޔެވެ؟ ބޮޑަށް ގަބޫލުކުރެވެނީ ފަހުން މި ބުނި ގޮތާ އެވެ. އެހެން ގަބޫލުކުރެވެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ މައްސަލާގައި ޕީޕީއެމްއާ ޖުމްހޫރީ ޕާޓީ ހިޔާލު ތަފާތުވެ އެކި ފާޑުގެ ވާހަކަތައް ދެކެވެމުން ދަނިކޮށެވެ. ފަނޑިޔާރުންގެ އަދަދު މަދުކުރަން ބޭނުންވަނީ ޕީޕީއެމް އިން ކަމަށް ވާއިރު ހަގީގަތަކީ މިވަގުތު ފަނޑިޔާރުންގެ އަދަދު މަދުކޮށްފި ނަމަ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ބޭނުންވާ ބަޔަކު ބެންޗުގައި ބެއިތިއްބޭނެ ކަމާ މެދު އެ ދެ ޕާޓީ އަށް ޔަގީންކަން ނެތުމެވެ. ކޮންމެ ބަޔަކު ވެސް ބޭނުންވަނީ ކޯޓަށް ނުފޫޒު ފޯރުވާށެވެ. އެހެންވެ މިއީ ޖުމްހޫރީ ޕާޓީ ބޭނުންކޮށްގެން ރަނގަޅު ސިޔާސީ ފައިދާއެއް ނެގިދާނެ ވަގުތެކެވެ.
ރައީސް ނަޝީދު ހުށަހެޅުއްވީ ގާސިމްއާ ވެރިކަން ހަވާލު ކުރުމަށެވެ. އެކަމަކު މިއީ ވިރާސީ ރަސްކަމެއް ނޫނެވެ. ވެރިކަން އެންމެ ފަސޭހައިން ވެސް އެހެން މީހެއްގެ އަތްމައްޗަށް ދާން އޮތީ ރައީސް އިސްތިއުފާ ދެއްވުމުންނެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް އިސްތިއުފާ ދެއްވައިފި ނަމަ ނުވަތަ ވެރިކަން ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާނީ ނައިބު ރައީސް އެވެ. އެހެންވެ ގާނޫނީ ހަމަތަކުގެ މަތިން ގާސިމާ ހަޔަމަށް ވެރިކަން ނަގުލުވާން އޮތް އެންމެ ކުރު މަގަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިހާބު ކުރުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އިސްތިއުފާ ދެއްވުމެވެ. ނުވަތަ އެ ދެ ބޭފުޅުންނަށް މަގާމުގެ ޒިންމާތައް އުފުއްލެވެން ނެތް ކަމަށް އެންގެވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ