ތައިލެންޑުން ފެނުނު ކަށިތަކަކުން ދިގު ކަރުލީ ބޮޑު ޑައިނަސޯއެއްގެ އައު ބާވަތެއް ސައިންސްވެރިން ދެނެގަނެފިއެވެ.
މިއީ މިހާތަނަށް ދެކުނު އިރުމަތީ އޭޝިއާއިން ފެނުނު އެންމެ ބޮޑު ޑައިޑަސޯ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ނާގަޓައިޓަންގެ ނަމުން ނަންދީފައިވާ މި ޑައިނަސޯއަކީ ގާތްގަނޑަކަށް 27 ޓަނުގެ ބަރުދަން ހުރި އެއްޗެކެވެ. މިއީ ބޮޑު ނުވަ އޭޝިއާ އެލިފަންޓުގެ ބަރުދަނާ އެއްވަރުގެ މިންވަރެކެވެ. ދިގުމިނުގައި 27 މީޓަރު ނުވަތަ 88 ފޫޓު ހުރި މި ޑައިނަސޯއަކީ މަޝްހޫރު ޑިޕްލޮޑޯކަސް އަށް ވުރެ ވެސް ދިގު އެއްޗެކެވެ. މި ޖަނަވާރަކީ ދިގު ކަރުލީ ފަތްޕިލާވެލި ކައިއުޅޭ ސޯރޮޕޮޑް އާއިލާއަށް ނިސްބަތްވާ އެއްޗެކެވެ.
މި އައު ބާވަތް ދެނެގަނެފައިވަނީ އިނގިރޭސިވިލާތާއި ތައިލެންޑުގެ ދިރާސާވެރިންގެ ޓީމަކުންނެވެ. މި ކަށިތައް ފެނިފައިވަނީ މީގެ ދިހަ އަހަރު ކުރިން ތައިލެންޑުގެ އިރުއުތުރު ސަރަހައްދެއްގެ ފެންގަނޑެއްގެ ކައިރިންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި މި ހޯދުމުގެ ސަބަބުން، ދުނިޔޭގެ މޫސުމަށް އައި ބަދަލުތަކާ ގުޅިގެން މިފަދަ ބޮޑެތި ޑައިނަސޯތައް އުފެދިގެން އައި ގޮތުގެ މައްޗަށް އައު އަލިކަމެއް ލިބިގެންދެއެވެ.
މި ޑައިނަސޯއަށް ދީފައިވާ ފުރިހަމަ ނަމަކީ ނާގަޓައިޓަން ޗައްޔަޕޫމެންސިސް އެވެ. މި ނަމުގެ ތެރެއިން ނާގަ އަކީ ދެކުނު އިރުމަތީ އޭޝިއާގެ ފޯކްލޯރުގައި ކިޔައިއުޅޭ ހަރުފައަކަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. ޓައިޓަން އަކީ ގްރީކް ފްލޯކްލޯރުގެ ކަލާނގެތަކަށް ކިޔާ ނަމެކެވެ. އަދި ޗައްޔަޕޫމެންސިސް އަކީ މި ކަށިތައް ފެނުނު ޗައްޔަޕޫމް ޕްރޮވިންސަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ.
މި ޖަނަވާރު ދުނިޔޭގައި އުޅެފައިވަނީ މީގެ 100 އާއި 120 މިލިއަން އަހަރު ކުރިންނެވެ. މިއީ މަޝްހޫރު ޓައިރެނޯސޯރަސް ރެކްސް އުޅުނު ޒަމާނަށް ވުރެ 40 މިލިއަން އަހަރު ކުރިއެވެ. އަދި މިއީ ޓީ-ރެކްސް އަށް ވުރެ ދެގުނަ ބޮޑު ޑައިނަސޯއެކެވެ.
މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވީ ޔުނިވަރސިޓީ ކޮލެޖް ލަންޑަންގައި ޕީއެޗްޑީ ހަދަމުންދާ ތައިލެންޑުގެ ދަރިވަރެއް ކަމަށްވާ ތިތިވޫޓް ސެތަޕަނިޗްސަކުލް އެވެ.
ތިތިވޫޓް ވަނީ މި ޑައިނަސޯގެ ކުރީ ފައިގެ ކައްޓަކާއެކު ފޮޓޯއެއް ނަގާފައެވެ. އެ ކަށިގަނޑު އޭނާގެ އިސްކޮޅަށް ވުރެ ވެސް ދިގުކަން ފާހަގަކުރެވެއެވެ. އޭނާ ބުނި ގޮތުގައި މިއީ ޑައިނަސޯއަށް ލޯބިކުރާ ކުއްޖެއްގެ ގޮތުގައި ހުރެ، ޑައިނަސޯކަށް ނަން ދިނުމަށް އޭނާ އަމިއްލަ ނަފުސަށް ވެފައިވާ ވައުދެއް ފުއްދުމެވެ.
މިއީ ތައިލެންޑުން ނަން ދެވުނު 14 ވަނަ ޑައިނަސޯއެވެ. މަހާސަރަކަމް ޔުނިވަރސިޓީގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ސީތާ މަނިޓްކޫން ވިދާޅުވި ގޮތުގައި ތައިލެންޑަކީ އޭޝިއާގައި ތިންވަނައަށް އެންމެ ގިނައިން ޑައިނަސޯގެ ކަށިތައް ފެންނަ ގައުމެވެ.
ނާގަޓައިޓަން ދުނިޔޭގައި އުޅުނު ދުވަސްވަރަކީ ޖައްވުގައި ކާބަން ޑައިއޮކްސައިޑް އިތުރުވެ، ދުނިޔޭގެ ހޫނުމިން މަތިވަމުންދިޔަ ދުވަސްވަރެކެވެ. ޕްރޮފެސަރ ޕޯލް އަޕްޗާޗް ވިދާޅުވި ގޮތުގައި، ހޫނުގަދަ މާހައުލެއްގައި މިފަދަ ބޮޑެތި ޖަނަވާރުތަކެއް އުޅުމަކީ ހައިރާންވާންޖެހޭ ކަމެކެވެ. ސަބަބަކީ ބޮޑެތި ހަށިގަނޑުތަކުގައި ހޫނު ހިފެހެއްޓިފައި ހުންނަ މިންވަރު އިތުރުވުމެވެ. އޭނާ ލަފާކުރާ ގޮތުގައި މި ހޫނުމިނުގެ ސަބަބުން މި ޖަނަވާރުތައް ކައިއުޅުނު ގަސްގަހާގެއްސަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާނެއެވެ.
ތައިލެންޑުން ފެނުނު ކަށިތަކަކުން ދިގު ކަރުލީ ބޮޑު ޑައިނަސޯގެ އާ ބާވަތެއް ދެނެގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ