އާމްދަނީއާއި ތަރައްގީއަށް ކުރި ހޭދަ އިތުރުވެއްޖެ

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މާލީ ހިސާބުތަކުން، ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި ތަރައްޤީގެ މަޝްރޫއުތަކަށް ކުރާ ހޭދަތައް އިތުރުވަމުންދާކަމަށް ދައްކައިފިއެވެ.
22 ވަނަ ހަފުތާގެ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، 4 ޖޫން 2026 ގެ ނިޔަލަށް ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު ވަނީ 19.09 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 17.34 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ މުއްދަތުގައި އާމްދަނީއަށް އައި އެންމެ ބޮޑު ކުރިއެރުމެއް އައީ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިންނެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަމާއި ގައުމީ އިގްތިސާދަށް އެ ދާއިރާއިން ކުރާ ހިއްސާ ދައްކުވައިދޭ ކަމެކެވެ.
ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން 14.84 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި 8.55 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 6.02 ބިލިއަން ރުފިޔާ އާއި އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 2.53 ބިލިއަން ރުފިޔާ ހިމެނެއެވެ. ވިޔަފާރި އާއި މުދަލުގެ ޓެކްސްގެ ގޮތުގައި 2.77 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 1.07 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 939.7 މިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް ވަނީ އިތުރުވެފައެވެ.
ހަމައެއާއެކު، އާންމު ހިދުމަތްތަކާއި ތަރައްޤީގެ މަޝްރޫއުތަކަށް ސަރުކާރުން ކުރާ ހޭދަ ވަނީ އިތުރުވެފައެވެ. ޖުމްލަ ހަރަދު 19.20 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ތައުލީމީ ދާއިރާއަށެވެ. އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން 1.99 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން 1.66 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ އާންމު އުމްރާނީ ވަސީލަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް ކޮށްދައިވާ ހޭދައެވެ. މިނިސްޓްރީ އޮފް ފައިނޭންސް އިން ފާހަގަކުރި ގޮތުގައި، މި މުއްދަތުގައި ހަރަދު އެންމެ ބޮޑަށް އިތުރުވި އެއް ދާއިރާއަކީ މަގުތަކާއި، ބްރިޖްތަކާއި، އެއާޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫއުތަކެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 1.52 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ދެމެހެއްޓުމަށް ކޮށްފައިވާ ހޭދައެވެ.
ސިއްހީ ދާއިރާއަށް ކުރި ހަރަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން 1.01 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން 757 މިލިއަން ރުފިޔާ އަދި ހުޅުމާލެ ހޮސްޕިޓަލުން 240.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މި ބަޖެޓްތަކަކީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، ބޭސްފަރުވާގެ ހިދުމަތްތަކަށާއި، މުޅި ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭ އެލޮކޭޝަންތަކެކެވެ.
ސަރުކާރުން ވަނީ ގައުމީ ސަލާމަތާއި އާންމު ރައްކާތެރިކަމަށް ކުރާ އިންވެސްޓްމަންޓްތައް ވެސް ދަމަހައްޓާފައެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން 1.10 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން 885.9 މިލިއަން ރުފިޔާ ބޭނުންކޮށްފައިވެއެވެ.
ހިނގަމުންދާ ހަރަދުތަކުގެ އިތުރުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ހަރަދަށް ބަލާއިރު 4 ޖޫން 2026 އާ ހަމައަށް ޕީ.އެސް.އައި.ޕީ ގެ ޖުމްލަ ހަރަދު 2.31 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ދަށުން އެކި ދާއިރާތަކުގެ މަޝްރޫއުތަކަށް ފަންޑުކޮށްފައިވެއެވެ.
އާންމު ހިދުމަތްތަކަށް ކުރި އިންވެސްޓްމަންޓްތަކުގެ ޖުމްލަ 407.3 މިލިއަން ރުފިޔާއަށް އަރާއިރު، މީގެ ތެރެއިން 402.6 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ ބިން ބެލެހެއްޓުމުގެ މަޝްރޫއުތަކަށެވެ.
ސަރުކާރުން ވަނީ ބޯހިޔާވަހިކަމާއި އިޖުތިމާއީ ވަސީލަތްތަކަށް ވެސް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައެވެ. މި ދާއިރާއަށް ކުރި ހަރަދު 297.2 މިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 212.9 މިލިއަން ރުފިޔާ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 55.4 މިލިއަން ރުފިޔާ، އާބަން ޑިވެލޮޕްމަންޓަށް 26.1 މިލިއަން ރުފިޔާ، އާންމު ހުސްޖާގަތަކަށް 2.3 މިލިއަން ރުފިޔާ، އަދި އިޖުތިމާއީ ވަސީލަތްތަކަށް 0.5 މިލިއަން ރުފިޔާ ހިމެނެއެވެ.
ތައުލީމީ ދާއިރާއިން ޕީ.އެސް.އައި.ޕީ ހަރަދުގެ ގޮތުގައި 189.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ޕްރައިމަރީ އަދި ސެކަންޑަރީ ތައުލީމުގެ އުމްރާނީ ވަސީލަތްތަކަށް 184.4 މިލިއަން ރުފިޔާ އަދި މަތީ ތައުލީމުގެ މަޝްރޫއުތަކަށް 4.7 މިލިއަން ރުފިޔާ ހިމެނެއެވެ.
ސިއްހީ ދާއިރާގެ ޕީ.އެސް.އައި.ޕީ ހަރަދުގެ ގޮތުގައި 155 މިލިއަން ރުފިޔާ ރެކޯޑް ކުރެވިފައިވާއިރު، މި ހުރިހާ ފައިސާއެއް ވެސް ހޭދަކޮށްފައިވަނީ ސިއްހީ ހިދުމަތްދޭ ތަންތަން ފުޅާކުރުމަށާއި ފެންވަރު މަތިކުރުމަށް ހިންގާ އުމްރާނީ މަޝްރޫއުތަކަށެވެ.
މުނިފޫހިފިލުވުމާއި، ސަގާފަތާއި، ދީނީ ކަންކަމާ ގުޅުންހުރި މަޝްރޫއުތަކަށް 119.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި ދީނީ ހިދުމަތްތަކާ ގުޅޭ މަޝްރޫއުތަކަށް 66.8 މިލިއަން ރުފިޔާ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް 49.4 މިލިއަން ރުފިޔާ، އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް 3 މިލިއަން ރުފިޔާ ހިމެނެއެވެ.
މީގެ އިތުރުން، އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ޕީ.އެސް.އައި.ޕީ އިން ކުދި އިންވެސްޓްމަންޓްތަކެއް ކޮށްފައިވެއެވެ. އެގޮތުން، މައިގަނޑު ގޮތެއްގައި ގާނޫނު ތަންފީޒުކުރުމާ ގުޅުންހުރި މަސައްކަތްތަކަށް 17.9 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ރިޕޯޓުކުރި މުއްދަތުގެ ތެރޭގައި ދިފާއީ ދާއިރާގެ މަޝްރޫއުތަކަށް 0.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ.
މި ރިޕޯޓުގައި ޖުމްލަ ފިސްކަލް ޑެފިސިޓް ނުވަތަ ދަރަނި 110.6 މިލިއަން ރުފިޔާގައި ހުރިކަމަށް ދައްކައެވެ. މީގެ އިތުރުން، މި ރިޕޯޓުން ދައްކާގޮތުގައި ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 2.18 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
"ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓަކީ ސަރުކާރުގެ މާލީ ހާލަތާއި، އާމްދަނީގެ ނަތީޖާތަކާއި، ބަޖެޓު ތަންފީޒުވަމުންދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ގަވާއިދުން ނެރޭ ރިޕޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ