ހުމާއި ރޯގާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފި

ހުމާއި ރޯގާގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ދުރާލާ ރައްކާތެރިވުމަަށް ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
ޢީދު ބަންދާއި ދިމާކޮށް ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރި މިންވަރު ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން މިދުވަސްވަރު އާންމު ބަލިތައް ފެތުރޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި ހުމާއި ރޯގާގެ ކޭސްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރުވަމުންދާއިރު، އުތުރުގެ ރަށްތަކުން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު އިތުރުކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
ހުމާއި ރޯގާގެ އިތުރުން އިންފުލުއެންޒާގެ ކޭސްތައްވެސް އިތުރުވާތީ ދުރާލާ ރައްކާތެރިވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ބައްޔެއްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ވަނީ ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމާއި، ހުން އައިސް ރޯގާގެ އަލާތްމާތްތައް ހުންނަނަމަ ކުޑަކުދިންނާއި އެހެން މީހުންނާ ދުރުވެ އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އަރިދަފުސް ރޯގާ ހުރިނަމަ އަދި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނެހެން މާސްކުއެޅުމާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަށް ޓެސްޓްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރަން ޖެހޭނެއެވެ. އެގޮތުން ޚާއްސަކޮށް ކުޑަކުދިން ހުން އައިސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިކަމުގައި ވާނަމަ ކުއްޖާ ސުކޫލަށް ނުފޮނުވުމަކީ ވަރަށް މުހިންމު ކަމަކެވެ. އެހެން ކަމުން ހުރިހާ ފަރާޓްތަކުންވެސް ބަލިތަކުން ރައްކާތެރި ވުމަށާއި، ބަލިފެތުރުން ހުއްޓުވުމަށް ސިއްޙީ މާހިރުންގެ އަޑު އައްސަވާ އެގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމަކެވެ.
ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރު އާންމުގޮތެއްގައި އިތުރުވެއެވެ. ޚާއްޞަކޮށް ދަތުރުތައް އިތުރުވުމާއެކު ރައްޔިތުންގެ ގިނަ ކަންކަމަށް ސަމާލުކަން ދިނުމަށް ސިއްޚީ ޚިދުމަތް ދޭ ފަރާތްތަކުން ޢިލްތިމާސް ކުރެއެވެ. އަދި ބައްޔެއްގެ އެއްވެސް އަލާމާތެއް ފެންނަނަމަ، ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ