ސިނގިރޭޓު އަގުހެޔޮކުރުމާ މެދު ސުވާލުކުރުމުން ޤީލާ: "މިއައީ އެ ސުވާލަށް ޖަވާބު ދޭން ތައްޔާރުވެގެނެއް ނޫން"

މި ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމީ ކޮން ގޮތަކަށް ވިސްނައިފައިތޯ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަށް ފަހުން ޖަވާބުދެއްވާނެ ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ ޤީލާއާ ސުވާލުކުރުމެވެ. މައިގަނޑު ގޮތެއްގައި ފުރަތަމަ އޮތީ ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް އިމާރާތްކުރާ މެންޓަލް ހޮސްޕިޓަލާއި ނަފުސާނީ ފަރުވާއާ ގުޅޭ ގޮތުންނެވެ. އެކަމަކު ޒިޔާދު ވަނީ، ސަރުކާރުން ސިނގިރޭޓުގެ އަގު ހެޔޮކުރުމަށް ނިންމީ ކޮން ގޮތަކަށް ވިސްނައިފަތޯ މިއަދުގެ ޖަލްސާގައި ސުވާލުކުރައްވައިފައެވެ. https://sun.mv/223692 "އަޅުގަނޑު މިއައީ މިއަދު ހަމަ ތި ސުވާލަށް ޖަވާބުދޭން ތައްޔާރުވެގެނެއް ނޫން، އެހެންވީމާ އަޅުގަނޑު ހަމަ ފަހުން ތި ސުވާލުގެ ޖަވާބު އިއްޒަތްތެރި މެންބަރަށް އަރުވާނަން،" ޒިޔާދަށް ޖަވާބުދެއްވަމުން ޤީލާ ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ސިނގިރޭޓަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް 2024ވަނަ އަހަރުގެ ނޮވެންބަރު މަހު ބޮޑުކުރުމަށްފަހު، ހަތަރު ރުފިޔާއަށް ކުޑަ ކުރަން ސަރުކާރުން ހުށަހެޅީ އިއްޔެއެވެ. މި ނިންމުމާއެކު ކަންބޮޑުވުންތަކާއެކު ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނެވެ. ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިބްރާހީމެވެ. ސަރުކާރުން މި ހުށަހެޅި އިސްލާހުގެ މައިގަނޑު ބޭނުމެއް ކަމަށް ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގުތިޞާދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށެވެ. މި ސިޔާސަތުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތަ އަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. މި އިސްލާހުގައިވާ އަނެއް ބަދަލަކީ ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ. ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 ރުފިޔާއަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އަރައިފައެވެ. ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން އިމްޕޯޓް ޑިއުޓީ ލިބުން ދަށްވެ އާމްދަނީއަށް ވެސް އޭގެ އަސަރު ކުރި ކަމަށް، އެކަމާ ދެކޮޅަށް ވާހަކަދެއްކި ބައެއް ފަރާތްތަކުންވެސް ބުނެފައިވެއެވެ. ނަމަވެސް މަދުވި ފައިސާއަށް ވުރެ، ސިއްހީ ފައިދާ ބޮޑު ކަމަށް ބުނެ ސަރުކާރުން އެ ފިޔަވަޅު ދިފާއުކޮށްފައިވެއެވެ. އެފަހުން މިދިޔަ މަހުގެ 31 ވަނަ ދުވަހު، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން, އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެކަން އެގޮތަށް ބަދަލު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, (ޑަބްލިޔުއެޗްއޯ) ގެ އިރުޝާދަށް ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ. ނަމަވެސް މިކަމުގައި ޑަބްލިޔުއެޗްއޯއިން އަދި ވަކި އެއްޗެއް ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ. މި މަހުގެ ފުރަތަމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން ޔޫ ޓާނެއް ނުނަގާ ކަމަށާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ސަރުކާރުން ގެންނާނީ ކޮންމެހެން ގެންނަން ޖެހޭ ބަދަލު ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ