މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަޑުޖެހިފައި އޮތް ރާއްޖެ އިގުތިސާދު އަންނަ އަހަރުން ފެށިގެން އާންމު ހާލަތަށް ރުޖޫއަ ވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ލަފާކޮށްފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ރާއްޖެ އަށް އައިއެމްއެފްގެ ވަފްދަކުން ކުރި ޒިޔާރަތަށް ފަހު، ނެރުނު ރިޕޯޓުގައި ބުނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް އުފުލުމާއި ޓޫރިޒަމަށް ކުރި ނޭދެވޭ އަސަރުތަކާ އެކު، މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެއް ޕަސެންޓަށް މަޑުޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ނަމަވެސް، އަންނަ އަހަރުގެ ތެރޭގައި އިގުތިސާދީ ކުރިއެރުން އިޔާދަވާން ފަށައި، މެދުރާސްތާގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ހަތަރު ޕަސެންޓުގެ މިންގަނޑަށް ރުޖޫއަވާނެ ކަމަށް އެ ވަފުދުން ނެރުނު ރިޕޯޓުގައި ވަނީ ލަފާކޮށްފަ އެވެ.
އައިއެމްއެފުން ބުނި ގޮތުގައި، މި އަހަރުގެ ތެރޭގައި ސުކޫކު ބޮންޑާ އެކު، ބޭރުގެ ބޮޑެތި ދަރަނިތަކެއް އަނބުރާ ދެއްކުމުން ކައިރި މުސްތަގުބަލެއްގައި ޑިފޯލްޓުވުމުގެ ހާލަތަށް ލުޔެއް ލިބިފައިވިޔަސް، ދަރަނި ދެއްކުމުގެ ގާބިލުކަމުގެ ހިރާސްތައް އަދިވެސް ބޮޑު ކަމަށެވެ.
މިގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން، އިމްޕޯޓަށް ކުރާ ހޭދަ ބޮޑުވެ، ކަރަންޓު އެކައުންޓު ޑެފިސިޓު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
މި ހިރާސްތައް ކުޑަކޮށް، ދިގުރާސްތާގައި އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި މާލީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ވިޔަފާރި މާހައުލު ރަނގަޅު ކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް އެކަށީގެންވާ ފަދަ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށް އައިއެމްއެފުން ބުންޏެވެ.
އަދި ރާއްޖެއިން ބޭރުގެ ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި މާލީ އެއްބަސްވުންތައް ގާއިމުކުރަމުންދާކަން ފާހަގަކޮށް، މީގެ ސަބަބުން ބޭރުގެ މާކެޓުތަކަށް ބަރޯސާވުން އިތުރުވެ، މުސްތަގުބަލުގައި އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން، އައިއެމްއެފުން ބުނި ގޮތުގައި، ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް އަމިއްލަ ދާއިރާ ކުރިއެރުވުމަށްޓަކައި ގާނޫނީ އަދި އިދާރީ ހިންގުން ހަރުދަނާ ކުރުމަކީ މުހިންމު ކަމެކެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔަމުން، އައިއެމްއެފުން ވަނީ މާލީ ހަމަޖެހުން ދެމެހެއްޓުމަށް އެ މަސައްކަތް ކުރިއަށް ގެންދަންޖެހޭކަން ފާހަގަކޮށްފަ އެވެ.
އަދި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށާއި ތެލުގެ އަގު އުފުލޭ ދަނޑިވަޅުތަކުގައި ސަބްސިޑީ އަށް ކުރާ ހޭދަ ކުޑަކުރުމަށް މިއީ މުހިންމު ފިޔަވަޅެއް ކަމަށްވެސް އައިއެމްއެފުން ބުނެފައިވެ އެވެ.
ދައުލަތުގެ ދަރަނި ކުޑަކޮށް، މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި މިދިޔަ އަހަރު ފަށާފައިވާ އިސްލާހީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން އައިއެމްއެފުން ފާހަގަކުރެ އެވެ. މީގެ ތެރޭގައި ކެޕިޓަލް ހަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ އިތުރުން އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެހެން ސަބްސިޑީގެ ނިޒާމު މުރާޖައާކުރުން ހިމެނެ އެވެ.
އިގްތިސާދީ ކުރިމަގަށް ހުރި ހުރަސްތަކުގެ ގޮތުގައި ދުނިޔޭގެ މަސްރަހުގައި ހުރި ނުތަނަވަސްކަމާއި ހަކަތައިގެ އަގާއި ބޭރުގެ މާލީ އެހީތެރިކަން ހޯދުމުގައި ހުރި ދަތިތައް ފާހަގަކޮށް، އައިއެމްއެފުން ބުނީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކަށް ވާން ޖެހޭނީ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމާއި ދަރަނި މެނޭޖުކުރުމާއި ދައުލަތުގެ މާލިއްޔާ ވަރުގަދަކުރުން ކަމަށެވެ.
އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު އިޔާދަވާން ފަށާނެ ކަމަށް އައިއެމްއެފުން ލަފާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ