ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ވިސްނުމެއް މަޖިލީހުގައި މިވަގުތު ނެތް

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގެ މެންބަރުން ހާމަ ކުރައްވައިފަ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރުން މީކާއިލް އަހުމަދު ނަސީމްގެ ފަރާތުން އިއްޔެ ވަނީ ކައުންސިލަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމާ މެދު މަޖިލިސް މެންބަރުންގެ ވިސްނުން ހުރި ގޮތެއް ބަލަން މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ.
އެ ގަރާރުގައިވާ ގޮތުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު ކައުންސިލަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިތުރުވެފައިވީ ނަމަވެސް ކުރާ މަސައްކަތާ އެއްވަރުގެ އަދި ހަމަހަމަ މުސާރައެއް ނުލިބެ އެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ މައްސަލަތައް:
1. ރައީސްގެ މުސާރަ އެސްޖީގެ މުސާރަ އަށް ވުރެ ކުޑަ.2. ނައިބު ރައީސްގެ މުސާރަ އެގްޒެކެޓިވްގެ މުސާރަ އަށް ވުރެ ކުޑަ.3. ކައުންސިލް މެންބަރުންގެ މުސާރަ ބައެއް މުއައްޒަފުންގެ މުސާރަ އަށް ވުރެ ކުޑަ. 4. އިތުރު ގަޑީގެ އިނާޔަތެއް ނުލިބޭ5. ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މީހުންނަށް ވުރެ ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުންގެ މުސާރަ ކުޑަ.
އެ ގަރާރަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިވަގުތު އޮތީ ސިޔާސީ ފަރާތްތަކުގެ މުސާރަ ބޮޑު ކުރެވޭ ގޮތަކަށް ނޫން ކަމަށެވެ. ސަބަބަކީ ކުރީ ސަރުކާރުން ނަގާފައި ހުރި ދަރަނިތައް މި ސަރުކާރުން ދައްކާ ހަލާސް ކުރުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަކީ ތާއީދު ކުރާ ކަމެއް ކަމަށާއި ހާލަތު މިއަށް ވުރެ ރަނގަޅުވުމުން އެކަން ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
އޭގެ އިތުރުން އެމްޑީޕީގެ ވެރިކަމުގައި އެފަދަ އިސްލާހެއް ގެނެސްފައި ނުވާތީ ޝުޖާއު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެ މައްސަލާގައި ވާހަކަ ދެއްކެވި ޕީއެންސީގެ އެހެން މެންބަރުން ވެސް ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ ގަރާރު ހުށަހެޅި ނިޔަތް ރަނގަޅު ނޫން ކަމަށް އެ މެންބަރުން ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ