އެމްއެންޑީއެފްއިން 13 ސަރަޙައްދެއްގައި އަސްކަރީ ތަމްރީނުތަކެއް ފަށައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރާއްޖޭގެ 13 ސަރަހައްދެއްގައި އަސްކަރީ ތަމްރީނުތަކެއް މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މިއަދު ފެށި މި ތަމްރީނުތައް ކުރިއަށް އޮތް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. މި ތަމްރީނުތަކުގައި އެއްގަމާއި ކަނޑުގެ އޮޕަރޭޝަންތައް ހިމެނޭއިރު، ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ. ނަމަވެސް، މި ތަމްރީނުތަކުގައި ބޭނުންކުރާނީ ބްލޭންކް ވަޒަނާއި ޕައިރޯޓެކްނިކްސް ކަމަށާއި، އާންމުންނަށް ނުވަތަ މުދަލަކަށް ގެއްލުމެއް ނުވާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް އެމްއެންޑީއެފުން ކަށަވަރުކޮށްދެއެވެ.
ތަމްރީނުތައް ކުރިއަށްދާ ސަރަހައްދުތައް:
މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަރެސްދޫ، ފޮނަދޫ، ކައްދޫ، މާންދޫ، ގަން (މުކުރިމަގު، މަތިމަރަދޫ އަދި ތުނޑީ އަވަށާއެކު)، މުންޑޫ، މާބައިދޫ، ބޮއްކެފުށި، ކަލައިދޫ، އުވަދެވިފުށި، މަހަކަންފުށި، ގާސްފިނޮޅު އަދި ބޮޑުފިނޮޅުގައެވެ.
ސިފައިންގެ ތައްޔާރީ ހާލަތު ވަރުގަދަކުރުމަށް މާލެއާއި އަތޮޅުތެރޭގައި ގަވާއިދުން މިފަދަ ތަމްރީނުތައް ބާއްވަމުންދެއެވެ. މީގެ އިތުރުން، ރާއްޖޭގެ ސިފައިންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށްޓަކައި ރާއްޖޭން ބޭރުގެ އެކި ތަމްރީނު ޕްރޮގްރާމްތަކުގައިވެސް އެމްއެންޑީއެފްގެ ސިފައިން ބައިވެރިވަމުންދާކަން އެ ފަރާތުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ