ޕޯޗުގަލް އަތުން ޕޮއިންޓަކާ އެކު ކޮލަމްބިއާ އެއް ވަނަ އަށް، ކޮންގޯ ދެ ވަނަ ބުރަށް

މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 28) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލްއާ 0-0 އިން އެއްވަރުވެ، ލިބުނު ޕޮއިންޓާ އެކު ކޮލަމްބިއާ އިން ގްރޫޕްގެ އެއް ވަނަ ހޯދިއިރު، ފަހަތުން އަރައި 3-1 އިން އުޒްބެކިސްތާން ބަލިކޮށް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން މުބާރާތުގެ ގަދަ 32 ޓީމު ކުޅޭ ބުރުން ޖާގަ ހޯދައިފި އެވެ.
މި މެޗަށް ނުކުތްއިރު ވެސް ޕޯޗުގަލް އާއި ކޮލަމްބިއާ އަށް ވަނީ ގަދަ 32 ޓީމުގެ ބުރުގެ ޖާގައެއް ޔަގީންވެފަ އެވެ. އެކަމަކު، ކޮލަމްބިއާ އިން ޕޯޗުގަލް އަތުން ޕޮއިންޓެއް ހޯދައިގެން ގްރޫޕްގެ އެއް ވަނަ ހޯދުމުގެ ފުރުސަތު އޮތްއިރު، ކޮލަމްބިއާ ބަލިކޮށްގެން ނޫން ގޮތަކަށް ޕޯޗުގަލް އަށް ގްރޫޕްގެ އެއް ވަނަ ލިބުމުގެ ފުރުސަތު ނެތެވެ. ޕޯޗުގަލް އަތުން ހޯދި ޕޮއިންޓާ އެކު، ކޮލަމްބިއާ އިން އެއް ވަަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. 
ޕޯޗުގަލް، ދެ ވަނަ އަށް ދިޔައީ ފަސް ޕޮއިންޓާ އެކު އެވެ. ތިން ވަނަ އަށް ދިޔަ، ކޮންގޯ އަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އަލަށް ވޯލްޑް ކަޕްގައި ކުޅުނު އުޒްބެކިސްތާނުން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ. 
މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕޯޗުގަލް އާއި ކޮލަމްބިއާ އަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެ ގޮތުން، މެޗުގެ ކުރީކޮޅުގައި ކޮލަމްބިއާގެ ފޯވާޑް، ޖޯން ކޮޑޯބާ ހުސްކޮށް އަރައި ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ކޮލަމްބިއާގެ ޖޯން އަރިއަސް ފޮނުވާލި އެއް ޝޮޓް، ޕޯޗުގަލްގެ ކީޕަރު، ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފަ އެވެ. އަދި، އަނެއް ފުރުސަތުގައި ޖެހި ބޯޅަ ޕޯޗުގަލްގެ މިޑްފީލްޑަރު، ރުބެން ނެވޭސް ވަނީ ފަހަތަށް ފައިބައި ސަލާމަތްކޮށްފަ އެވެ. 
ޕޯޗުގަލް އަށް ފުރަތަމަ ހާފުގައި ލީޑުނަގައިދޭން ބްރޫނޯ ފެނާންޑޭސް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ބްރޫނޯ ފެނާންޑޭސް ޖެހި ޝޮޓް ކޮލަމްބިއާގެ ކީޕަރު ކަމީލޯ ވާގާސް ވަނީ މަތަކޮށްފަ އެވެ. ރީބައުންސުން އެކްރަބެޓިކް ކިކަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހަން އުޅުނު ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. 
ދެ ވަނަ ހާފުގައި ވެސް ކޮލަމްބިއާ އިން އެޓޭކަށް ޖެހިގެން ގިނަ ހަަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ބަދަލަކަށް ކުޅެން އެރި ރިޗަޑް ރިއޯސް އަށް އޭރިއާތެރެއިން ހުސްކޮށް ފޮނުވާލަން ލިބުނު ފުރުސަތެއްގައި ޖެހި ޝޮޓް އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.  މެޗުގެ ފަހު ވަގުތު ވެސް ޕޯޗުގަލްގެ ކީޕަރު ކޮސްޓާ ވަނީ ރަނގަޅު ހަމަލާތަކެއް ހުއްޓުަވައިފަ އެެވެ. 
މެޗުގެ އިތުރު ވަގުތުގައި ކޮލަމްބިއާގެ ޑިފެންޑަރު، ޑަވިންސަން ސަންޗޭޒް ވަނީ ބޮލުން ގޯލު ޖަހައި ކޮލަމްބިއާ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އެއީ، ވީއޭއާރް އިން ބަލައިފަ އެވެ. 
ކޯންގޯ އިން މޮޅުވާން މަޖުބޫރު މެޗަކަށް ނުކުމެ. ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ފަހަތަށް ދިޔަ ބޯޅައެއް ގޯލަށް ވަދެ، އުޒްބެކިސްތާނުން ލީޑުނެގި އެވެ. އެ ގޮތުން، ކޮންގޯގެ ޑިފެންޑަރުން، ބަލަހައްޓައިގެން ތިއްބައި، އުޒްބެކިސްތާންގެ ކެޕްޓަން، އެލްޑޯ ޝޮމުރޯޑޯވް އޭރިއާތެރެއިން ވަދެ، ކޮންގޯގެ ކީޕަރު ލިއޮަނަލް އެމްޕާސީ ބޯމަތިން ގޯލަށް ފޮނުވާލި އެވެ.
ފުރަތަަމަ ހާފުގައި ކޮންގޯ އިން ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެެވެ. އެކަމަކު، ކޮންގޯގެ ނެތަނިއަލް އެމްބޫކޫ ޖެހި ގޯލު ބަލައިނުގަންނަން ނިންމީ، އެ އެޓޭކް ފެށިއިރު، އޭނާ، އުޒްބެކިސްތާން ކުޅުންތެރިއަކަށް ފައުލުކޮށްފައިވާތީ އެވެ. 
ކޮންގޯ އިން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި އެވެ. އެ ޓީމުން އެއްވަރުކުރީ މެޗުގެ 68 ވަނަ މިނިޓްގައި ޔޮއާން ވިއްސާ ޖެހި ޕެނަލްޓީންނެވެ. އޭގެ 10 މިނިޓް ފަހުން، އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ފިސްޓަން މަޔޭލޭ ވަނީ ލަނޑު ޖަަހައި ކޮންގޯ އަށް ނަތީޖާ އަނބުރާލައިދީފަ އެވެ. އަދި، އެ ޓީމަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ވިއްސާ އެވެ. 
ގަދަ 32 ޓީމުގެ ބުރުގައި، ކޮންގޯ އިން ކުޅޭނީ އިންގްލެންޑާ އެވެ.  ޕޯޗުގަލް އިން ކުޅޭނީ ކްރޮއޭޝިއާއާ އެވެ. އަދި، ކޮލަމްބިއާ އިން ކުޅޭނީ ގާނާއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ