(ބުދަ ދުވަހާ ގުޅޭ)
"މިރޭ މި ކަން ވާނެތަ އާދަނާ؟" ދޮންމަނިކު އެހިއެވެ.
"ވާނެ. އެކަމަކު ވާރޭ ހުއްޓާލައިފިއްޔާ!" އާދަނު ބުންޏެވެ.
އާދަނު އެހެން ބުނިތާ ތިން މިނެޓު ވެސް ނުވެ ވާރޭ ހުއްޓައިލިއެވެ. އެ ކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނި ނަމަވެސް އެއީ ހެޔޮ ފާލެއް ކަމަށް އާދަނު ދުށްޓެވެ. އެހެން ނޫން ނަމަ ވިއްސާރަ ކުއްލިއަކަށް ހުއްޓައެއް ނުލާނެއެވެ. މަޑުމަޑުން ހިނގަމުން ގޮސް އާދަނުމެން ވަނީ މާކަނާކޮށްޓަށެވެ. އެ ތަނަކީ އައްޑޫގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ހަލާކުވެފައި ހުންނަ އުޅަނދުތައް އުކާލަން މާލޭގެ އުތުރުފަރާތު އަތިރިމަތީގައި ހަދާފައި ހުންނަ ކުނިކޮށްޓެކެވެ. ތަނުގެ ވަށައިގެން ހުންނަނީ ޓިނު ޖަހައި ބަންދު ކޮށްފައެވެ. އެއް ފަޅި ހުންނަނީ ސަރުކާރު އޮޑިހަރުގެތަކާ ދިމާއަށެވެ. ތިން އޮޑިހަރުގެ ތެރެއިން އެއް ހަރުގެ ހުރީ ހުހަށެވެ. އަނެއް ދެ ހަރުގޭގައި އޭރު ވެސް ދިގުދޯނިކޮޅާއި ޖަހާދޯނިކޮޅު އޮތެވެ. ހަރުގޭގެ އެއް ބިތަކީ މާކަނާކޮށީގެ ޓިނު ބިތެވެ. އެ ތަނުން ޓިނުގަނޑެއް ނައްޓައިލައިގެން އާދަނާއި ދޮންމަނިކު މާކަނާކޮށި ތެރެއަށް ވަނެވެ.
"ކަލޭ ހަމަ ހަގީގަތުގަ ވެސް މި ކަން ކުރަންތަ ތި އުޅެނީ؟" ދޮންމަނިކު ގާތުގައި އާދަނު ވައިއަޑުން އެހިއެވެ.
"އަޖައިބެއް ފަހެ ނުވާނެ،" ދޮންމަނިކު ބުންޏެވެ. "ކުރަން ބޭނުން ނޫން ނަމަ، ރަޖާ އަޅައިގެން ދެފައި ދަމައިފަ ނިދާ ކަހަލަ ރެޔެއްގަ އާދަނާ އެއްކޮށް މި ތާކު ނުހުންނާނެއްނު. ކަލޭ ވެއްޖެއްނު މަށަށް އިތުބާރު ކުރަން."
އެތެރޭގައި ރަނގަޅަށް ހަމަޖެހިލުމަށް ފަހު އާދަނު ރަބަރު އޮޅައިގެން ގެނައިއަތްބައްތި ރޯކުރިއެވެ. އަތްބައްތި ލީ ލޯވަޅެއް އަޅާފައިވާ، އަތްބައްތިއަށް ވުރެ ތަންކޮޅެއް ބޮޑު ޖަސްތު ހޮޅިއަކަށެވެ. އެ ހޮޅި މަތިން ފެއްތި، ކޮޅު ބެއްދި ހޮޅީގައި ވެސް ހުރީ ލޯވަޅެއް އަޅައިފައެވެ. މަތީ ހޮޅި އަނބުރާލައި ލޯވަޅު ކުޑަކޮށް ނިވައި ކޮށްލުމުން ބޭރަކަށް އައްޔެއް ނުނިކުމެއެވެ. އަލި ކުރަން ބޭނުންވީމައި ހޮޅި އަނބުރާލައި، ދެ ލޯވަޅު ދިމާކޮށްލަނީއެވެ. އެހެން ހެދުމުން، އަލި ނުފެތުރި، ބޭނުން ދިމާއަކަށް އަލިކުރެވެއެވެ. އެއީ ވަގު ހިފާ ފާނޫޒު ބަލައިގެން އާދަނުމެން ހެދި ފާނޫޒެކެވެ.
މާކަނާކޮށީގެ އެކި ދިމަދިމާއަށް އަލިކޮށްގެން ހޯދި އިރު، ހަތިޔާރެއް ގޮތުގައި ބޭނުން ކުރެވިދާނެ އެކިއެކި ސާމާނު ފެނުނެވެ. ވަރުވަރުގެ ދަގަނޑު ހޮޅި އާއި ދަގަނޑު ބޯޅަ އާއި ހިލިހިލާ އާއި ޗޭނެވެ. އެންމެ އެކަށޭނަ އެއްޗަކަށް އާދަނަށް ފެނުނީ ލޯރީގެ ދުނިބައިގައި ހުންނަ ދަގަނޑު ފަތިތަކެވެ. އެއިން ފަތިގަނޑެއް ނައްޓައިލި ވަގުތު އަޑު ތަންކޮޅެއް ގަދަވިއެވެ.
"ކާކު މި ތާ އުޅެނީ؟" ބޭރުން ގޮވައިލި އަޑުއިވުނެވެ.
އާދަނުމެން ފާނޫޒު އަނދިރިކޮށްލައިފައި، ތާނގީތަކެއްގެ ބިއްދޮށަށް ވަދެ ފިލިއެވެ. ބޭރުން ސުވާލުކުރި މީހާ ޓިނު ބިތްގަނޑުގައި ދެ ފަހަރަކު ޖެހިއެވެ. ކުރިން ކުރި ސުވާލު ކުރިއެވެ. އެއްވެސް އަޑެއްބަޑެއް ނީއްވައި ގަޑިއެއް ހައި އިރު ތިބުމަށް ފަހު އާދަނުމެން މަޑުމަޑުން ނުކުމެގެން ފަޅުގެއަށް ގޮސް އެ ގޭގައި ދަގަނޑު ފޮތި ބާއްވާފައި، އެ މީހެއްގެ ގެއަށް އެ މީހަކު ދިޔައެވެ. ފަހަތުން މީހަކު އާދަނަށް ފާރަލާތޯ އެތައް ފަހަރަކު އާދަނު ބެލިއެވެ. އެ ފަދަ ކަމެއް އަޅައެއް ނުގަތެވެ.
އާ ދުވަހަކަށް އިރު އެރިއެވެ. ކުރީ ރޭ މާކަނާކޮށްޓަށް ބަޔަކު ވަދެ ކުރި ކަންތައް ދެނަހުރި ބަޔަކު މާލެއަކު ނެތެވެ. އިރުގެ އަލި ބަބުޅަމުންދިޔަ މަގުމަތީ ފެންގަނޑު ފުރޮޅުން ކަފަމުން، އަޑިގުޑަން މަގުގައި މީޒާން ކުރަމުން، ޖަސްތު އަލިފުޅު ބައިސްކަލުގައި އައިސް ހަފީޒާގެ ގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ބައިސްކަލުން ފައިބައި، ކޮނޑުގައި އޮތް ކޮތަޅުން ސިޓީއެއް ނެގިއެވެ. އަލިފުޅަކީ ޕޯސްޓު އޮފީހުގެ ޕިޔޯނެކެވެ. ސިޓީ ހިފައިގެން ގެއަށް ވަދެ ސަލާމް ގޮވައިލުމުން ކަލޭފާނުގެ ނޯކަރެއް ސަލާން ބަލައިގަތެވެ. އެ ވަގުތު ކަލޭފާނު ގޯތި ތެރެއަށް ނުކުންނަވަނީއެވެ.
"އަހަނ! މާ ރަނގަޅަކަށްނު މި ދިމާވީ!" ސިޓީއުރަ ދިއްކޮށްލަމުން އަލިފުޅު ބުންޏެވެ.
އާދައިގެ އުރައަކަށް ވުރެ ތަންކޮޅެއް ބޮޑު ސިޓީއުރަ ހިއްޕަވައިގެން ކަލޭފާނު އެތެރެއަށް ވެންނެވިއެވެ. އުރައިގެ ތެރޭގައި ސިޓީއަކާއި ކުޑަ ސިޓީއުރައެއް އޮތެވެ. އެއީ ހަފީޒާ ފޮނުވި ސިޓީއެކެވެ. ކުޑަ ސިޓީއުރައިގައި ޖަހާފައި އޮތީ އާދަނުގެ ނަމެވެ. އާދަނަށް ސިޓީ ހަވާލުކުރުމަށް ޓަކައި ނޯކަރަށް ގޮވައިލައްވަން އުޅުއްވާފައި ކަލޭފާނު ކޮޓަރިއަށް ވެންނެވިއެވެ. އާދަނަށް އޮތް ސިޓީ، އަލަމާރީގެ ހާއްސަ ވަތްގަނޑަކަށް ލައި ތަޅުލެއްވިއެވެ.
ބުލޫބޭކަރީގެ ހުރިހައި އުނދުނެއް ބޭނުން ކުރެވެމުން ދިޔައެވެ. ފާރޮށްޓާއި ބަނަހާއި ބިސްކޯދު ގަންނަ މީހުން ގިނަ ދުވަހެކެވެ. ކުރީ ރޭ ވެހުނު ބޯ ވާރޭގެ ސަބަބުން ގިނަ ގޭގޭގެ އުނދުންތައް ހުރީ ބޭނުން ނުކުރެވޭ ވަރު ވެފައެވެ. ތަނުގެ ކާރުބާރު ބޮޑުކަމުން ތުއްތަނިކަށް އެކަނި އޮބިއޮންނަ ވަރެއް ނޫނެވެ. ބޭކަރީން ބޭރަށް ތުއްތަނިކު ނުކުމެ، މަގުގެ ދެކޮޅު ހޯދައިލިއެވެ.
"އެ އާދަނު އަޅެފަހެ ކޮބައިތަ؟" ހިތާހިތުން ތުއްތަނިކަށް ބުނެވުނެވެ.
އާދަނާއި ދޮންމަނިކު ވެސް އުޅުނީ ވަރަށް އަވަދިނެތިއެވެ. ފަޅުގޭގެ އެންމެ ބިއްދޮށުގައި ހިނގަމުންދިޔަ މަސައްކަތަކީ، ކުރީ ރޭ ގެނައި ދަގަނޑު ފޮތިން ދަބަރުތެޅުމުގެ މަސައްކަތެވެ. ކޮޅުކޮޅުމައްޗަށް ހިނގައިގެން، ކަމަށް ބޭނުންވާ ސާމާނު ގެންނަނީ ޔޫސުބެވެ. ދޮހޮއްކޮގެ ވަޒީފާއަކީ ފާރަޔަށް ބޭރުގައި ހުރުމެވެ. ދޮންމަނިކަކީ އާދަނުގެ އެހީތެރިޔާއެވެ.
"ކޮބާ ހަނު؟" ދަބަރުތަޅަން އިން އާދަނު އެހިއެވެ.
"އެބަ ގެނޭ!" ދޮންމަނިކު ބުންޏެވެ. "ބުރުމާޔާ، ދުނިކީސް ވެސް ލިބިއްޖެ!ނަގަރިޔާ ފިހާރަޔަކު ހިލަ ކަރުދާހެއް ނެތް. އެކަމަކު ޔޫސުބު ބުނި އެ ވެސް މިއަދު ހޯދާނަމޭ!"
އެ ވަގުތު ހަނު ހިފައިގެން ޔޫސުބު އައެވެ.
"ހާދަ ލަސްވީ؟" ދޮންމަނިކު ބުންޏެވެ.
"ލަސްވާނެއްނު! މީހުން އެބަ ފާރަލައޭ! މި ގޭ ދޮރުމަތިން ވެސް އަހަރެން ތިން ފަހަރު ހުރަސް ކުރިން. ހަތަރުވަނަ ފަހަރު މި ވަނީ،" ހަނު ބަހައްޓަމުން ޔޫސުބު ބުންޏެވެ. "އެންމެ ދަރޭއްޗަކުންނެއް ނުވާނެ. މީހަކަށް އެއްޗެއް ޖެހޭނެ އޮންނަން."
"އެކަތި ވެސް ހެދިގެންތާ!" އާދަނު ބުންޏެވެ. "ހަނު ދެމޭ ވަރުކޮށްލާ!"
"ބައްޕަ ބުނި ހަމީދު އުޅެނީ ބޮޑު ޖަނަރޭޓަރެއް ގެނެސް ނާދީއަށް ވެސް ކަރަންޓުލާށޯ!" އެހުމުން ވައްކަން ކޮށްގެން ދޮންމަނިކު އާ ޚަބަރެއް ގެނެސްދިނެވެ.
"މީހުން ބަނޑަށް ޖެހިގެން މަރުވާ އިރު ނާދީއަށް ކަރަންޓުތަ ލާންވީ؟" ޔޫސުބު ރުޅި އައިސްފައި ބުންޏެވެ. "އާނ ނުކައިނުބޮއި ވެސް ހުރިހާ ކުޅިވަރެއް ކުޅެވޭތޯ ވާނެ ބަލަން."
އާދަނު ދަގަނޑު ފަތިގަނޑުން ތިލައެއް ހެދުމުގެ މަސައްކަތް ފެށިއެވެ. ފަތިގަނޑުގެ ދާރަ ހަނުލައި، މުށްގަނޑުގައި ލޯވަޅެއް އެޅިއެވެ. އެ ލޯވަޅަށް މުންޑު ފޮތިން މަޅިގަނޑެއް ހަދައިފައި ލެއްވިއެވެ. އުނަގަނޑުގައި ސޯރުފޮތިކޮޅު ބަނދެފައި އޭގައި މަޅިގަނޑު އަޅުވާފައި ތިރިއަށް ތިލަ ދޫކޮށްލާފައި ބޭއްވީއެވެ. ސޯރުފޮތިކޮޅަކީ މުންޑު އަންނަ އިރު މުންޑު ހަރުލައްވަން އުނަގަނޑުގައި އައްސައިލާ، ދެކޮޅަށް ފުޅާކޮށް އޮންނަ ހަނިދިގު ފޮތިކޮޅެކެވެ. ކަށިމައްޗާ ހަމައިން ތިލަ ނުހެލޭ ގޮތް ހެދުމަށް ޓަކައި، ފޮތިކޮޅަކުން ދޫކޮށް ތިލަ ބަނދެލުމުން ހިނގައި އުޅުމަކަށް ދައްޗެއް ނޫނެވެ. އޭގެ މަތިން މުންޑުއަނީމައި ތިލައެއް ނުފެނެއެވެ. އާދަނު ހިތުން އެއިން އެކަތި ފަހަރު ޖެހުމުން ކަނދުރާއިން ބޯ ވަކިވާނެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަވަކިޔުމުގެ މުބާރާތެއް ބޭއްވިއެވެ. މުބާރާތް ހުޅުވައިލީ ހަމަ އެކަނި އަންހެންކުދިންނަށެވެ. ކުދިން ހޮވުމުގައި ބެލީ ކުއްޖާގެ މޫނަށާއި ބުރުސޫރައަށެވެ. އިންސާފު ކުރައްވަނީ ހަމީދެވެ. އިނާމު ދެއްވަން ހަމަޖެހިފައިވަނީ ވެސް ހަމީދެވެ. މުބާރާތް އޮންނަނީ ރޭގަނޑު ހަތަކުން އަށަކަށް ނާދީގައެވެ. ނަމާދު ވަގުތަކަށް މެދުކަނޑައެއް ނުލައެވެ. ކޮންމެ ރެޔަކު ވެސް އެ ތަނަށް ހަމީދު ވަޑައިގަންނަވައެވެ. އަރިހުގައި ތިބެނީ އެންމެ ދެ ހަށިފާރަވެރިންނެވެ. ސަޔާއި ސަރުބަތާއި ގަހުވަޔާއި ހެދިކާ ހުރެއެވެ. މާލޭގެ ގިނަ ފިރިހެން ކޮކާތަކާއި ކުޅަނދުރުތަކާއި ބަޅިނދެއް އޮންނަނީ އެ ތަނަށް ޖަމާވެފައެވެ.
ތައްޔާރު ކުރަން ބޭނުންވި ހަތަރު ދަރޭތީގެ ތެރެއިން، އާދަނު ބޭނުންވި ފެންވަރަށް ހެދުނީ އެންމެ އެއްޗެކެވެ. އަތަށް ހެޔޮވަރު ސައިޒަކަށް ބުރި ކޮށްލުމުން، މި ހެދުނީ އާދައިގެ ހަތިޔާރެއް ނޫންކަން އާދަނަށް ގަބޫލު ކުރެވުނެވެ. ހަމަލާއަށް ތައްޔާރުވީ އެއްވެސް ފަރިތައެއް ނުކޮށެވެ. ދަރޭތި އަތުކޮޅަށް ދަމައިލުމުން ވާ ގޮތަކާއި މަޅައިލުމުން ދެން ވާ ގޮތެއް ނުބެލިއެވެ. ހަމަލާއަށް ފަހު ދެން ހަދާނެ ގޮތަކާއި ދުއްވައިގަންނާނެ ދިމާއެއް ވެސް ކަނޑަނޭޅިއެވެ.
ލަވަމުބާރާތް އޮންނަ ތަނަށް އާދަނު ދާން ފެށިއެވެ. ދަނޑިވަޅަކަށް އިންތިޒާރު ކުރަން ފެށިއެވެ. ޔޫސުބާއި ދޮންމަނިކު ތިބެނީ އާދަނު ގާތުގައެވެ. އެ މީހުންގެ ބޭނުމެއް ނުވަތަ ދައުރެއް ނެތެވެ. ގާތުގައި ތިބުން ފިޔަވައެވެ. ކޮންމެ ރެޔެއްގެ ވެސް ބަރާބަރު ހަގަޑިބަޔަށް ހަމީދު ބައިސްކަލުކޮޅުގައި ނާދީއަށް ވަޑައިގަންނަވައެވެ. އޭރު ނާދީ ކައިރިއަށް މީހުން އޮންނަނީ ޖަމާވެފައެވެ. ބައިސްކަލުކޮޅުން ހަމީދު ފައިބައިވަޑައިގަންނަވާ ވަގުތު، ހަރުކުލައިގެ މީހުން އެ ތަނަށް ބޮނޑިވެއެވެ. ސަލާންކޮށް، ސަނާކިޔުމަށް ޓަކައެވެ. އޭގެ ސަބަބުން، ހަމީދުގެ ހަށިކޮޅާ ގާތަށް އެހެން މީހަކަށް އާދެވުމަކީ ނާދިރު ކަމެކެވެ. ދެން ހަމީދު އިށީނދެވަޑައިގަންނަވަނީ ހަމީދުއަށް ހާއްސަ ކުރެވިފައިވާ ގޮނޑިކޮޅުގައެވެ. އެ ހިސާބުން މަގު އަމާންވެއެވެ. އެއްވެސް ހުރަހެއް، ދިފާއުކުރާނެ މީހަކު ވެސް ނުހުރެއެވެ.
ދެތިން ދުވަހެއްގެ މުބާރާތް ކުރިޔަށް ގޮސް ނަތީޖާ ފާޅުކުރާ ރެޔާ ޖެހުނެވެ. ލަވަކިޔުމުގެ ހުނަރަކީ ދިވެހިން އަހުލުވެރި ހުނަރެއް ނޫނެވެ. އެހެން ނަމަވެސް އެއްވަނައަށް އަންނާނީ ކާކުކަން އެތައް ބަޔަކަށް އެނގެއެވެ. އެ ނަސީބުވެރިޔަކީ އިރާދަމުގޭ އައިމިނަތު ވަދީފާދީދީއެވެ. އެންމެ ރީތީ އޭނައެވެ.
ކަންދިމާވި ގޮތުން އެ ރޭ އާދަނު ހުން ފާޑުވިއެވެ. ގައިގަރިއްސައި، ހޮޑުލަވާ ގޮތް ވިއެވެ. އާދަނު ހީކުރީ އެއީ ހިތް އަވަސްވެގެން ވީ ކަމެއް ކަމަށެވެ. އެހެން ހީކޮށް، އެ ވާހަކަ ސިއްރުކޮށް އާދަނުގެ ޒިންމާއާ ކުރިމަތިލިއެވެ. ނާދީއަށް އާދަނު ދިޔައީ ދޮންމަނިކު ގެނެސްދިން ކަޅުކުލައިގެ، ބަރު ބޫޓަކަށް އަރައިގެންނެވެ. އޭގެ ބޭނުމެއް އާދަނަކަށް ނުވިސްނެއެވެ. އެހެނަސް އެ ސުވާލެއް ނުކުރެއެވެ.
"ވަގުތު ޖެހުނީމަ އަހަރެން އަތުން އަންގާލާނަން." ދޮންމަނިކު ބުންޏެވެ.
ގަދަ ތިނަކަށް ހޮވުނު ވަނަވެރީންގެ އިތުރު ލަވަތަކަކަށް ފަހު، ނަތީޖާ އިއުލާނު ކުރުމުގެ ވަގުތު ޖެހުނެވެ. އިނާމު ދެއްވުމަށް ޓަކައި ހަމީދު އިސްޓޭޖަށް އަރައިވަޑައިގަތެވެ. ހަމީދު ވަޑައިގަތީ އާދަނުގެ ކުރިމަތިންނެވެ. އާދަނު އޭރު ހުރީ އިސްޓޭޖުގެ ސިޑިޔާ ވަރަށް ގާތުގައެވެ. ދޮންމަނިކަށް ބަލަހައްޓައިގެންނެވެ. ދޮންމަނިކު އަތް ހިއްލައިލިއެވެ. (ނުނިމޭ)
ދަރޭތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ