ޑްރަގް ކޯޓުގެ އިސްނެގުމާއެކު މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދެވުމަކީ ނަމޫނާ މަސައްކަތެއް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޑްރަގް ކޯޓުގެ އިސްނެގުމާއެކު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް ހިންގި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިހުސާން ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތްކުރާ މީހުންނާމެދު އަދިވެސް މުޖުތަމައުއިން އަމަލުކުރަނީ ރަނގަޅަށް ނޫންކަން ފާހަގަކުރައްވާފައެވެ.
ޑްރަގްގެ ވަބާގައި ދާއިމީ ގޮތެއްގައި ޖެހިފައިވާ މީހުންނާމެދު ދެކޭ ދެކުމުގެ ސަބަބުން އެ ވަބާއިން ސަލާމަތްވާ މީހުން ބަލައިނުގަނެ އެ މީހުންނަށް ގޮންޖެހުމަކަށް ވާގޮތަށް އަމަލުކުރާކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކަށް ވަޒީފާ ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަން ވެސް ފާހަގަކުރެއްވިއެވެ.
އެފަދަ މީހުން ދާއިމީ ގޮތެއްގައި ރަނގަޅު ދިރިއުޅުމެއް އުޅުމުގައި ވަޒީފާ ދޭ މީހުންނާއި ވަޒީފާ އުފައްދާ މީހުންނާއި ފަރުދުންގެ ޒިންމާ ބޮޑުކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިފަދަ ޕްރޮގްރާމެއް ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދެވުމަކީ ނަމޫނާ މަސައްކަތެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި އެ ކޯޓުން ދައްކާފައި ވަނީ ހާއްސަ ލޮތްބެއް ކަމަށާއި ކޯޓަކުން އެފަދަ މަސައްކަތެއް ކުރުމަކީ މުޅި މުޖުތަމައަށް ދެއްކި މިސާލެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑްރަގް ކޯޓުގެ އިސް ގާޒީ އަބްދުލް ގަނީ ވިދާޅުވީ ކޯޓަކުން އެފަދަ ޕްރޮގްރާމެއް ހިންގުމަކީ އައު ކަމެއް ކަމަށް ބައެއް ފަރާތްތަކަށް ހީވިނަމަވެސް ޑްރަގް ކޯޓުގެ ނިޒާމަކީ ހާއްސަ ނިޒާމެއް ކަމަށެވެ.
ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ބައިވެރިވެ 300 އަށް ވުރެ ގިނަ ބައިވެރިން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޑްރަގް ކޯޓުން ދެއްކީ ހާއްސަ ލޯތްބެއް، ކުރީ ނަމޫނާ މަސައްކަތެއް: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ