ﷲ އުޑުތަކާއި ބިން ހެއްދެވުމުގެ ކުރިން ފެން ހައްދަވާފައިކަން ޤުރްއާނުން ވަރަށް ރަނގަޅަށް ދޭހަވޭ: މައުމޫނު

އުޑުތަކާއި ބިން ހެއްދެވުމުގެ ކުރިން ފެން ހައްދަވާފައިކަން ކީރިތި ޤުރްއާނުން ވަރަށް ރަނގަޅަށް ދޭހަވާ ކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެ އެވެ.
"ކީރިތި ޤުރްއާނުގެ އަލީގައި ފެނުގެ ނިޢުމަތް" މި މައުޟޫޢުގެ މައްޗަށް މައުމޫނު ފައުންޑޭޝަނުން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވީ މާތް ﷲ އުޑުތަކާއި ބިން ހެއްދެވުމުގެ ކުރިން ވަނީ ފެން ހައްދަވާފައިވާ ކަމަށާއި ކީރިތި ޤުރްއާނުން ވަރަށް ރަނގަޅަށް އެކަން ދޭހަވާ ކަމަށާއި އަދި އިންސާނުންނާއި މިކައުނުގައި ލައްވާފައިވާ ދިރުން ހުރި ކޮންމެ އެއްޗެއް މާތް ﷲ ލައްވާފައި ވަނީ ފެނުން ކަމުގައި ވެސް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަނަފަސްވެ މަރުވެފައިވާ ބިންގަނޑަށް މާތް ﷲ ދިރުން ދެއްވަނީ ވިލާތަކުން ވެއްސަވާ ފެނުން އެފެނުގެ ސަބަބުން ބިންގަނޑަށް އާރޯ ތާޒާކަން ލިބި ގޮވާމާއި މޭވާއަޅާ ގަސްތައް ހެދި، އޭގެ ސަބަބުން އިންސާނުންނަށާއި ދިރުން ހުރި ހުރިހާ އެއްޗަކަށް މާތް ﷲ ރިޒްޤް ތަނަވަސްކޮށްދެއްވާ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގައި މިހާރު ދުނިޔެއަށް ކުރިމަތިވަމުން އަންނަ ފެނުގެ ދަތިކަމުގެ މައްޗަށް ބައްލަވައި ލައްވަމުން، މާތް ﷲ ކޮންމެ ނިޢްމަތެއް ވެސް ދެއްވާފައި ވަނީ އެކަލާނގެ އިރާދަކުރައްވާ ވަކި މިންވަރަކަށް ކަމަށާއި ފެނަކީ ވެސް ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި ވަކި މިންވަރަކަށް ދެއްވާފައިވާ ނިޢްމަތެއްކަމަށް ވާތީ، ބޭކާރުގޮތުގައި ފެން އިސްރާފުކޮށްގެން ނުވާނެ ކަމަށާއި އަދި ފެނުގެ ނިޢްމަތަށް ވަރަށް ބޮޑަށް ރައްކާތެރިވާންޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"އިސްލާމްދީނަކީ ޢާލަމީ އަދި ޚާތަމީ ދީނެކެވެ." މި މައުޟޫޢުގެ މައްޗަށް ރޭގެ ޖަލްސާގައި ޑރ. އަފްރާޝީމް ޢަލީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި މާތް ﷲ އިސްލާމްދީން ނޫން އެހެން ކޮންމެ ދީނެއް ވެސް ފޮނުއްވާފައި ވަނީ ވަކި ބަޔަކަށް ވަކި ދުވަސްވަރަކަށެވެ. އެއާ ޚިލާފަށް މާތް ﷲ އިސްލާމްދީން ފޮނުއްވާފައި ވަނީ މުޅި އިންސާނިއްޔަތަށެވެ.
މައުމޫން ފައުންޑޭޝަންގެ ފަރާތުން ބާއްވަވަމުން ގެންދަވާ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މި ރަމަޟާން މަހުގެ 27 ވިލޭ ރޭ ކަމަށް ވެސް ވަނީ އެފައުންޑޭޝަނުން ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ