މިވަގުތު ގައުމަށް ދިމާވެފައިވާ ހުރިހާ މައްސަލައެއް ވެސް ވަރަށް ފަސޭހައިން ހައްލުކުރެވިދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖެ އަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަކީ ވިސްނުން ބަދަލުކުރަނިކޮށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށާއި އެއްވެސް ކަމަކާ ހާސްވެ ވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ތިން ވަނަ ބައްދަލުވުން އިފްތިތާހު ކުރުމުގެ ޖަލްސާގައި ބަނޑޮސް އައިލެންޑް ރިސޯޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކަންކަމާ ބެހޭ ގޮތުން ސަރުކާރުގައި ތިއްބެވި އެ ދާއިރާތަކުގެ ބޭފުޅުން އަދަދުތައް ޖަހައިގެން ޕްލޭނުތައްކޮށް، މޮޑެލްތައް ހަދަމުން ގެއްދާއިރު، އިގްތިސާދު އެގޮތުގައި ކުރިއަށް ދާނެ ކަމަށެވެ. އަދި ދެންހުރި އެހެން ކަންކަމަކީ ވިސްނުން ގެންގުޅޭ ގޮތް ބަދަލުކޮށްލައިގެން ފައިދާހުރި ނަތީޖާއެއް ނެރެވިދާނެ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަހަރެން ހާހެއްނުވޭ. އަހަރެން ނުދެކެން މަގު އޮތީ ބަންދުވެފައި ކަމަކަށް ވެސް. އަހަރެންނަށް ވަރަށް ގިނަ ފުރުސަތުތައް އެބަ ފެނޭ މިހާރު އޮތް އިގްތިސާދީ މާހައުލުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން، އަދި ހަމަ އިޖުތިމާއީ މައްސަލަތަކުން. ޑްރަގް މައްސަލަ އާއި ގްރޫޕް މާރާމާރީން. އަހަރެންނަށް އަބަދުވެސް ފެނޭ ވަރަށް ގިނަ ފުރުސަތުތަކެއް މި މުސީބާތްތަކުން. އަހަރެންނަށް ވިސްނެނީ މިކަންތައްތަކަށް އޮޕްޓިމިސްޓިކްކޮށް)އުންމީދާ އެކު) ހައްލުކުރަން ކުރިމަތިލަނިކޮށް ފައިދާ ހުރި ގޮތަކަށް މިކަންކަން ބޭނުން ހިފިދާނޭ. މުޅިން އާސިސްޓަމެއް ނެރެވިދާނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަށް އެހީދޭ ބޭރުގެ ފަރާތްތަކާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފައިސާ ނެތް ނަމަވެސް ބަޖެޓުގައި ހިމަނައިގެން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ކުރީގެ ސަރުކާރުން ދަޅަދައްކާފައިވާ ކަމަށެވެ.
"އެކަންތައްތައް ހުރީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހިމެނިފައި. އެކަމަކު އޭގެ ފަހުތުގައި ފައިސާއެއް ނެތް. އެހެންވީމަ މިހާރު އަހަރެމެން މިތިބީ މިކަންތައްތަކެއް ނުވާނެޔޭ ބުނެވޭނެ ފަދަ ހާލަތެއްގައެއް ނޫން. އެހެންވީމަ ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓުް ޕްރޮގްރާމަށް ކޮންމެވެސް ގޮތެއް އެބަ ހަދަން ޖެހޭ. ސަރުކާރަކު ފައިސާއެއް ނެތް. އެހެންވީމަ އަހަރެމެން ނިންމީ ކުރިއަށްދާން އެންމެ ރަނގަޅު ގޮތަކީ ވިޔަފާރި އުސޫލުން ކަންކަން ހިންގުން ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ފެނާއި ކަރަންޓު ފަދަ ޔުޓިލިޓީސް ހިދުމަތްތަކަކީ ވިޔަފާރި އުސޫލުން ވަރަށް ކާމިޔާބުކަމާ އެކު ހިންގިދާނެ ކަމެއް ކަމަށެވެ. ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް ނެޓްވޯކަކުން ގުޅާލައިގެން ވެސް ކުޑަ ހަރަދަކުން އެ ހިދުމަތްތައް ފޯރުކޯށްދެވިދާނެ ކަމަށާއި ބޭންކުތަކާއި އިންވެސްޓަރުން ވެސް އެކަމާ މެދު ވިސްނުމަށް ރައީސް އެދިވަޑައިގަތެވެ.
"މި ގައުމުގައި ދެ ގައުމެއް އެބަ އެކުލެވޭ އެއީ. ތިން ވަނަ ދުނިޔޭގެ ތަރައްގީ ނުވެ އޮތް ރަށަކާއި ޖެހިގެން މި އޮތީ ޔޫރަޕުގެ އާދަޔާ ހިލާފަށް މުއްސަނދި ރަށެއް. މި ދެ ރަށުގެ މެދުގައި ޔުޓީލިޓީސް ހިދުމަތްތައް ހިއްސާ ކުރެވެނިކޮށް އަހަރެމެން ތިބޭނީ ހިކިފަސްތާ،" ރައީސް ވިދާޅުވި އެވެ. "ޔުޓިލިޓީސް ކުންފުނިތަކާއި ބޭންކުތަކާއި އިންވެސްޓަރުން ބިޒްނަސް ޕްލޭނާއި ކަންކަން ފަދަ ހަނި ދާއިރާއެއްގެ ތެރެއިން ސިކުނޑި ހުޅުވާލެވިއްޖިއްޔާ މިކަން ކުރެވޭނެ. މިކަން ދަނީ ވަމުން."
ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމާއި ތައުލީމާއި ސިއްހަތާއި އަދި ޒުވާނުންނަށް ކުރިމަތިވަފައިވާ މައްސަލަތަކާއި ސަރުކާރުގެ ސިޔާސަތާ ބެހޭ ގޮތުން ވެސް މިއަދު ރައީސް ވާހަކަ ދެއްކެވި އެވެ.
ނަމަވެސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓާ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަހުމަދު އައްސަދު ވިދާޅުވީ ވަރަށް ގިނަ މައްސަލަތަކެއް މިވަގުތު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ކަމަށާއި މިހާރު އޮތް ހާލަތުން އަމިއްލަ އަށް އަރައިނުގަނެވޭނެ ކަމަށެވެ.
"އަހަރެމެންނަށް މިހާލަތުން އަމިއްލަ އަށް އަރައެއް ނުގަނެވޭނެ. އަހަރެމެން ވަރަށް ކުޑަ، އެހާ ނާޒުކު. ތަރައްގީގެ އެހީތެރިންނާއި އިންވެސްޓަރުންގެ އެހީތެރިކަން ބޭނުން،" އައްސަދު ވިދާޅުވި އެވެ.
ބޭރުފައިސާ ރާއްޖޭގައި ނުހިފެހެއްޓުމާއި ފިސްކަލް މައްސަލަތަކާއި އިންފްލޭޝަން މައްސަލަތައް ވެސް ރާއްޖެ އަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން، އޭނާ ފާހަގަ ކުރެއްވި އެވެ.
މިއަދު ބަނޑޮހުގައި ފެށި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ