ސްޓޫޑެންޓް ލޯނު ދައްކަނީ އެންމެ 40 ޕަސެންޓު، ނުދައްކާ ފައިސާ ހޯދަން ގޮތްތަކެއް ރާވަނީ

ސަރުކާރުގެ ޚަރަދުގައި ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ސްޓޫޑެންޓު ލޯނު ބަރާބަރަށް ދައްކަނީ އެންމެ 40 ޕަސެންޓު މީހުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ހައިދަރު އެފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހާ ހަމައަށް މި ސަރުކާރުން 157 މިލިއަން ރުފިޔާ ސްޓޫޑެންޓް ލޯނަށް ޚަރަދުކޮށްފައި އެބައޮތް ކަމަށް ހައިދަރު ވިދާޅުވިއެވެ. އެހެންނަމަވެސް އަނބުރާ ދެއްކުމުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށް ހައިދަރު ވިދާޅުވިއެވެ. "ހަމައަށް ބަރާބަރަކަށް ނުދައްކާ. 40 ޕަސެންޓު ވަރު އަނބުރާ ދައްކަނީ،" ހައިދަރު ވިދާޅުވިއެވެ. އެއީ ވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި، އެ ލިބެންވާ ފައިސާ ހޯދުމަށް މިނިސްޓްރީން ކުރަން ޖެހޭ މަޝްވަރާތައްކޮށް، ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު އެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވާ ކަމުގެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަދުގެ ޖަލްސާގައި ވެސް ގިނަ މެންބަރުން ވަނީ އެކަމާ ގުޅޭ ސުވާލުތައް މިނިސްޓަރާ ކުރައްވާފައެވެ. ވަކިން ޚާއްސަކޮށް، މިނިސްޓްރީގެ މަސައްކަތްތައް ލަސްވަނީ ކީއްވެތޯ ބައެއް މެންބަރުން ސުވާލުކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިސްޓްރީގެ މަސައްކަތްތައް ލަސްވާކަން ގަބޫލުކުރައްވާ ކަމަށާއި، އެހެން އެކަން ދިމާވަނީ މިނިސްޓްރީގެ މުވައްޒަފުންގެ ދަތިކަން ހުރުމުންނެވެ. ނަމަވެސް އެކަން ކަމަށް ވެސް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. https://sun.mv/204508 ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވާ ކަމުގެ ކަންބޮޑުވުންތައް މިދިޔަ އަހަރާއި މި އަހަރު ވެސް އިތުރުވެފައިވާއިރު، ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންތަކެއް އެހީއަށް އެދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް މިއަހަރުގެ ފެބްރުއަރީ މަހު ސިޓީއެއް ވެސް ފޮނުވާފައިވެއެވެ. އެ ސިޓީގައިވަނީ، ސަރުކާރުން ޓޮޕް އަޕް ލޯނަށް ހުޅުވާނުލާ ކަމުގެ ކަންބޮޑުވުމާއި ކޯހުގެ މުއްދަތަށްވާ ވަރަށް ފައިސާ ހަމަޖެހިފައި ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން މިއަދު މިނިސްޓަރު މަޖިލީހުގައި ވިދާޅުވީ އެ ކުދިންނާ މިދިޔަ ހަފުތާގައި އޮންލައިންކޮށް ބައްދަލުކުރައްވައި، އެކުދިން ހިއްސާކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށެވެ. ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ. އެ ފައިސާ ހަމަޖައްސައިދިނުމުގައި މަރުހަލާތަކެއް އޮންނައިރު، ކުރިޔަށްވުރެން އެ މަރުހަލާތަކަށް ހޭދަވާ މުއްދަތު މިހާރު ކުރުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ސްޓޫޑެންޓު ލޯނުގެ ފައިސާ ލަސްނުވެ ހަމަޖައްސައިދިނުމަށް ޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބޭރުން ހޯދަން ޖެހޭ އެހީތެރިކަމެއް ވިޔަސް ހޯދާނެ ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ