ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީ އަށް ކޮށްފައި ހުރި މަސައްކަތްތަކާއި ރާއްޖޭގެ ހަގީގަތްތައް އޮޅުވާލުމަށް ބަޔަކު ބުރަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ބުދަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ޑީއާރުޕީން ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫން ވިދާޅުވީ ކުރީގެ ސަރުކާރުން ގައުމުގެ ތަރައްގީ އަށް ކޮށްފައިވާ ކަންތައްތަކަކީ ނުވާ ކަންތަކެއް ކަމަށް ހަދަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
"(ކުރީ ސަރުކާރުން) ކޮށްފައިވާ ކަންތައްތަކަކީ ކުރެވިފައި ނުވާ ކަންތައްތަކަށް ހަދަން ބަޔަކު މީހުން އެބަ ބޭނުންވޭ. ހަގީގަތް އޮޅުވާލަން އެބަ ބޭނުންވޭ. އެހެން ނަމަވެސް އެ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން،" ސަރުކާރު ހިންގަމުން އަންނަ އެމްޑީޕީ އަށް ނިސްބަތް ކުރައްވައި ރައީސް މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ އަންހެނުންގެ ތަރައްގީ އާއި ކުރިއެރުމަށް ވޭތުވެދިޔަ 30 އަހަރު ގިނަ ގުނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވުމާ ގުޅިގެން އެ މަސައްކަތްތައް ފަހަތަށް ޖައްސާލުމަށް ބަޔަކު މަސައްކަތްތަކެއް ކުރާ ކަމަށާއި އެކަންތައްތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މުޖުތަމައުގައި އަންހެނުންގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް އަންހެންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ބައެއް ކަމަށެވެ. އެގޮތުން ތަފާތު ދާއިރާތަކުގައި އަންހެނުން މަސައްކަތްކުރަމުންދާ އިރު ސިޔާސީ މައިދާނުގައި ވެސް އަންހެނުން މުހިންމު ދައުރެއް އަދާކުރަމުންދާކަން މައުމޫން ފާހަގަ ކުރެއްވި އެވެ.
ޑީއާރުޕީގެ ޒައީމު މައުމޫން އިތުރަށް ވިދާޅުވި ގޮތުގައި ވެރިކަން ހިންގަމުން އަންނަ އެމްޑީޕީގެ މެނިފެސްޓޯގައި އަންހެނުންގެ ތަރައްގީ އަށް އެއްވެސް ކަމެއް ހިމަނައިފައި ނުވި ނަމަވެސް ޑީއާރުޕީ ސިޔާސަތުގައި އަންހެނުންގެ ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ އެވެ.
އަދި ވިދާޅުވީ އަންހެނުންގެ ތަރައްގީ އަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ އަމިއްލަ އަށް ކަންތައްތައް ކުރުމުގެ ގާބިލިއްޔަތު ކަން އުފައްދައި އަންހެނުން ބާރުވެރި ކުރުވުން ކަމަށެވެ.
"ހަމަހަމަ ގޮތެއްގައި ތައުލީމާއި ތަރުބިއްޔަތުގެ މުހިންމު ފުރުސަތުތަކެއް އަންހެން ކުދިންނަށް ހޯދައިދިނުން. ވަޒީފާގެ ފުރުސަތު އަންހެނުންނަށް ހޯދައިދިނުން. އިގްތިސާދީ ދާއިރާގައި ކުރިއަށްދާނެ މަގު އަންހެނުންނަށް ތަންވަސްކޮށް ދިނުން. އެކިއެކި ހުނަރުތައް ދަސްކޮށް މުޖުތަމައަށް ނުކުންނާނެ ވަސީލަތް އަންހެނުންނަށް ހޯދައިދިނުން. މިކަންތައް ކޮށްދީ އަންހެނުން ބާރުގަދަ ކުރުވުމަކީ އަންހެނުން ކުރިއަށް ދާން ކުރެވޭ އެންމެ ބޮޑު މަސައްކަތް،" ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ގައުމު ތަރައްގީ ކުރުމަށް އެއް ބަޔަކު މަސައްކަތް ކުރި ނަމަވެސް ގައުމަށް ތަރައްގީއެއް ނުގެނެވޭނެ ކަމަށާއި ގައުމު ކުރިއަރައިދާނީ އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީގެންނެވެ. އެގޮތުން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ގައުމުގެ ކުރިމަގު ބައްޓަންކޮށް ތަރައްގީ ކުރެވޭނީ ޑީއާރުޕީން މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށްގެން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ދިވެހި އަންހެނުންގެ ތަރައްގީއަށް ކޮށްފައިވާ ބުރަ މަސައްކަތަށާއި ސިޔާސީ މައިދާނުގައި ކޮށްފައިވާ މަސައްކަތަށް ބަލައި ޑީއާރުޕީން ހޮވި ގައުމުގެ ލާމަސީލު އަންހެން ދަރިޔާ އަށް އެ ޖަލްސާގައި ރައީސް މައުމޫން ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވި އެވެ. ގައުމަށްކޮށްދީފައިވާ ހިދުމަތްތަކަށް ބަލައި އެ މަގާމަށް ހޮވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މ. އަތޮޅު މެމްބަރު އަނީސާ އަހުމަދެވެ.
އަނީސާ އަހުމަދުގެ ތައުލުމީ ދައުރު ނިންމާވާލައްވައި ގައުމަށް ހިދުމަތްކޮށްެދެއްވުމުގެ ތެރެއިން ސިޔާސީ މައިދާނަށް ނުކުންނެވީ 1979 ވަނަ އަހަރު އެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރުކަމުގެ މަގާމް ވެސް އަނީސާ ވަނީ ފުރުއްވައިފަ އެވެ. އަދި ފޮރިން މިނިސްޓްރީ އާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ އިސްމަގާމްތަކުގެ އިތުރަށް އަންހެނުންނާ ބެހޭ ވުޒާރާގެ އިސް މަގާމްތައް ވެސް އަނީސާ ވަނީ ފުރުއްވައިފަ އެވެ.
ދިވެހި އަންހެނުން ކުރިއެރުމަށާއި ގައުމުގެ ތަރައްގީ އަށް ކޮށްދީފައިވާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ޑީއާރުޕީގެ ޕާޓީގެ ޒައީމް މައުމޫން ދެއްވި ހަނދާނީ ފިލާ ވެސް އެ ޖަލްސާގައި ވަނީ ހަވާލުކޮށްދެއްވައިފަ އެވެ. އެ ފިލާ ލިބިވަޑައިގެންނެވީ އަނީސާ އަހުމަދުގެ އިތުރުން ރާޝިދާ ޔޫސުފާއި ފާތުމަތު ޝީރީނަށެވެ.
ޑީއާރުޕީގެ ޖަލްސާ: ރާއްޖޭގެ ހަގީގަތްތައް އޮޅުވާލަން ބަޔަކު ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން: ޒައީމް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ