ރިޔާސީ އިންތިހާބު 2008 ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އަންނަ އަހަރު ރާއްޖޭގެ މީހުންއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރާނަން: މަ

މާދަމާ އޮންނަ ރިޔާސީ އިންތިހާބު މާތް ﷲ ގެ ވާގިފުޅާއެކެ ކާމިޔާބު ކުރެވިއްޖެނަމަ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ ޒައީމް މިހެން ވިދާޅުވީ އިއްޔެ ބ. އޭދަފުއްޓަށް ވަޑައިގެން ޑީއާރުޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ މިރަށު ބަނދަރު ސަރަހައްދުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މިބައްދަލުވުމުގައި ޑީއާރުޕިގެ ޒައީމް ދެއްކެވި ވާހަކަފުޅުގައި އޭދަފުއްޓަކީ އެމަނިކުފާނުގެ ކެމްޕޭން ދަތުރުގެ އެންމެ ފަހު މަންޒިލް ކަމަށާއި އެންމެ ފަހު މަންޒިލަކީ އަބަދުވެސް އެންމެ ހިތްގައިމު މަންޒިލް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރާއްޖެ އަށް ތަރައްގީ ހާސިލް ވާނީ ހަމަޖެހުން ލިބިގެން ކަމަށާއި ކިތަންމެ މޮޅު މީހެއް ވެރިކަމުގައި ހުރި ނަމަވެސް ހަމަޖެހުމެއް ނެތިއްޔާ ގައުމު ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ މި ހަމަޖެހުން ދަމަހައްޓަން. އަޅުގަނޑު މިވޭތުވެދިޔަ ތާނގައި ތިބޭފުޅުންނަށް މިސާބިތުކޮށްދިނީ، މި ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި މާތްﷲ ގެ ވާގިފުޅާއި އެކު ކަންތައްތައް ކުރެވޭކަން އަދި ކުރެވިފައިވާކަން އަދި ރާއްޖޭގެ ހަމަޖެހުން ދެމެހެއްޓިފައިވާކަން،" ޒައީމު ވިދާޅުވިއެވެ. އަދި ޒައީމް ވަނީ މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.
މިޖަލްސާގައި މައުމޫންގެ އިތުރުން އޭނާގެ ރަނިންމޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މިއަތޮޅުގެ މެންބަރު އަހުމަދު ތަސްމީން އަލީ ވެސް ވާހަކަ ދެއްކެވި އެވެ.
ޑީއާރުޕީގެ ޒައީމު އިއްޔެ މިރަށަށް ވަޑައިގަތުމުން، އެމަނިކުފާނަށް ތާއީދުކުރާ މިރަށުގެ ގިނަބަޔަކު މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ހާޒިރުވިއެވެ. އަދި މި އަތޮޅުގެ ވަރަށްގިނަ ރަށްރަށުންވެސް ސަޕޯޓަރުން އިއްޔެ މި ރަށަށް އައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ