ސުޕްރީމް ކޯޓު ދޮށަށް އެއްވުމުން ފުލުހުން އަމަލުކުރި ގޮތް ޕީޖީ ބަލަނީ

ޖުޑިޝަރީ އިސްލާހުކުރުމަށް ކަމަށް ބުނެ، މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓު ދޮށަށް އެމްޑީޕީން އެއްވުމުން ފުލުހުން އަމަލުކުރި ގޮތް ބުނެދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންގެ އިދާރާ އަށް އަންގައިފި އެވެ.
ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ އޮފީހުން ފުލުހުންނަށް އަންގާފައިވާނީ ސުޕްރީމް ކޯޓު ދޮށަށް އެއްވުމުން ފުލުހުން އަމަލުކުރި ގޮތެއް ސާފުކުރުމަށް ކަމަށެވެ. އަދި އެ ގޮތަށް އަންގާފައިވާނީ ފުލުހުންގެ ފަރާތުން ލިބޭ މައުލޫމާތުގެ މައްޗަށް ބަލާފައި ޕީޖީ އޮފީހުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅެއް ދެނަގަތުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުލުހުން ކިހިނެއްތޯ އަމަލުކުރީ އެ ދުވަހު އެ އެއްވުމާ ގުޅިގެން. އެކަން ބުނެދިނުމަށް އެދިފައިވާނީ،" އެ އޮފިޝަލް ވިދާޅުވި އެވެ. "]ފުލުހުންގެ ފަރާތުން[ ލިބޭ މައުލޫމާތުގެ މައްޗަށް ބަލާފައި އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅެއް ދެނަގަތުމަށް ]އެގޮތަށް އެންގީ[."
އޮފިޝަލް ވިދާޅުވީ ފުލުހުން އެ ދުވަހު އަމަލުކުރި ގޮތެއް އަންނަ ބުދަ ދުވަހުގެ ކުރިން ޕީޖީ އޮފީހަށް ބުނެދިނުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.
ސުޕްރީމް ކޯޓު ކައިރި އަށް ބުރާސްފަތި ދުވަހު އެއްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ޝަރީއަތް އޮތް ގަޑިއަށެވެ. އެ ދުވަހު އެމްޑީޕީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާއި މަޖިލީހުގެ ބައެއް މެންބަރުން ވެސް އެ އެއްވުމުގައި ބައިވެރިވި އެވެ. އަދި އެ ތަނުން ބައެއް މީހުން ވަނީ ސުޕްރީމް ކޯޓަށް ފެން ޖަހައި ފުޅި ފަދަ ތަކެތި ވެސް އުކައިފަ އެވެ.
އެއްވެ އުޅުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން ޝަރުއީ ކޯޓުތައް ދޮށަށް އެއްވުމަކީ މަނާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ